އައުބަމަޔަންގް ހޯދަން ލިވަޕޫލާއި ސިޓީ ގަދަ ހިފުމަކަށް
އައުބަމަޔަންގް ހޯދަން ލިވަޕޫލާއި ސިޓީ ގަދަ ހިފުމަކަށް

ލަންޑަން (ޖޫން 20) - ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅޭ ގެބޮންގެ ފޯވާޑް ޕިއޭ އެމެރިކް އޮބާމަޔަންގް ހޯދަން އިނގިރޭސި ޕްރިމިއާ ލީގުގެ ދެ ކްލަބް ކަމަށްވާ ލިވަޕޫލާއި މެންޗެސްޓާ ސިޓީން ގަދަ ހިފުމަކަށްދާން ޖެހިއްޖެ އެވެ.

އައުބަމަޔަންގް ހޯދަން ލިވަޕޫލާއި ސިޓީ ގަދަ ހިފުމަކަށް
އައުބަމަޔަންގް ހޯދަން ލިވަޕޫލާއި ސިޓީ ގަދަ ހިފުމަކަށް

މި ފަހަރުގެ ޓްރާންސްފާގައި ޑޯޓްމަންޑް ދޫކޮށްލަން ނިންމާފައިވާ އޮބާމަޔަންގް ފުރަތަމަ މަޝްވަރާކުރީ ފްރާންސްގެ ގަދަބާރު ޕީއެސްޖީއާ އެވެ. އޮބާމަޔަންގް ޕީއެސްޖީ އަށް ސޮއިނުކުރީ އޭނާ ބޭނުންވާ މުސާރަދޭން ޕީއެސްޖީން ދެކޮޅު ހެދުމުންނެވެ.

އަންނަ ސީޒަނަށް އިތުރު ފޯވާޑެއް ގެންނަން ލިވަޕޫލާއި ސިޓީން އަންނަނީ މަސައްކަތް ކުރަމުންނެވެ. ސިޓީން ވަނީ މިހާތަނަށް މޮނާކޯގެ މިޑްފީލްޑަރު ބެނާޑޯ ސިލްވާ އާއި ބެންފީކާގެ ކީޕަރު އެޑުއާޑޯ ސޮއިކޮށްފަ އެވެ. ލިވަޕޫލުން ވަނީ ޗެލްސީ އަށް ކުޅޭ އިންގްލެންޑަށް 20 އަހަރުން ދަށުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ޓީމުގެ މުހިއްމު ކުޅުންތެރިއާ ޑޮމިނިކް ސޮލާންކޭ ގެންނަން އެއްބަސްވުމަކަށް އައިސްފަ އެވެ.

ރިޕޯޓްތައް ބުނާގޮތުގައި އޮބާމަޔަންގް ވިއްކަން ޑޯޓްމަންޑުން ނިންމާފައިވާ އަގުކަމަށްވާ 61 މިލިއަން ޕައުންޑް ހުށަހަޅަން ލިވަޕޫލާއި ސިޓީން އޮތީ ތައްޔާރަށެވެ. ދެ ކްލަބުން ވެސް އެ އަގު ހުށަހަޅައިފިނަމަ ދެން ބޭނުން ކްލަބެއް އިހުތިޔާރުކުރާނީ ދެ ކްލަބުންދޭން ނިންމާ މުސާރަ އަށް ބެލުމަށް ފަހު އޮބާމަޔަންގެވެ.

އޮބާމަޔަންގަކީ ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕްއާ އެކު ޑޯޓްމަންޑުގައި މަސައްކަތްކުރި ކުޅުންތެރިއެކެވެ. ރިޕޯޓްތައް ބުނާގޮތުން މިއީ އޮބާމަޔަންގް ހޯދަން ލިވަޕޫލުން ކުރާ މަސައްކަތުގައި އެ ޓީމަށް އޮތް އެޑްވާންޓޭޖެކެވެ. އެހެން ނަމަވެސް ލިވަޕޫލަށް ދިމާވާނެ މައްސަލަ އަކީ އޮބާމަޔަންގް ދޭން ބުނާ މުސާރަ ނުދެވުމެވެ.

ސިޓީން ވަނީ މިދިޔަ ސީޒަނަށް ފަހު ނުވަ ކުޅުންތެރިން ދޫކޮށްލައިފަ އެވެ. އޭގެ ތެރޭގައި ސިޓީ ފުރަތަމަ އެގާރައިގައި މިދިޔަ ސީޒަނުގައި ކުޅުނު ބައެއް ކުޅުންތެރިން ހިމެނެ އެވެ. އެހެން ކަމުން އިތުރު ކުޅުންތެރިން އެ ޓީމަށް ގެންނައިރު ބޮޑު މުސާރަ އަށް ކުޅުންތެރިން ސޮއިކުރުމުގައި އެ ޓީމަށް މާ ބޮޑު ހުރަހެއް ދިމާނުވާނެ އެވެ.

މިދިޔަ ސީޒަނަކީ އުމުރުން 28 އަހަރުގެ އޮބާމަޔަންގްގެ އެންމެ ކާމިޔާބު ސީޒަނެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގައި ކުޅުނު 45 މެޗުން 40 ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފަ އެވެ. ފްރާންސްގެ ސެއިން އެޓިއެން ދޫކޮށް އޮބާމަޔަންގް ޑޯޓްމަންޑަށް ސޮއިކުރީ 2013 ވަނަ އަހަރު އެވެ.