އަނިލް ކަޕޫރާއި ޝްރީދޭވީ "މިސްޓަ އިންޑިއާ 2"ގެ މަސައްކަތް ފަށަނީ
އަނިލް ކަޕޫރާއި ޝްރީދޭވީ "މިސްޓަ އިންޑިއާ 2"ގެ މަސައްކަތް ފަށަނީ

ޝްރީދޭވީ ކުޅެ މިހާރު ރިލީޒްކުރަން ތައްޔާރުވެފައިވާ "މޮމް"ގެ މަސައްކަތް ނިމުމުން އަނިލް ކަޕޫރާއެކު "މިސްޓަ އިންޑިއާ 2"ގެ މަސައްކަތް ފަށަން ހަމަޖެހިފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފި އެވެ.

ޝްރީދޭވީ އާއި އަނިލް ކަޕޫރު މީގެ 30 އަހަރު ކުރިން ކުޅުނު "މިސްޓަ އިންޑިއާ" އަކީ ވަރަށް މޮޅު އެހާމެ ކާމިޔާބު ފިލްމެކެވެ. އަދި ފިލްމުން މި ދެ ތަރިންނަށް ވަރަށް ބޮޑު މަގްބޫލުކަމެއް ލިބުނެވެ. އެހެންވެ، 1987 ގައި އުފެއްދި މި ފިލްމުގެ ސީކުއަލްއެއް އުފައްދާ ވާހަކަތައް ދެކެވޭތާ ވަަނީ ވަރަށް ގިނަ ދުވަސް ވެފަ އެވެ. ނަމަވެސް މިހާތަނަށް މިފަދަ ފިލްމެއް އުފެއްދޭ ގޮތް އޮތީ ނުވެފަ އެވެ.

ބޮލީވުޑްގެ ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި "މިސްޓަ އިންޑިއާ"ގެ ދެ ވަނަ ފިލްމެއް އަނިިލް ކަޕޫރާއި ޝްރީދޭވީ ވަރަށް އަވަހަށް ކުޅެން ފަށާނެ އެވެ. ކުރީގެ ފިލްމުގެ ވާހަކަ މިފަހަރުގެ ފިލްމުގައި ވެސް ކުރިޔަށް ގެންދަން ހަމަޖެހިފައި ވިޔަސް ހަމައެކަނި ނަމަކަށް އެކަން ކުރަން ބޭނުން ނުވާތީ މިހާތަނަށް ވެސް ފިލްމު ނުފެށި އޮތީ ކަމަށް ޓައިމްސް އޮފް އިންޑިޔާއަށް މައުލޫމާތު ދިން މީހަކު ބުނެފައިވެ އެވެ. އެމީހާ ބުނި ގޮތުގައި މިހާރު ވަނީ ފިލްމު އުފައްދާނެ ހިތްހަމަޖެހޭ ވަރުގެ ރަނގަޅު ވާހަކައެއް ވެސް ލިބިފަ އެވެ.

ނަމަވެސް މިފަހަރުގެ ފިލްމު ޑައިރެކްޓްކުރާނީ އެ ފިލްމުގެ އޮރިޖިނަލް ޑައިރެކްޓަރު ޝޭކަރް ކަޕޫރެއް ނޫނެވެ. ޝޭކަރް މި ފިލްމު ޑައިރެކްޓްކޮށްދިނުމަށް އިންކާރުކޮށްފައިވާ ކަމަށްވެ އެވެ. އެހެންވެ އެހެން ޑައިރެކްޓަރަކު ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ބެލެވޭ ގޮތުގައި ޑައިރެކްޓަރު އޯމްޕްރަކާޝް މެހެރާ ނުވަތަ "މޮމް"ގެ ޑައިރެކްޓަރު ރަވީ އުދަޔާވީރް އާ ދެ މީހުން ކުރެ އެކަކަށް މި ފިލްމު ޑައިރެކްޓްކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

ރާވާފައިވަނީ އަނިލް އާއި ޝްރީދޭވީ ކުރީގެ ފިލްމުގައި ވެސް އަދާކުރި ރޯލު އަދާކުރާ ގޮތަށެވެ. އަދި ޒުވާން އޭގެ އިތުރުން ޒުވާން ބަތަލަކާއި ބަތަލާއެއް ފިލްމުގައި ހިމެނުމަށެވެ.