19 ޖޫން 2017 - 17:48

ކަނޑު ދަތުރު ކުރާ މީހުނަށް ބޭނުންވާ މަސުލޫމާތު ފަސޭހައިން ފޯރު ކޮށްދޭ "އޮންބޯޑް ޑޮޓް އެމްވީ" ވެބްސައިޓް ލޯންޗް ކޮށްފި އެވެ.
ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ފެރީ ދަތުރު ކުރާ ގަޑިތަކާ، ދަތުރުވެރިންނަށް އެންމެ ބޭނުންތެރި މައުލޫމާތު އެ ވެބްސައިޓުން ލިބޭނެ އެވެ.
އެ ވެބްސައިޓް ލޯންޗްކޮށް އޮންބޯޑުން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ ރާއްޖެއަކީ ކަނޑު ދަތުރު ކުރުން އާންމު ގައުމެއް ނަމަވެސް ދަތުރުކުރާނެ މައުލޫމާތު ހޯދުން ދަތި ގައުމެއް ކަމަށެވެ.
"އޮންބޯޑް ޑޮޓް އެމްވީ މެދުވެރިކޮށް ދަތުރުގެ ހިދުމަތް ދޭ ފަރާތްތަކުން ދަތުރުވެރިންނަށް އެއްތަނަކުން މައުލޫމާތު ހިއްސާ ކުރެވޭނެ. ފެރީތަކުގެ އިތުރުން ރަށްރަށަށް ގަވަައިދުން ދަތުރު ކުރާ އުޅަނދު ޖައްސާ ރަށްތަކާއި ދަތުރުކުރާ ދުވަސްތަކާއި އަގު އަދި ހިދުމަތް ދޭ ފަރާތަށް ގުޅޭނެ ނަންބަރު ވެބްސައިޓުން ފަސޭހައިން ފެންނާނެ،" އޮންބޯޑްއެމްވީ އިން ނެރުނު ނޫސަބަޔާނުގައި ބުނެފައިވެ އެވެ.
އެ ވެބްސައިޓުގައި މި ވަގުތު ރާއްޖޭގައި ހިންގާ ފެރީތަކުގެ މައުލޫމާތު ލިބެން އެބަހުއްޓެވެ. އަދި ފިތުރު އީދުގައި ދަތުރުވެރިންނަށް ފަސޭހަ ކޮށްދޭން ހާއްސަ ބައެއް މިދުވަސްވަރު ވެބްސައިޓުގައި ވަނީ ހިމަނާފަ އެވެ.
އޮންބޯޑް ޑޮޓް އެމްވީ އިން ބުނި ގޮތުގައި އެ ހިދުމަތް އެންމެ ފުރިހަމަ ގޮތުގަައި ފޯރު ކޮށްދެމުން ގެންދާނީ އެންމެ ފުޅާ ދާއިރާގައި ފެރީ ހިދުމަތްތައް ދޭ ފަރާތްތަކުގެ އިތުރުން ގިނަ އަދަދެއްގެ އަމިއްލަ ފެރީ ތަކާ ގުޅިގެންނެވެ. އަދި ވެބްސައިޓުން ލިބޭ ހިދުމަތްތައް ކުރިއަށް ތަނުގައި ފުޅާވާނެ ކަމަށް ވެސް އޮންބޯޑުން ބުންޏެވެ.
"ދަތުރު ހިދުމަތް ދޭ ފަރާތްތަކަށް ކައިރި މުސަތަގްބަލެއްގައި ވެބްސައިޓް ގައި ރަޖިސްޓްރީކޮށް ދަތުރުތައް ނަގައި ކުއްޔަށް އުޅަނދު ނެގުން (ޗާޓާ ކުރުން) މަގުފަހި ވާނެ،" އޮންބޯޑުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
އޮންބޯޑް ޑޮޓް އެމްވީ ގެ މަގްސަދަކީ ކަނޑުދަތުރުފަތުުރު ކުރާ މީހުނަށް ފަސޭހަ ކޮށްދީ، ދަތުރުކުރުން އިތުރު ކުރުން ކަމުގައި އެ ފަރާތުން ބުންޏެވެ. އަދި ދަތުރުކުރުމުގެ އިންތިޒާމް ފަސޭހަ ވުމުން ކަނޑުމަގުން މުދާ އުފުލާ މިންވަރާ ރަށްރަށަށް މީހުން ގޮސް އުޅޭ ނިސްބަތް އިތުރު ވާނެ ކަމަށް އޮންބޯޑް ޑޮޓްއެމްވީން އުއްމީދު ކުރެއެވެ. އެ ވެބްސައިޓް ގައި ދަތުރުގެ ހިދުމަތް ދޭ ފަރާތްތަކަށް ހިލޭ ރަޖިސްޓްރީކޮށް މައުލޫމާތު ހުށަހެޅޭނެ އެވެ.