މައްސަލަ ހައްލުކޮށް ކޮންޓޭ ޗެލްސީގެ އެއްބަސްވުން އާކުރަނީ
މައްސަލަ ހައްލުކޮށް ކޮންޓޭ ޗެލްސީގެ އެއްބަސްވުން އާކުރަނީ

ލަންޑަން (ޖޫން 20) - ޗެލްސީގެ ޑިރެކްޓަރުންނާ ޖެހިފައިވާ މައްސަލަ ހައްލުކޮށް އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އެ އެ ކްލަބާ އެކު ހަދާފައިވާ އެއްބަސްވުން އާ ކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ކޮންޓޭއާ ޗެލްސީގެ ޑިރެކްޓަރުންނާ މައްސަލަ ޖެހުނު އަނެއް ސަބަބަކީ ރިޕޯޓްތައް ބުނާ ގޮތުގައި އެ ކްލަބުގެ ފޯވާޑް ޑިއޭގޯ ކޮސްޓާ ބޭނުންނުވާކަން އެސްއެމްއެސްއެއް މެދުވެރިކޮށް ކޮންޓޭ އެންގި މައްސަލައިގަ އެވެ. އަދި ކޮންޓޭ ބޭނުންވާ ކުޅުންތެރިން ގަންނަން ޑިރެކްޓަރުންގެ ސަޕޯޓް ފުރިހަމަ އަށް ނުލިބޭތީ އާއި ކުޅުންތެރިން ގަނެވެން އޮތީ ޓީމުގެ ބައެއް ކުޅުންތެރިން ވިއްކައިގެން ކަމަށް ކޮންޓޭ އަށް އެންގުމުންނެވެ.

މި މައްސަލައިގައި ކޮންޓޭ ވަނީ ޗެލްސީގެ ޑިރެކްޓަރުންނާ އެކު އެ ޓީމުގެ ވެރިޔާ ރޯމަން އަބްރަހަމޮވިޗާ ބައްދަލުކޮށްފަ އެވެ. އަދި އެ ބައްދަލުކުރުންތަކަށް ފަހު ކޮންޓޭ މިހާރު ވަނީ އެ ޓީމާ އެކު އެއްބަސްވުން އާ ކުރަން ނިންމާފައިކަމަށް މަޝްހޫރު ކުޅިވަރު މީޑިއާ ސްކައިސްޕޯޓްސް އިން ރިޕޯޓްކުރެ އެވެ.

ޗެލްސީން ކޮންޓޭ އަށް އިތުރު ތިން އަހަރުގެ އެއްބަސްވުމެއް ދޭނެ ކަމަށް ބެލެވޭއިރު މި ކޮންޓްރެކްޓްގައި ބުނާގޮތުން އޭނާ އަށް އަހަރަކު 10 މިލިއަން ޕައުންޑް ލިބޭނެ އެވެ. މިއީ ޗެލްސީ ތާރީހުގައި ކޯޗަކަށްދޭނެ އެންމެ ބޮޑު މުސާރަ އެވެ.

ކޮންޓޭ ހޯދުމަށް އިޓަލީގެ ބައެއް ކްލަބްތަކުން ވެސް މަސައްކަތްކުރި އެވެ. އޭގެ ތެރޭގައި އިންޓަ ހިމެނެ އެވެ.

ކޮންޓޭ ވަނީ ޗެލްސީއާ ހަވާލުވެ ފުރަތަމަ ސީޒަނުގައި އެ ޓީމަށް ޕްރިމިއާ ލީގު ކާމިޔާބުކޮށްދީފަ އެވެ. އެފްއޭ ކަޕުގެ ފައިނަލުން އާސެނަލް އަތުން ބަލިވިއިރު އެ މެޗަށް ފަހު އޭނާ ބުނީ ޓީމު އިތުރަށް ވަރުގަދަކުރަން ޖެހޭ ކަމަށެވެ.

އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ޗެލްސީން އަންނަނީ ކުރިން އެ ޓީމަށް ކުޅުނު އެވަޓަންގެ ލުކާކޫ އާއި ޔުވެންޓަސްގެ އަލެކްސް ސަންޑްރޯ އަދި ނަޕޯލީގެ ކަލިދޫ ކުލިބަލީ ގެންނަން މަސައްކަތް ކުރަމުންނެވެ. އަދި ރެއާލް މެޑްރިޑްގެ ފޯވާޑް އަލްވާރޯ މޮރާޓާ އާއި އާސެނަލްގެ އަލެކްސް އޮކްސްލޭޑް ޗަމްބަލެއިން އަށް ވެސް ޗެލްސީން އަންނަނީ ފާރަލަމުންނެވެ.