ދުވަހަކުވެސް ދެން ރަންބީރާ އެކު ފިލްމެއް ނުކުޅޭނަން: ކެޓުރީނާ
ދުވަހަކުވެސް ދެން ރަންބީރާ އެކު ފިލްމެއް ނުކުޅޭނަން: ކެޓުރީނާ

ކުރީގެ ލޯބިވެރިޔާ ރަންބީރު ކަޕޫރާ އެކު ފިލްމު ކުޅޭތަން ދެން ދުވަހަކުވެސް ނުފެންނާނެ ކަމަށް ކެޓުރީނާ ކައިފް ބުނެފި އެވެ. މި ދެ ތަރިން އެކުގައި ކުޅެފައިވާ "ޖައްގާ ޖާސޫސް" ޕްރޮމޯޓްކުރުމުގައި ދެ މީހުން އެކުގައި ވަރަށް އެކުވެރިކޮށް އުޅޭތަން ފެނުނު ނަމަވެސް މީގެ ފަހުން ރަންބީރާ އެކު ފިލްމު ނުކުޅޭނެ ކަމަށް ކެޓުރީނާ ބުންޏެވެ.

"މިޑް ޑޭ" އަށް ކެޓުރީނާ ދީފައިވާ އިންޓަވިއުއެއްގައި ބުނި ގޮތުގައި ރަންބީރާ އެކު މަސަައްކަތް ކުރުމަކީ މިހާރު އޭނާއަށް ވަރަށް އުނދަގޫ ކަމެކެވެ. އަދި ރަންބީރު ވެސް ވަނީ އޭނާއާ އެކު ދެން މަސައްކަތް ނުކުރުމަށް އިޝާރާތެއް ދީފައި ކަމަށް ވެސް ކެޓުރީނާ ބުންޏެވެ. އެހެންވެ ދެން ދުވަހަކުވެސް އެކަން ނުވާނެ ކަމަށް ކެޓުރީނާ ބުންޏެވެ.

ކެޓުރީނާ މި ވާހަކަތައް ދެއްކީ "ޖައްގާ ޖާސޫސް"ގެ ޕްރެސް ކޮންފަރެންސެއްގައި ކަމަށްވާތީ ކައިރީގައި އެ ވާހަކަތައް އަޑުއަހަން ރަންބީރު ވެސް އިނެވެ. ނަމަވެސް މި ކަމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ރަންބީރު ނުދެއްކި އެވެ. އަދި އިތުރު ވާހަކަ ދައްކަން ވަގުތު ތަން ނުދޭ ކަމަށް ބުނެ އެހިސާބުން ރަންބީރު ވަނީ ޕްރެސް ކޮންފަރެންސް ނިންމާލާފަ އެވެ.

އެކުގައި ފިލްމު ނުކުޅެން ކެޓުރީނާ އާއި ރަންބީރު ނިންމި ނިންމުމަކީ އެމީހުންގެ ލޯބީގެ ގުޅުން ކެނޑިފައިވާތީ ނިންމާފައިވާ ނިންމުމަކަށް ވެދާނެ އެވެ. ނަމަވެސް އެ ދެ މީހުންގެ ވެސް ގާތް ރައްޓެއްސަކު ބުނި ގޮތުގައި ކައިރި މުސްތަގްބަލެއްގައި އެކުގައި ފިލްމެއް ކުޅެވޭ ވަރަށް ވުރެ ދެ މީހުންނަށް މަސައްކަތް ގިނަ އެވެ. ކުރިޔަށް އޮތް ދެތިން އަހަރަށް މި ދެ ތަރިން ވެސް ވަނީ އެ ފިލްމުތަކަށް ތާރީޚުތައް ދީ ފުރިފަ އެވެ.

ސަލްމާން ޚާނާ އެކު ކެޓުރީނާ ކުޅޭ "ޓައިގާ ޒިންދާ ހޭ"ގެ ބޮޑުބައެއްގެ ޝޫޓިން އަދި ނުނިމި އޮތް އިރު އާމިރު ޚާނާ އެކު ކުޅޭ "ތަގްސް އޮފް ހިންދުސްތާން"ގެ މަސައްކަތް އަދި ނުވެސް ފެށެ އެވެ. އަނެއްކޮޅުން ރަންބީރުގެ ސަންޖޭ ދަތު ބައޮޕިކްގެ އިތުރުން އަޔާން މުކަރުޖީގެ "ޑްރެގަން" ގެ މަސައްކަތް ވެސް އަދި އޮތީ ކުރިޔަށެވެ.

ސަލްމާނާއި ކެޓުރީނާ ވެސް ގިނަ ދުވަސްތަކެއް ވަންދެން ރައްޓެހިވެގެން އުޅުނެވެ. އަދި ކެޓުރީނާ ސަލްމާނާ ރުޅިވީ ރަންބީރާ ލޯބީގެ ގޮތުން ގުޅުމަށް ފަހު އެވެ. އެހެން ނަމަވެސް ސަލްމާނާ އެކު މަސައްކަތް ނުކުރާނެ ކަމަށް ކެޓުރީނާ ދުވަހަކު ވެސް ނުބުނެ އެވެ.

މިދިޔަ ހަފުތާ ތެރޭގައި ރަންބީރު ދީފައިވާ އިންޓަވިއުއެއްގައި ކެޓުރީނާ އަށް ޚާއްސަކޮށް ފިލްމެއް ޕްރޮޑިއުސްކޮށްދޭން ބޭނުންކަމަށް ބުނެފައި ވެ އެވެ. މިހާރު ބެލެވޭ ގޮތުން އެފަދަ ފިލްމެއް އުފެއްދިޔަސް އެ ފިލްމެއްގައި ކެޓުރީނާއާ އެކު ރަންބީރެއް ނުފެންނާނެ އެވެ.

"ޖައްގާ ޖާސޫސް" ނިންމުމާއި ރިލީޒްކުރުން ލަސްވީ ވެސް ކެޓުރީނާ އާއި ރަންބީރު އަމިއްލަ މައްސަލަތައް ބޮޑުވެގެން ކަމަށް މީގެ ކުރިން އަޑުތައް ފެތުރިފައި ވެއެވެ. ނަމަވެސް ދެ މީހުން އެކުގައި ފިލްމު ޕްރޮމޯޓްކުރުމުގެ ކަންތަކުގައި އުޅެން ފެށުުމުން މި އަޑުތައް ވަނީ މަޑުވެފަ އެވެ.