އޮސްމާނޭ ގެންނަން ބާސާ ތައްޔާރުވަނީ
އޮސްމާނޭ ގެންނަން ބާސާ ތައްޔާރުވަނީ

ޕެރިސް (ޖޫން 19) – ބާސެލޯނާ އިން އެހެން ހުރިހާ ކަމެއް ހުއްޓާލާފައި ވެސް ބޮރޫޝިއާ ޑޯޓްމަންޑުގެ ފްރާންސް ފޯވާޑް އޮސްމާނޭ ޑެމްބެލޭ މި ސީޒަނުގައި ގެންނަން މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފްރާންސުގެ ލެއިކުއިޕޭ ނޫހުން ބުނި ގޮތުގައި ބާސެލޯނާ އޮތީ އޮސްމާނޭ ގެނައުމުގެ މަސައްކަތް އަލުން ފަށަން ތައްޔާރަށެވެ. ފްރާންސުގެ ރޭނިސް އަށް ޑެމްބެލޭ ކުޅުނުއިރު ވެސް ބާސެލޯނާ އިން އޭނާ ޝޯޓްލިސްޓްކުރި އެވެ. އެކަމަކު މިދިޔަ ސީޒަނުގައި ޑޯޓްމަންޑުން އޭނާ ގެންދިޔައީ އެވެ.

ލެއިކުއިޕޭ އިން ބުނި ގޮތުގައި ބާސެލޯނާގެ ފްރާންސް ޑިފެންޑަރު ސެމުއެލް އުމްޓިޓީ އާއި އެ ކްލަބުގެ އެމްބެސެޑަރު އެރިކް އަބިދާލް ވަނީ އޮސްމާނޭ އަށް ތައުރީފްކޮށް ވާހަކަދައްކައިފަ އެވެ.

އޮސްމާނޭގެ އޭޖެންޓް މޫސާ ސިސޯކޯ ބުނީ އޮސްމާނޭ މި ވަގުތު ހުރީ ޗުއްޓީގައި ކަމަށާއި އޭނާގެ މުސްތަގުބަލާ ބެހޭގޮތުން ދެކެވޭ ކޮންމެ ވާހަކައަކަށް ކޮމެންޓް ކުރެވެން ނެތް ކަމަށެވެ. ސިސޯކޯ ބުނީ ޔޫރަޕުގެ ބޮޑެތި ބައެއް ކްލަބްތަކުން އޭނާ އަށް ޝައުގުވެރިވާ ވާހަކަ އަކީ ހަގީގަތެއް ކަމަށެވެ.

އުމުރުން 20 އަހަރުގެ އޮސްމާނޭ ވަނީ މިދިޔަ ސީޒަނުގައި ޑޯޓްމަންޑަށް ކުޅެދިން 49 މެޗުން 10 ގޯލް ޖަހައި 21 ލަނޑު ޖަހަން މަގުފަހިކޮށްދީފަ އެވެ. އޭނާ އަކީ ފޯވާޑް ލައިނުގެ ކޮންމެ މަގާމަކަށް ވެސް ކުޅެވޭ ކުޅުންތެރިއެކެވެ.

ޑޯޓްމަންޑުން މިދިޔަ އަހަރު 15 މިލިއަން ޔޫރޯ އަށް ގަތް އޮސްމާނޭ ވަނީ ފްރާންސް ގައުމީ ޓީމަށް ހަތް މެޗު ކުޅެދީ އެއް ގޯލް ޖަހައިފަ އެވެ. އޭނާއާ އެކު ފްރާންސްގެ ފޯވާޑަކަށް ދެން ކުޅޭ މޮނާކޯގެ ކީލިއަން އެމްބާޕޭ ގަތުމަށް ބާސެލޯނާއާ ވާދަވެރި ރެއާލް މެޑްރިޑުން ޝައުގުވެރިވެ އެވެ. އޭނާގެ އަގު 100 މިލިއަން ޔޫރޯ އަށް ވުރެ މަތިވާނެ ކަމަށް ބެލެވެ އެވެ.