100 އަށްވުރެ ގިނަ ފިލްމު ކުޅެފައިވާ އަމްރިތު މަރުވެއްޖެ
100 އަށްވުރެ ގިނަ ފިލްމު ކުޅެފައިވާ އަމްރިތު މަރުވެއްޖެ

ބޮލީވުޑްގެ 100 އަށް ވުރެ ގިނަ ފިލްމު ކުޅެފައިވާ ކުރީގެ އެކްޓަރެއް ކަމަށްވާ އަމްރިތު ޕާލް ހޯމަ ދުވަހު މަރުވެއްޖެ އެވެ.

މިތުން ޗަކްރަބަތީ، އަނިލް ކަޕޫރު، ވިނޯދް ކަންނާ އަދި ދަރުމެންދުރަ ފަދަ އެކްޓަރުންގެ ރަން ޒަމާނުގައި އެމީހުން ކުޅެފައިވާ ވަރަށް ގިނަ ފިލްމުތަކުގައި އަމްރިތު ޕާލް ވަނީ ނުބައިބައި ރޯލު ކުޅެފަ އެވެ. އޭނާގެ ހުރި ހަމައެކަނި ދަރިފުޅު ބުނި ގޮތުގައި ބައްޕަ ބަލިވެ އުޅޭތާ ހައެއްކަ މަސް ވެއްޖެ އެވެ. އަދި މަރުވިއިރު އެނދުން ނުތެދުވެވި އޮންނަތާ ވެސް ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށް އޭނާގެ ދަރިފުޅު ބުންޏެވެ.

އަމްރިތު ޕާލް "ޖާލް"، "ގަސަމް"، "ޕިޔާރް ކެ ދޯ ޕަލް" އަދި "ފަރިޝްތޭ" ފަދަ ފިލްމުތަކުގައި ކުޅެފައިވާ ނުބައިބައި ރޯލުތަކަކީ ވަރަށް ފާހަގަ ކޮށްލެވޭ ރޯލުތަކެކެވެ.

ފިލްމު އިންޑަސްޓްރީގައި ޒަމާންތަކެއް ވަންދެން އަމްރިތު މަސައްކަތް ކޮށްފައިވާއިރު ފާހަގަކޮށްލެވޭ ރަނގަޅު ފިލްމުތަކެއް ވަނީ ކުޅެފަ އެވެ. ޚާއްސަކޮށް ޕޫނަމް ދިލަން އާއި މިތުން ޗަކްރަބަތީގެ "ޕިޔާރް ކޭ ދޯ ޕަލް" ގައި އޭނާ ކުޅެފައިވާ ރޯލު މިހާރުވެސް އެ ފިލްމު ބެލި ގިނަ ބަޔަކު ހަނދާންކުރެ އެވެ.

މިއަހަރަކީ ހިންދީ ފިލްމު އިންޑަސްޓްރީގެ ވަރަށް މަޝްހޫރު އަދި ކުޅަދާނަ ގިނަ އެކްޓަރުންތަކެއް މަރުވި އަހަރެކެވެ. އޭގެ ތެރޭގައި ވިނޯދް ކަންނާ، އޯމް ޕޫރީ އަދި ރީމާ ލާގޫ ފަދަ ތަރިން ހިމެނެ އެވެ.