20 ޖޫން 2017 - 15:04

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ދަށުން އައްޑޫ ހުޅުމީދޫގައި އިމާރާތް ކޮށްފައިވާ 48 ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ތިން ވަނަ ފަހަރަށް ހުޅުވާލައިފި އެވެ.

އެ ފްލެޓްތަކަށް ކުރިމަތިލާން އެންމެ ފުރަތަމަ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ހުޅުވާލި ނަމަވެސް، ދިން މުއްދަތުގެ ތެރޭގައި އެކަށީގެންވާ އަދަދަކަށް ކުރިމަތިލައިފައި ނުވާތީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ދެ ވަނަ ފަހަރަށް އަލުން ހުޅުވައިލި އެވެ.
އެހެން ނަމަވެސް ދެ ފަހަރަށް ހުޅުވާލައިގެން ވެސް އެކަށީގެންވާ އަދަދަށް ހުޅުމީދޫ ފްލެޓަށް ކުރިމަތިލައިފައި ނުވާތީ ހައުސިން މިނިސްޓްރީން މިހާރު ވަނީ އަލުން ފުރުސަތު ހުޅުވާލައިފަ އެވެ. އެ ގޮތުން ފްލެޓްތަކަށް ކުރިމަތިލާން ޝައުގުވެރިވާ މީހުންނަށް މިއަދުން ފެށިގެން ވަނީ ފޯމް ދޫކުރަން ފަށައިފަ އެވެ.
ފޯމް ދޫކުރާނީ ހައުސިން މިނިސްޓްރީގެ ލޭންޑް ބިލްޑިން އެންޑް މުނިސިޕަލް ސާވިސް ޑިޕާޓްމަންޓްގެ ހުޅުމީދޫ ޔުނިޓުންނެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ފޯމް ޑައުންލޯޑް ވެސް ކުރެވޭނެ އެވެ.
މިނިސްޓްރީން ބުނީ ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު، އަންނަ އޮގަސްޓް މަހުގެ 9 ވަނަ ދުވަހާ ހަމަ އަށް އޮންނާނެ ކަމަށެވެ.
ހުޅުމީދޫގެ އިތުރުން ހިތަދޫގައި ވެސް ސަރުކާރުން ވަނީ 264 ފްލެޓް އިމާރާތްކޮށްފަ އެވެ. އެ ފްލެޓްތަކަށް ކުރިމަތިލާން މިދިޔަ އަހަރު ހުޅުވާލުމުން 585 މީހަކު ވަނީ ކުރިމަތިލައިފަ އެވެ.
އެހެން ނަމަވެސް އެ ފްލެޓްތައް ދޫނުކުރެވި ދިގުލައިގެން ދާތީ، އައްޑޫގެ ވަރަށް ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ ޒިޔާދު "މިހާރު" އަށް މިއަދު ވިދާޅުވީ އީދު ބަންދު ނިންމާލައި ސަރުކާރު ހުޅުވުމާ އެކު، ހިތަދޫގެ ފްލެޓްތައް ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.
"ތައްޔާރީތައް މިހާރު ހުރީ ވެފައި. އެހެންވީމާ ދެން މާ ލަސްތަކެއް ނުވެ، ފްލެޓްތައް ލިބޭ މީހުން އަޅުގަނޑުމެން އިއުލާން ކުރާނަން،" އޭނާ ވިދާޅުވި އެވެ.
ހިތަދޫގައި އިމާރާތް ކުރި ފްލެޓްތަކަކަކީ އައްޑޫގެ ގުޅިފައިވާ ހުރިހާ އަވަށެއްގެ ރައްޔިތުންނަށް ހާއްސަކޮށްގެން އިމާރާތް ކުރި ފްލެޓްތަކެވެ.
ފްލެޓްތަކަށް ޑައުންޕޭމަންޓްގެ ގޮތުގައި 25،000ރ. ދައްކަން ޖެހޭ އިރު، މަހު ކުއްޔަކީ 3،000ރ. އެވެ.