ޝާހްރުކް ކުޅެފައިވާ "ޑޮން"ގެ ތިން ވަނަ ފިލްމެއް އިއުލާން ކުރަނީ
ޝާހްރުކް ކުޅެފައިވާ "ޑޮން"ގެ ތިން ވަނަ ފިލްމެއް އިއުލާން ކުރަނީ

ޝާހްރުކް ޚާން ކުޅެފައިވާ އެކްޝަން-ތުރިލާ "ޑޮން" ސިލްސިލާގެ ތިން ވަނަ ފިލްމެއް ވަރަށް އަވަހަށް ފަށަން ހަމަޖެހިއްޖެ އެވެ.

ފަރްހާން އަޚްތަރާއި ރިތޭޝް ސިދްވާނީގެ ޕްރޮޑަކްޝަން ކޮމްޕެނީ އެކްސެލް އެންޓަޓައިންމަންޓުން ވަނީ 1978 ގައި އަމީތާބު ބައްޗަން ކުޅެފައިވާ މި ފިލްމުގެ ރައިޓްސް ގަނެފަ އެވެ.

އަދި 2006 ގައި "ޑޮން"ގެ ނަމުގައި ފުރަތަމަ ފިލްމު އުފައްދާފައި ވާއިރު ދެ ވަނަ ފިލްމެއް 2011 ގައި ނެރެފައިވެ އެވެ. އެ ފިލްމުގައި ލީޑް ރޯލު ކުޅުނީ ޝާހްރުކް އާއި ޕްރިޔަންކާ ޗޯޕްރާ އެވެ.

ޕީޓީއައި އަށް ރިތޭޝް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވާ ގޮތުގައި "ޑޮން 3" އުފެއްދުމަށް މިހާރު ވަރަށް ބޮޑަށް ވިސްނަމުން އަންނަ ކަަމަށާއި އެކަމަށް ބޭނުންވާ ރަނގަޅު ޚިޔާލެއް ލިބި އެ ޚިޔާލަށް ވާހަކަ ވެސް ލިޔެ ތައްޔާރުކޮށްފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް ރަސްމީގޮތުން ފިލްމު އިއުލާން ކުރާނެ ކަމަށް ވެސް ޕްރޮޑިއުސަރު ބުންޏެވެ.

މިފަހަރުގެ ފިލްމުގައި ބައިވެރިކުރާނެ ތަރިންނަކީ ކޮބައިތޯ އާއި ކުރީގެ ދެ ފިލްމު ވެސް ޑައިރެކްޓްކުރި ފަރްހާން މިފަހަރުގެ ފިލްމު ވެސް ޑައިރެކްޓްކުރާނެތޯ ވެސް އެނގޭނީ އެނައުންސްމަންޓަށް ފަހު ކަމަށް ވެސް ރިތޭޝް ބުންޏެވެ.

ރިތޭޝް ބުނި ގޮތުގައި އެމީހުންގެ ފިލްމު ކުންފުނިން މިހާރު ޕްރޮޑިއުސްކުރަމުންދާ ދެ ފިލްމާ މެދު އޭނާ ވަރަށް ހިތްހަމަޖެހެ އެވެ. މިތަނުން އެ ފިލްމަކީ އަކްޝޭ ކުމާރު ލީޑް ރޯލު ކުޅޭ "ގޯލްޑް" އެވެ. މި މަހުގެ ފަހުކޮޅު ޝޫޓިން ފެށުމަށް ހަމަޖެހިފައިވާ މިފިލްމުގެ ޑައިރެކްޓަރަކީ ތީމާ ކަގްޓީ އެެވެ. ނަމަވެސް އެ ކުންފުނިން ޕްރޮޑިއުސްކުރާ "ފުކްރޭ 2"ގެ މަސައްކަތް ނިމިފައިވާ ކަމަށާއި ޑިސެމްބަރު 8 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ ކަމަށް ރިތޭޝް ބުންޏެވެ.