20 ޖޫން 2017 - 08:22

ހަމާސް އިން ވެރިކަން ކުރަމުން އަންނަ ފަލަސްތީނުގެ ގާޒާގެ ރައްޔިތުން މިހާރު އެންމެ ކަންބޮޑުވާ އެއް މައްސަލައަކީ ގަތަރުން ދެމުން އަންނަ އެތައް ސަތޭކަ މިލިއަން ޑޮލަރުގެ އެހީ ހުއްޓިދާނެތީ އެވެ.

ސައުދީ އަރަބިއްޔާ، މިސްރު، ޔޫއޭއީ، ބަހުރެއިން ފަދަ ގައުމުތަކުން ގަތަރާ ގުޅުން ކަނޑާލައި، އިގުތިސާދީ ގޮތުން އެކަހެރިކުރުމުގެ ފިޔަވަޅުތައް ގަތަރާ ދެކޮޅަށް އަޅާފައިވާތީ އޭގެ އަސަރު ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނާ ކުރާނެ ގޮތަކާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.
ގާޒާގައި ގަތަރުން ތަރައްގީކުރަމުން އަންނަ ޝެއިހު ހަމަދު ސިޓީ އަށް އެކަނި ބަލައިލިޔަސް ގަތަރުގެ އެހީތެރިކަން ހުއްޓިއްޖެ ނަމަ ވާނެ ގޮތް ލަފާކޮށްލެވޭނެ އެވެ. ގާޒާގެ އެންމެ ހިތްގައިމު ހިސާބުގަނޑުގެ ގޮތުގައި މިހާރު ބެލެވޭ މި ސަރަހައްދު ތަރައްގީކުރަން ފެށީ، ގަތަރުން ފައިސާ ހޭދަކޮށްގެން 2012 ގަ އެވެ. އެތަނުގައި ފިހާރަތަކާއި އާ ސްކޫލަކާއި ހިތްގައިމު މިސްކިތެއްގެ އިތުރުން ފެހި ސަރަހައްދުތައް ވެސް ހިމެނެ އެވެ.
އަދިވެސް އިމާރާތްތައް އަންނަނީ ހަދަމުންނެވެ. މަސައްކަތް ކުރާ އަޑު އިވިއިވި ހުރެ އެވެ.
އެންމެ ކުޑަ އާމްދަނީއެއް ލިބެމުން އަންނަ ދެ ހާހެއްހާ މީހުން މިހާރު ވަނީ އެ ސިޓީ އަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ.
ފަލަސްތީނު ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެ މީހުންނަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ ގަތަރު ގެއްލިދާނެތީ އެވެ.
"އޭރުން އެ އަނިޔާ ލިބޭނީ އަހަރެމެންނަށް،" އާންމު މީހެއް ކަމަށްވާ ބަހާ ޝަލަބީ ބުންޏެވެ.
"ހުރިހާ ކަމެއް ހުއްޓޭނެ. ފައިސާ، އެހީތެރިކަން، އިމާރާތްތައް، އެހެން ބިނާތައް ވެސް."
މި ފަހުން ގަތަރުން ވަނީ ގާޒާގައި ހޮސްޕިޓަލާއި އިމާރާތްތަކާއި މަގުތައް ހަދަން އެތައް ސަތޭކަ މިލިއަން ޑޮލަރެއް ހޭދަކޮށްފަ އެވެ. އަދި 1 ބިލިއަން ޑޮލަރުގެ އެހީ ދޭން ވައުދުވެފައިވެ އެވެ. އެކަމަކު ޓެރަރިޒަމަށް ވާގިވެރިވާކަމުގެ ތުހުމަތުގައި އަރަބި ބައެއް ގައުމުތަކުން ގަތަރާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ އަސަރު ފަލަސްތީނު ރައްޔިތުންނަށް ކުރާނެ ގޮތެއް އަދި ނޭނގެ އެވެ.
ގާޒާގެ މުހިންމު މަގެއްގެ މަސައްކަތުގައި އިންޖިނިއަރެއްގެ ގޮތުން އުޅެމުން އަންނަ ހަނަފީ ސަދުﷲ ބުނި ގޮތުގައި ގަތަރުގެ އެހީތެރިކަމުގެ ކުޑަ މިންވަރެއް ހުއްޓާލިޔަސް ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވާނެ ނުބައި އަސަރު ބޮޑުވާނެ އެވެ.
"އެތައް ސަތޭކަ މަސައްކަތު މީހުންނެއް އަހަރެމެން އެބަ ގެންގުޅެން، އެއިން ކޮންމެ މީހަކު ވެސް އާއިލާއެއް ބަލަހައްޓާ،" އޭނާ ބުންޏެވެ.
"ގާޒާގައި ވަޒީފާ ނެތުމުގެ މައްސަލަ ވަރަށް ބޮޑު. އެހެންކަމުން ގަތަރުން އެހީ ހުއްޓާލައިފި ނަމަ އެ އެންމެން މަސައްކަތެއް ނެތި ގޭގައި ތިބެން ޖެހޭނީ."
ފަލަސްތީނުގެ ރަސްމީ ފަރާތްތަކުން ބުނާ ގޮތުގައި ގާޒާގައި ވަޒީފާ ނެތް މީހުންގެ އަދަދު 40 ޕަސެންޓަށް ވުރެ މައްޗެވެ. އެއީ ދުނިޔޭގެ ނިސްބަތުން ވެސް އެންމެ މަތީ އަދަދެވެ.
ސައުދީ އަރަބިއްޔާ އިން ގެންދަނީ ހަމާސްއާ ގުޅުން ކަނޑާލަން ގަތަރަށް މަޖުބޫރުކުރަމުންނެވެ. ގާޒާގައި ހަމާސް އިން ވެރިކަން ކުރަމުން އަންނަނީ، މީގެ 10 އަހަރު ކުރިން، ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެ ޖަމާއަތުން ކާމިޔާބުކުރިތާ އަހަރެއްހާ ދުވަސް ފަހުން، ފަލަސްތީނިއަން އޮތޯރިޓީގެ ސަލާމަތީ ބާރުތައް، އެ ސަރަހައްދުން ބޭރުކުރުމަށް ފަހު އެވެ.
ހަމާސް އިން ބުނާ ގޮތުގައި ގާޒާގައި ގަތަރުން ކުރާ ކޮންމެ ކަމެއްގެ ފައިދާ ލިބެނީ ރައްޔިތުންނަށެވެ.
"ގެތައް އަޅަމުން އެ ގެންދަނީ ހަމާސްއަކަށް ނޫން، މަގުތައް ހަދާފައި އެވަނީ ހަމާސްއަކަށް ނޫން،" ހަމާސްގެ އިސް ވެރިއެއް ކަމަށްވާ މުހައްމަދު ޒަހާރު ވިދާޅުވި އެވެ.
"އިންސާނިއްޔަތަށް ބޭނުންވާ ހޮސްޕިޓަލްތަކާއި ސްކޫލްތައް ވެސް އެ ހަދަނީ ފަލަސްތީނުގެ ރައްޔިތުންނަށް. ގަތަރުގެ މައްސަލާގައި ހަމާސް އަށް ފޫޅުކެނޑުމަކީ ގޯހެއް."
ބޭރުން ލިބޭ އެހީތައް ހަމާސް އިން ބޭނުންކުރަނީ އަސްކަރީ ގޮތުން އެ ޖަމާއަތް ވަރުގަދަކުރަން ކަމަށް އިޒުރޭލުން ތުހުމަތުކުރެ އެވެ. އެފަދަ ތުހުމަތުތަކާ ހެދި ގަތަރުން ހުރިހާ މަޝްރޫއުއެއް ހިންގަނީ ގާޒާގައި އެ ގައުމުގެ އޮފީހެއް ގާއިމްކޮށް، ސީދާ ކޮންޓްރެކްޓަރުންނާ ނުވަތަ އދ.ގެ އެޖެންސީތަކާ މުއާމަލާތްކޮށްގެންނެވެ.
ގާޒާގެ ރައްޔިތުން އެދެނީ މިހާރު ކުރިމަތިވެފައިވާ މައްސަލައަށް އަވަސް ހައްލެއް އަންނާށެވެ. އެހެން ނޫނީ ހުރިހާ ގެއްލުމެއް ވެސް އޮތީ އެ ނިކަމެތި ރައްޔިތުންނަށްކަން އެ މީހުންނަށް ވިސްނެ އެވެ.