ޔާމީން މަރާލި މީހުންގެ މަގުސަދު ހާމަކޮށްދިނުމަަށް އާއިލާއިން އެދިއްޖެ
ޔާމީން މަރާލި މީހުންގެ މަގުސަދު ހާމަކޮށްދިނުމަަށް އާއިލާއިން އެދިއްޖެ

ބްލޮގާ ޔާމީން ރަޝީދު މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ މީހުން ކަމަށް ބުނެ ފުލުހުން އާއްމުކޮށްފައިވާ ތިން މީހުންގެ މަގުސަދު ހާމަކޮށްދިނުމަށް އޭނާގެ އާއިލާ އިން މިއަދު އެދިއްޖެ އެވެ.

ހަށިގަނޑުގެ އެކި ތަންތަނަށް ވަޅި ހަރައި، އަނިޔާވެރި ގޮތަކަށް ޔާމީން 29، މިދިޔަ އޭޕްރީލް 23 ވަނަ ދުވަހު މަރައިލި މައްސަލާގައި ހަތް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ޔާމީން މަރައިލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ބުނާ ތިން މީހުންގެ މައުލޫމާތު ރޭ ފުލުހުން އާންމުކުރި އެވެ.

ފުލުހުން ބުނީ ޔާމީން މަރާލުމުގައި ބައިވެރިވެފައިވަނީ މ. ޠާއިފް އިސްމާއީލް ރަޝީދު، 25، އާއި ހ. އަންނާރު މާގޭ އިސްމާއީލް ހައިޝަމް ރަޝީދު، 21، އާއި މ. އިރާސްމިކުގޭ އަހްމަދު ޒިހާން އިސްމާއީލް ކަމަށެވެ.

އެކަމާ ގުޅިގެން ޔާމީންގެ އާއިލާއިން ނެރުނު ބަޔާނުގައި ބުނީ އޭނާގެ މަރާ ގުޅުން ހުރި މީހުންގެ މައުލޫމާތުތައް އާއްމުކޮށްފައި ވާތީ އެކަން އެ އާއިލާ އިން ބަލައިގަންނަ ކަމަށެވެ. ނަމަވެސް އެކަމުގައި ބައިވެރިވެފައި ވަނީ ހަމައެކަނި އެ ތިން މީހުން ކަމަކަށް ޔާމީންގެ އާއިލާ އިން ގަބޫލެއް ނުކުރެ އެވެ.

އަދި މިއީ ގިނަ ދުވަސްތަކެއް ވަންދެން ރާވައިގެން ބަޔަކު ފައިސާ ޚަރަދުކޮށްގެން ހިންގި ކަމެއް ކަމަށް އާއިލާ އިން ބުނެފައި ވެ އެވެ.

ފުލުހުން އާއްމުކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި ޔާމީން މަރާލާފައިވަނީ އުމުރުން 25 އަހަރުން ދަށުގެ ތިން ޒުވާނުން ކަމަށާއި އެމީހުން ޔާމީން މަރާލި މަގުސަދު ސާފުނުވާ ކަމަށް ވެސް އާއިލާގެ ބަޔާނުގައިވެ އެވެ.

"މި ތިން ޒުވާނުން ޔާމީން މަރާލުމުގެ ނިޔަަތާއި މަގުސަދެއް އަޅުގަނޑުމެންނަކަށް ސާފެއް ނުވެ އެވެ. އަދި އެ މަގުސަދު ފުލުހުން ހާމަކޮށްދިނުމަށް އެދެމެވެ،" އާއިލާ އިން ބުންޏެވެ.

އެ އާއިލާ އިން ފާހަގަކޮށްފައިވާ ގޮތުގައި ޔާމީންގެ މަރުގެ މައްސަލާގައި ފުލުހުން ހިންގާ ތަހުގީގަށް މިހާތަނަށް އެކަމުގެ އަޑީގައި ތިބި މީހުން ދެނެގަނެވިފައެއް ނުވެ އެވެ. އެހެންވެ އާއިލާގެ އެދުމަކީ އެ މީހުންގެ މައުލޫމާތު އާއްމުންނަށް ހާމަކޮށް، ވީހާ ވެސް އަވަހަކަށް އެމީހުން އިންސާފުގެ ކުރިމައްޗަށް ގެނެސް ހައްގު އަދަބު ދިނުނމަށް ކަމަށް ވެސް ޔާމީންގެ އާއިލާ އިން ބުންޏެވެ.

"މިފަދަ އަމަލުތައް ރާވާ ބަޔަކު ރާއްޖޭގައި ތިބި ކަމަށް އަޅުގަނޑުމެން ގަބޫލުކުރާއިރު، މިކަން ހުއްޓުވޭނެ ހަމައެކަަނި ގޮތަކީ މިފަދަ އަނިޔާވެރި ރޭވުންތައް ރާވައި ހިންގާ މަގުސަދު ދެނެގަނެ އެކަން ކުރާ ބަޔަކު އިންސާފުގެ ކުރިމައްޗަށް ގެނެސް ހައްގު އަދަބު އިންސާފުގެ މަގުން އެމީހުންނަށް ލިބުމުންނެވެ،" ސ. ފޭދު އަށް އުފަން ޔާމީންގެ އާއިލާގެ ބަޔާނުގައިވެ އެވެ.