19 ޖޫން 2017 - 19:26

އިއާދަކުރުވަނިވި ހަކަތަ އާއި އަލަށް ތައާރަފްވަމުން އަންނަ ޓެކްނޮލޮޖީގެ ސިޔާސަތުތައް ސިޔާސީ ޕާޓީޓަކުގެ މެނިފެސްޓޯގައި ހިމަނައިގެން އިގްތިސާދު ބައްޓަން ކުރާ ނަމަ، ރައްޔިތުން ބޭނުންވާ ތަރައްގީ ލިބޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ގްލޯބަލް ސޯލާ ފައިނޭންސް އެންޑް އިންވެސްޓްމަންޓް ސަމިޓުގައި ދެއްވި ކީނޯޓް އެޑްރެސްގައި ނަޝީދު ވިދާޅުވީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ އެކު ދިރިއުޅުމަށާއި އިގްތިސާދީ ހަރަކާތްތަކަށް ބޮޑެތި ބަދަލު ގެނެސް އާ ޓެކްނޮލޮޖީ ބަލައިގަނެ، އެފަދަ ވަސީލަތްތަކުގެ މައްޗަށް އިގްތިސާދު ބިނާކުރަން ޖެހިފައިވާ ކަމަށެވެ.
ގައުމުތަކުގެ ވެރިންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މޫސުމަށް އަންނަ ބަދަލުތަކާއެކު މުސްތަގުބަލު ބިނާކުރެވޭނެ ގޮތްތަށް ހޯދުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެކަމަކު ހައްދުފަހަނައަޅާފައިވާ ސިޔާސީ އަދި އިގްތިސާދީ ވިސްނުމުގެ ތެރެއިން އެކަން ނުވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ޓެރަރިޒަމްގެ ކުށުގައި ޖަލަށް ލާފައި ވަނިކޮށް ބޭސް ފަރުވާ އަށް އިނގިރޭސި ވިލާތަށް ވަޑައިގެން، އެ ގައުމުގެ ހިމާޔަތް ހޯއްދަވައިގެން އުޅުއްވާ ނަޝީދު ވިދާޅުވީ އިގްތިސާދީ ދުވެލި އިތުރުކުރުމަށް "ލޯ ކާބަން" ސިޔާސަތުތަކެއް އެކުލަވާލަން ޖެހޭ ކަމަށެވެ. ކާބަން މަދުކުރުމުގެ ސިޔާސަތުތަކުގެ ސަބަބުން ވަޒީފާގެ ފުރުސަތު އިތުރުވާނެ ކަމަށާއި މިއީ ސިޔާސީ ގޮތުން ބަލާއިރު ވެސް ފައިދާވާނެ ވިސްނުމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖެއަކީ ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމަށް އެމްޑީޕީ ސަރުކާރުގައި ނިންމެވުމުން އެއީ ނުވާނެ ކަމެއް ކަމުގައި އެތައް ބަޔަކު ދެކުނެވެ. އެކަމަކު އިއާދަކުރަނިވި ހަކަތައިން އަގު ހެޔޮކޮށް ކަރަންޓު ފޯރުކޮށްދެވޭނެ ކަން އޭގެފަހުން ހާމަވެފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ސޯލާ، ބެޓެރީ އާއި ހައިބްރިޑް ސިސްޓަމްތަކުން ހެޔޮ އަގުގައި ރާއްޖެއަށް ކަރަންޓު ފޯރުކޮށްދެވޭނެ ކަމުގައި ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި އިއާދަކުރަނިވި ހަކަތައިގެ ސަބަބުން ހެޔޮއަގުގައި ކަރަންޓު ފޯރުކޮށްދެވުމާއި ވަޒީފާގެ ފުރުސަތު އިތުރުވުމަކީ ސިޔާސީ ލީޑަރުންގެ މަގުބޫލުކަން އިތުރުވެގެންދާނެ ކަމެކެވެ.
އާ ޓެކްނޮލޮޖީ އާއި ކަރަންޓު ކާރުތަކާއި އިއާދަކުރަނިވި ހަކަތައިގެ ވިސްނުން ސިޔާސީ ބޭފުޅުން ބަލައިގަތުމަށާއި ޕާޓީތަކުގެ މެނިފެސްޓޯތަކުގައި ހިމެނުމަށް ނަޝީދު ގޮވާލެއްވި އެވެ.