ޖާންވީ ފިލްމު ކުޅުމަށްވުރެ ކައިވެނިކުރާތަން ދެކެން މާ ބޭނުން: ޝްރީދޭވީ
ޖާންވީ ފިލްމު ކުޅުމަށްވުރެ ކައިވެނިކުރާތަން ދެކެން މާ ބޭނުން: ޝްރީދޭވީ

ދޮށީ ދަރިފުޅު ޖާންވީ ކަޕޫރު ފިލްމީ ދުނިޔެއަށް ވަނުމަކީ މަންމައެއްގެ ހައިސިއްޔަތުން ޝްރީދޭވީ އެހާ ގަބޫލުކަމެއް ނޫނެވެ.

ޝްރީދޭވީ، 53، މިޑްޑޭ ނޫހަށް ދިން އިންޓަވިއުއެއްގައި ބުނި ގޮތުގައި ޖާންވީ ފިލްމު ކުޅުމަށްވުރެ ކައިވެނިކުރާ ދުވަސް ދެކެން އޭނާ މާ ބޭނުމެވެ. އަދި އެ ދުވަހަކުން އޭނާ މާ އުފާވާނެ ކަމަށް ބުންޏެވެ.

ޝްރީދޭވީގެ މިފަހަރުގެ އިންޓަވިއުގައި ވަނީ އޭނާގެ ދެ ދަރިން ކަމަށްވާ ޖާންވީ އާއި ޚުޝީއާ ބެހޭ ގޮތުން މީގެ ކުރިން ދުވަހަކު ވެސް ވާހަކަ ނުދައްކާ ވަރަށް އެ ކުދިންގެ ވާހަކަ މީޑިއާއާ ހިއްސާ ކޮށްފަ އެވެ.

ޖާންވީ ފިލްމު ކުޅެން ފަށާތީ އިންޑަސްޓްރީ ތެރޭގައި އޭނާގެ އަޑު މިހާރު ވަނީ ގުގުމާލާފަ އެވެ. ނަމަވެސް ކަރަން ޖޯހަރްގެ "ސްޓޫޑަންޓް އޮފް ދަ އިޔާ 2" ވެސް ޖާންވީ ކުޅެން އެއްބަސްނުވީ ޝްރީދޭވީ ހިތްހަމަނުޖެހިގެންނެވެ.

ޝްރީދޭވީ ބުނި ގޮތުގައި "ސްޓޫޑަންޓް އޮފް ދަ އިޔާ 2" ކުޅެން ޖާންވީ ވަރަށް ބޭނުންވި އެވެ. ނަމަވެސް އެންމެ ކުރިން ޖާންވީ ފިލްމު ކުޅެން އޭނާ ހިތްހަމައެއް ނުޖެހުނެވެ.

"އަހަރެން ނުބުނަން ފިލްމު އިންޑަސްޓްރީއަކީ ގޯސް ތަނެކޭ. އަހަންނަކީ ވެސް އެ އިންޑަސްޓްރީން އުފެއްދި އެކްޓަރެއް. ނަމަވެސް މަންމައެއްގެ ހައިސިއްޔަތުން އޭނާ ކައިވެންޏެއް ކޮށްގެން ދިރިއުޅުމެއް ފަށާތަން ދެކެން އަހަރެން މާ ބޭނުން. ނަމަވެސް ޖާންވީ ހިތްހަމަޖެހޭކަމަށް އަހަރެން ވެސް އިސްކަންދޭތީ އޭނާ ފިލްމު ކުޅެން އެއްބަސްވީ. އަދި ބަތަލާއެއްގެ ގޮތުން އޭނާއަށް ކާމިޔާބީތަކެއް ހާސިލު ކުރެވިއްޖެނަމަ އޭނާގެ މަންމައަށް ވީތީ އަހަރެން އެކަމާ ފަޚުރުވެރި ވާނަން،" ޝްރީދޭވީ ބުންޏެވެ.

ޝްރީދޭވީ ބުނި ގޮތުގައި މީގެ ކުރިން އޭނާ ބައެއް ޕާޓީތަކާއި އިވެންޓްތަކަށް ދާއިރުވެސް ޖާންވީ އާއި ޚުޝީ ގޮވައިގެން ދެ އެވެ. ނަމަވެސް އެހެން ހަދަން ފެށުމުން އޭނާ ޖާންވީ ޕްރޮމޯޓް ކުރަނީކަމަށް ބަޔަކު މީހުން އަޑު ފަތުރަން ފެށި އެވެ. ނަމަވެސް ދަރިން ގޮވައިގެން އޭނާ ތަންތަނަށް ދަނީ އަމިއްލަ އުފަލަށްޓަކައި ކަމަށާއި ނަމަވެސް ދުނިޔެ ދެކެނީ އެގޮތަށް ނޫން ކަމަށް ވެސް ޝްރީދޭވީ ބުންޏެވެ.

ޖާންވީގެ ފުރަތަމަ ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ޝްރީދޭވީ ބުނީ ޖާންވީ ތައާރަފްވަނީ ޝާހިދު ކަޕޫރުގެ ކޮއްކޮ އިޝާން ކައްތަރް އާ އެކު "ސައިރަތު" ކިޔާ މަރާޓީ ފިލްމެއްގެ ހިންދީ ރިމޭކް އިން ކަމަށެވެ.

އެންމެ ކުރިން ޚަބަރު ފެތުރިފައި އޮތީ ޖާންވީ އާއި ސާރާ އަލީ ޚާން އަދި އިޝާން މި ފިލްމުގައި އެކުގައި މަސައްކަތް ކުރާ ކަމަށެވެ. ނަމަވެސް ސާރާ ވަނީ އެކްތާ ކަޕޫރުގެ ގޭންގާ ގުޅިފަ އެވެ. އަދި އޭނާގެ ފުރަތަމަ ފިލްމަކީ ބާލާޖީން ޕްރޮޑިއުސްކުރާ ސުޝާންތު ސިންގް ރާޖްޕޫތު ބަތަލުގެ ބައި ކުޅޭ ފިލްމެކެވެ.