19 ޖޫން 2017 - 14:12

މިއީ ފިތުރު އީދުގައި މާލޭގައި ތިބޭ މީހުންނަށް ވަރަށް އުފާވެރި ހަބަރަކަށް ވާނެ އެވެ. ރާއްޖޭގެ އެންމެ ނަން މަޝްހޫރު އަދި އެންމެ ކުޅަދާނަ ބޮޑުބެރު ބޭންޑުން މި ވަނީ އީދަށް މާލޭގައި ވަރަށް ކުލަގަދަ، ވަރަށް ބޮޑު ޝޯއެއް ބާއްވަން ނިންމައިފި އެވެ.
"ހަބޭސް އީދު ޝޯ" އޮންނާނީ މި މަހުގެ 26 ވަނަ ދުވަހުގެ ރޭ އަލިމަސް ކާނިވަލްގަ އެވެ. މި ޝޯގައި ހަބޭސްގެ ކުރިހާ ބޭންޑެއް ޕަފޯމް ކުރާނެ އެވެ. އޭގެ ތެރޭގައި ހަބޭސް ބޮޑުބެރު ބޭންޑް، ގްރެވިޓީ ބައި ހަބޭސް، ހަބޭސް ޕޮޕް އަދި ހަބޭސް ފިއުޝަން ހިމެނެ އެވެ.
މީގެ އިތުރުން ރިއްޓެ ވެސް ޝޯގައި ޕަފޯމް ކުރާނެ އެވެ.
ހަބޭސްގެ ވެރިޔާ އަލީ ޝިފާއު (ހަބޭސް އައްޔަ) ބުނީ މި ފަހަރު އީދުފައި ރާއްޖޭގެ އެއްވެސް އަތޮޅެއްގައި ޝޯ ނުދީ މާލޭގައި ޝޯއެއް ދެނީ ސީދާ ހަބޭސް އިން އިންތިޒާމްކޮށްގެން ކަމަށެވެ.
މި ޝޯގެ ތެރެއިން ވަރަށް ހާއްސަ ކަންތައްތަކެއް ފެނިގެން ދާނެ އެވެ. އެގޮތުން އަމިއްލަ ރާގުގެ ފަސް އަލްބަމް ޝޯގެ ތެރޭގައި ރިލީޒް ކުރާނެ އެވެ.
އެ އަލްބަމްތަކުގެ ތެރޭގައި ހިމެނެނީ ހަބޭސް ބޮޑުބެރު ބޭންޑްގެ "ކަނބުލޮ" އަލްބަމާއި ހަބޭސް ޕޮޕްގެ ލަވަ ކިޔުންތެރިޔާ ތޮލާގެ ސޯލޯ އަލްބަމަކާއި ގްރެވިޓީގެ ލީޑް ގިޓަރިސްޓް ޝަހީދުގެ ސޯލޯ އަލްބަމަކާއި މުއައްޒިންގެ ސޯލީ އަލްބަމެއްގެ އިތުރުން ގްރެވިޓީގެ އަލްބަމެވެ.
"މިއީ ރާއްޖޭގައި އެއް ފަހަރާ ފަސް އަލްބަމް ރިލީޒް ކުރާ ފުރަތަމަ ފަހަރަށް ވާނެ،" އައްޔަ ބުންޏެވެ.
އޭނާ ބުނީ ޝޯގެ ތެރޭގައި އަލްބަމްތައް ނެރުމަށް ފަހު، ހާއްސަ އަގުތަކެއްގައި އެ ރޭ އަލްބަމް ވިއްކާނެ ކަމަށެވެ.
"އޭގެ އިތުރަށް އާޓިސްޓުން ސޮއި ހޯދަން ބޭނުންވާ ފޭނުންނަށް އާޓިސްޓުން އަލްބަމްގައި ސޮއި ވެސްކޮށް ދޭނެ،" އައްޔަ ބުންޏެވެ.
"ހަބޭސް އީދު ޝޯ" ގެ ތެރޭގައި ހަބޭސްގެ މޮއިބައިލް އެޕް ރަސްމީކޮށް ލޯންޗްކޮށް، ބޭންޑްގެ އާ ވެބްސައިޓް ރިބްރޭންޑް ކުރުން ވެސް އޮންނާނެ އެވެ.
"އެހެންވީމާ މި ޝޯ ބަލާލަން ހުރިހާ ފޭނުން ވެސް އަންނާށޭ ބުނެލަން ބޭނުން ވަނީ. ވަރަށް ފޯރި ގަދަ ވާނެ،" އައްޔަ ބުންޏެވެ.