"އެ އަލިފާންގަނޑު އައީ ގަސްތަކުގެ މަތިން"
"އެ އަލިފާންގަނޑު އައީ ގަސްތަކުގެ މަތިން"

ޕޯޗުގަލްގެ ޖަންގަލި އެންމެ ބޮޑު ސަރަހައްދުގައި ރޯވެ އަދިވެސް އަނދަމުން ދާއިރު ސަލާމަތްވި ބައެއް މީހުން ހާދިސާ ސިފަކުރީ ބިރުވެރިކަމުން ފުރިގެންވާ ކަމެއްގެ ގޮތުގަ އެވެ.

ވާޖިލިއޯ ގޯޑިންހޯ އަށް ފެނުނީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި މުޅި ވިލެޖް އަނދައިގެން ދިޔަ ތަނެވެ.

"އެ އަލިފާންގަނޑު ފެތުރުނީ ބިންމައްޗަކުން ނޫން، ވައިގެ ތެރޭގައި، ގަސްތަކުގެ މަތިން،" އޭނާ ބުންޏެވެ.

"ދިހަ ކިލޯމީޓަރުގެ ސަރަހައްދެއްގައި ހުރި ހުރިހާ އެއްޗެއްގައި އެންމެ މަސް މިނިޓްގެ ތެރޭގައި ރޯވެއްޖެ."

އެ ސަރަހައްދުގައި އުޅޭތާ އެތައް އަހަރެއް ވީ ވެނެޒުއޭލާގެ ބެޓީ ޖީސަސް ބުނި ގޮތުގައި އެވަރުގެ އަލިފާނެއް އޭނާ ދުވަހަކު ވެސް ނުދެކެ އެވެ.

"އަލިފާނުގެ އެތައް ހާދިސާއެއް އަހަރެން ދެކެފިން، އެކަމަކު ފެތުރިގެން ދިޔަ ސްޕީޑަށް ބަލާއިރު މިވަރުގެ ކަމެއް ނުދެކެން،" ބެޓީ ބުންޏެވެ.

މި ހާދިސާގައި މިހާތަނަށް ވަނީ 64 މީހަކު މަރުވެފަ އެވެ. އޭގެ ތެރެއިން ގިނަ މީހުން މަރުވެފައި ވަނިކޮށް ފެނުނީ ސަލާމަތްވާން ވެގެން ދަތުރުކުރި ކާރުތަކުގެ ތެރޭގައި ތިއްބަ އެވެ. އަދި ވެހިކަލުން ބޭރުގައި މަރުވެގެން ވެއްޓިފައި ތިބި 17 މީހަކު ވެސް ފެނިފައިވެ އެވެ. ބެލެވޭ ގޮތުގައި އެ މީހުން މަރުވީ ވެހިކަލުން ނުކުމެގެން ދުވެފައި ދަނިކޮށެވެ.

ކާރުތަކުގައި މަރުވި އެންމެން ވެސް ދަތުރުކުރީ އެއް މަގެއްގަ އެވެ. އެ މަގަށް ޕޯޗުގަލްގެ މީޑިއާ އިން މިހާރު ނަން ދީފައި ވަނީ "މަރުގެ މަގު"ގެ ނަމުންނެވެ.

އަލިފާން ނިންވުމުގެ މަސައްކަތުގައި އުޅޭ މީހުން ބުނާ ގޮތުގައި ހޫނު ގަދަވުމާއި ވައި ބާރުކަމުން، އަލިފާންގަނޑު އަދިވެސް ދަނީ އަނދަމުންނެވެ. މި ހަފުތާގައި އެ ސަރަހައްދުގެ ހޫނުމިން 38 ޑިގްރީއަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ.

މިހާތަނަށް 70 ޕަސެންޓް އަލިފާން ނިންވާލެވުނަސް މިހާރު އަނދަމުން ދާ އަލިފާންގަނޑަކީ ބިރެއް ކަމަށް، ކަމާ ބެހޭ ފަރާތްތަކުން ބުނެ އެވެ.

ވެރިރަށް ލިޒްބަންއާ 200 ކިލޯމީޓަރު ދުރުގައި އޮންނަ ފަރުބަދަ މަތީ އަދި ޖަންގަލީ ސަރަހައްދު ކަމަށްވާ ޕެޑްރޮގާއޯ ގްރާންޑްގައި އަލިފާން ރޯވީ ގަދަ ހޫނުގައި ހޮނު އަޅައިގެން ކަމަށް، ރަސްމީ ފަރާތްތަކުން ލަފާކުރެ އެވެ.

ޕޯޗުގަލްގައި މިއަދަކީ ވެސް ގައުމީ ހިތާމައިގެ ދުވަހެކެވެ.