ރާއްޖޭގެ އެންމެ ބޮޑު ގެސްޓް ހައުސް ދިއްފުށީގައި އަޅަނީ
ރާއްޖޭގެ އެންމެ ބޮޑު ގެސްޓް ހައުސް ދިއްފުށީގައި އަޅަނީ

ރާއްޖޭގައި އަޅާ އެންމެ ބޮޑު ގެސްޓްހައުސް ގަތަރު ކުންފުންޏަކުން ކ. ދިއްފުށީގައި އަޅަން ފަށައިފި އެވެ.

ދިއްފުށީ ކައުންސިލްގެ މެމްބަރު އިބްރާހިމް މުބައްސިރު މިއަދު "މިހާރު" އަށް ވިދާޅުވި ގޮތުގައި 10 ބުރީގެ މި ގެސްޓްހައުސް އަޅަނީ އެ ރަށުގެ ދެކުނު ފަރާތުގައި އޮންނަ އަމިއްލަ މީހެއްގެ ގޯއްޗެއްގަ އެވެ. ގޮނޑުދޮށާ ގާތްގަނޑަކަށް 25 ފޫޓު ދުރުގައި އޮންނަ އެ ބިން ގަތަރު ކުންފުންޏަށް ދިނީ، އޭނާ ވިދާޅުވި ގޮތުގައި، އެ ތަން ކުއްޔަށް ނަގާފައިވާ މާލޭ ކުންފުނިންނެވެ.

މުބައްސިރު ވިދާޅުވީ ގެސްޓްހައުސް އެޅުމުގެ މަސައްކަތް މީގެ ދެތިން ދުވަސް ކުރިން ފަށާފައިވާ ކަމަށެވެ. މިހާރު ކުރި އަށް ދަނީ އެ ތަނަށް ސާމާނު ޖަމާކުރުމާއި އަމަލީ މަސައްކަތް ފެށުމުގެ ކުރިން ވާންޖެހޭ ތައްޔާރީތައް ވުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ހުށަހެޅި ކުރެހުމުގައި 10 ބުރި އަށް އަޅާ ގޮތަށް އޮތީ،" މުބައްސިރު ވިދާޅުވި އެވެ.

ދިއްފުށީގައި މިހާރު ވެސް ހަތް ގެސްޓްހައުސް އެބަހުއްޓެވެ. އެ ހުރިހާ ތަނެއް ވެސް އޮންނަނީ، ކައުންސިލުން ބުނި ގޮތުގައި، އަބަދުހެން ފުރިފަ އެވެ. އެހެންވެ، އަލަށް ހަދާ ގެސްޓްހައުސް ނިމުމުން އެ ރަށަށް ދާ ޓޫރިސްޓުންގެ އަދަދު އިތުރު ވާނެ ކަމަށް ކައުންސިލުން ދެކެ އެވެ.

ގެސްޓްހައުސްތަކާ ބެހޭ ގަވާއިދު ބުނާ ގޮތުން އެންމެ މަދުވެގެން ތިން ކޮޓަރި އަދި ހަ އެނދު ހުންނަންޖެހެ އެވެ. ގިނަވެގެން ވަކި ވަރެއް ކަނޑައަޅާފައި ނުވިޔަސް، މަދުވެގެން 25 ކޮޓަރި އަދި 50 އެނދު ހުންނަ ތަންތަން ހޮޓަލުގެ ގޮތުގައި ހިންގޭނެ އެވެ. އެކަމަކު، ދިއްފުށީގައި މި އަޅަނީ، އެނގިފައިވާ ގޮތުގައި، ހޮޓަލެއްގެ ބަދަލުގައި ގެސްޓްހައުސްއެކެވެ.

ރާއްޖޭގައި ހިންގާ ގެސްޓްހައުސްތަކުގައި އާއްމުކޮށް ހުންނަނީ 10 ވަރަކަށް ކޮޓަރި އެވެ. އެހެންވެ، ދިއްފުށީގައި ހަދަން ފަށާފައިވާ މި ތަނަކީ ރާއްޖޭގައި އަޅާ އެންމެ ބޮޑު ގެސްޓްހައުސް އެވެ.