"ސުލްތާން" އާއި "ބަޖްރަންގީ ބައިޖާން"އަށް ވުރެ "ޓިއުބުލައިޓް" ކުރުކޮށްފި
"ސުލްތާން" އާއި "ބަޖްރަންގީ ބައިޖާން"އަށް ވުރެ "ޓިއުބުލައިޓް" ކުރުކޮށްފި

އަންނަ އީދު ދުވަހު "ޓިއުބުލައިޓް" ނެރުމުގެ އެންމެ ފަހުގެ ތައްޔާރީތައް އެ ފިލްމުގެ ބަތަލު ސަލްމާން ޚާން އަންނަނީ ކުރަމުންނެވެ.

ޑައިރެކްޓަރު ކަބީރް ޚާން އުފައްދާ ފިލްމުތަކަކީ އާދައިގެ ގިނަ ހިންދީ ފިލްމުތަކަށް ވުރެ ތަންކޮޅެއް ދިގު ފިލްމުތަކަކަށް ވުމާ އެކު މިފަހަރުގެ ފިލްމަކީ ވެސް ދިގު ފިލްމަކަށް ވާނެ ކަމަކަށް ގިނަ ބަޔަކު ހީކުރި އެވެ. ނަމަވެސް "ޓިއުބުލައިޓް" އަކީ ސަލްމާނާއި ކަބީރް ޚާންގެ ފިލްމުތަކުގެ ތެރެއިން ވެސް ފާހަގަކޮށްލެވޭ ވަރުގެ ކުރު ފިލްމަކަށް ވަނީ ވެފަ އެވެ.

"ޓިއުބުލައިޓް" ކުރިން އޮތީ ދެ ގަޑި 35 މިނިޓްގެ ފިލްމެއް ގޮތަށެވެ. ނަމަވެސް ޕޯސްޓް ޕްރޮޑަކްޝަން މަރުހަލާގެ ތެރެއިން ފިލްމުގެ ބައެއް މަންޒަރުތައް އުނިކޮށް ދެ ގަޑި 16 މިނިޓަށް ކުރުކޮށްފައިވާ ކަމަށްވެ އެވެ.

މިއީ ސަލްމާންގެ އެންމެ ފަހުގެ ދެ ރިލީޒްކަމަށްވާ "ސުލްތާން" އާއި "ބަޖްރަންގީ ބައިޖާން" އަށް ވުރެ ކުރު ފިލްމަކަށް މިހާރު ވެފައި ވެއެވެ. "ސުލްތާން" އަކީ ދެ ގަޑި 50 މިނިޓްގެ ފިލްމެކެވެ. "ބަޖްރަންގީ ބައިޖާން" އަކީ ދެ ގަޑި 40 މިނިޓްގެ ފިލްމެކެވެ. އޭގެ ކުރިން ރިލީޒްވި "ޕްރޭމް ރަތަން ދަން ޕާޔޯ" އަކީ ތިން ގަޑިއިރުގެ ފިލްމެކެވެ.

"ޓިއުބުލައިޓް" ކުރުކޮށްލަން، ފިލްމު އުފެއްދި ފަރާތުން ނިންމީ ސިންމާތަކަށް ފިލްމު ބަލަން ދާ މީހުން ދެ ގަޑިއިރަށް ވުރެ ގިނަ އިރުގެ ފިލްމެއް ބަލަން މިހާރު އެހާ ބޭނުން ނުވާކަން ސާވޭތަކުން ދައްކާތީ ކަމަށް ވެ އެވެ.

އެންމެ ކުރިން "ޓިއުބުލައިޓް" އޮތީ ދެ ގަޑިި 35 މިނިޓަށް ފައްތައި، ފުރިހަމަކޮށްފަ އެވެ. ނަމަވެސް ފަހުން ވަނީ 19 މިނިޓް އެޑިޓް ކޮށްފަ އެވެ.

ފިލްމު ކުރުކޮށްލުމުގައި ޑައިރެކްޓަރުގެ އިތުރު މަގްސަދެއް ވެސް އެބައޮތެވެ. އެއީ "ޓިއުބުލައިޓް" އަކީ ވަރަށް އަސަރުގަދަ އިމޯޝަނަލް ފިލްމަަކަށް ވާތީ މިކަހަލަ ފިލްމެއް ބެލުންތެރިންނާ ގުޅިފައި ގިނަ ވަގުތުު ބަހައްޓަން އުނދަގޫވާނެތީ އެވެ.

"ޓިއުބުލައިޓް" އަކީ 1962 ގައި ކުރި އިންޑިޔާ-ޗައިނާ ހަނގުރާމައިގެ ދުވަސްވަރަށް ބިނާކޮށްފައިވާ ފިލްމެކެވެ. މިއީ އެމެރިކާ ފިލްމެއް ކަމަށްވާ "ލިޓްލް ބޯއި" ގެ އެޑަޕްޓޭޝަނެކެވެ. މިއީ ހަނގުރާމަޔަށް ދާ ކޮއްކޮ ހަނގުރާމަ އަށް ފަހު ވެސް ނައުމުން އޭނާގެ ބޭބެ ލަކްޝްމަން އޭނާ ހޯދަން ކުރާ ދަތުރެއްގެ ވާހަކަ އެކެވެ. ސަލްމާން އާއި ކޮއްކޮ ސުހައިލް މި ފިލްމުގެ ދެބެންގެ ރޯލު ކުޅެފައިވާއިރު ބަތަލާ އަކީ ޗައިނާގެ ޒޫ ޒޫ އެވެ.

ސަލްމާންގެ އެންމެ ފަހުގެ ފިލްމު "ސުލްތާން" 300 ކްރޯޑު (30 ބިލިއަން ރުޕީސް) އަށް ވުރެ ގިނައިން ހޯދާފައިވެ އެވެ. ފިލްމީ ވިޔަފާރީގެ ތަޖުރިބާކާރުން ލަފާކުރަނީ "ޓިއުބުލައިޓް" އަށް މިއަށް ވުރެ މާ ބޮޑު ކާމިޔާބީއެއް ލިބޭނެ ކަމަށެވެ.