އައިއެސް އަށް އެހީވެދިން އެމެރިކާ ދެ މީހަކު ކުށްވެރިވެއްޖެ
އައިއެސް އަށް އެހީވެދިން އެމެރިކާ ދެ މީހަކު ކުށްވެރިވެއްޖެ

ކެލިފޯނިއާ (ޖޫން 22) - އިސްލާމިކް ސްޓޭޓް (އައިއެސް) އަށް އެހީވެ ދިން އެމެރިކާގެ ކެލިފޯނިއާގެ ދެ މީހަކު ކުށްވެރިވާ ކަމަށް ފެެޑެރަލް ކޯޓަކުން ނިންމައިފި އެވެ.

ދެ ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދިޔަ ޝަރީއަތަށް ފަހު ކުށްވެރިވާ ކަމަށް ހުކުމްކުރީ އުމުރުން 25 އަހަރުގެ ދެ މީހުން ކަމަށްވާ ނަދަރު އަލް ހުޒަޔަލް އާއި މުހާނަދު ބަދަވީ އެވެ. އެ ދެ މީހުން މިދިޔަ އަހަރު ހައްޔަރުކުރީ ތުރުކީ އަށް ދާން ލޮސް އެންޖަލިސް އިން ފްލައިޓަށް އަރަނިކޮށެވެ. އެ ދެ މީހުން މަސައްކަތް ކުރީ އައިއެސްއާ ގުޅުމަށެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ ކެލިފޯނިއާގެ ދެ މީހުން ވަނީ ޝަހީދުންގެ ގޮތުގައި މަރުވާން ބޭނުންވާ ކަމަށް ސޯޝަލް މީޑިއާގައި ބުނެފަ އެވެ. އަދި އައިއެސްއާ ގުޅެން ބޭނުންވާކަން މީގެ ތެރޭން އެކެއްގެ ފޭސްބުކުގައި ލިޔެފައިވާ ކަމަށް ވެސް ޕްރޮސެކިއުޓަރުން ބުނެ އެވެ. އަދި އަނެއް މީހާގެ ފޭސްބުކް ޕްރޮފައިލްގައި އައިއެސްގެ ދިދަލާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

އައިއެސް އަށް އެހީވެދީފައިވާތީ އެ ދެ މީހުންނަށް 15 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ބެލެވެ އެވެ. އަދި މީގެ ތެރޭން އެކަކު ފްރައުޑް ބޭންކް އެކައުންޓެއް ގެންގުޅެފައިވާތީ އޭނާ އަށް 30 އަހަރުގެ ހުކުމެއް އަދި އަނެއް މީހާ އަށް ފަސް އަހަރުގެ ހުކުމެއް އައުން އެކަށީގެންވެ އެވެ. ދެ މީހުންގެ މައްޗަށް ހުކުމް ކުރުން އޮންނާނީ ސެޕްޓެމްބަރު 19 އަދި 26 ގަ އެވެ.