20 ޖޫން 2017 - 08:19

އެމެރިކާ މީހެއް ކަމަށްވާ ޖެކް މާޓިން އާއި އިނގިރޭސި ވިލާތުގެ އަންހެނެއް ކަމަށްވާ ހެލަން ހަންޓާ މީގެ ދެ އަހަރު ކުރިން ބައްދަލުވީ އޮންލައިނުންނެވެ. އޭރުއްސުރެ ދެ މީހުންނަކީ ދެ ލޯބިވެރިންނެވެ.
ހެލަން، 43، އަކީ ތިއޭޓަރެއްގައި ވިއްސަކަށް އަހަރު މަސައްކަތްކުރި މީހެކެވެ. ނަމަވެސް އޭނާގެ މަންމައަށް ކެންސަރު ޖެހުމުން މަންމަ ބެލެހެއްޓުމުގެ ޒިންމާއާ ހަވާލުވެ ވަޒީފާ ދޫކޮށްލީ އެވެ. ހެލަންގެ މަންމަ ވަނީ މިއަހަރުގެ ޖެނުއަރީ މަހު އުމުރުން 75 އަހަރުގައި މަރުވެފަ އެވެ.
މަންމަގެ ބަލި ހާލު އެންމެ ބޮޑުވި ދުވަސްވަރު އޭނާއަށް އެންމެ ބޮޑަށް ހިތްވަރު ދިނީ ލޯބިވެރިޔާ ޖެކް ކަމަށް ހެލަން ބުންޏެވެ. ބައްޕަ ވެސް ދުނިޔޭގައި ނެތުމާ އެކު އެކަނިމާއެކަނި މަންމަ ބެލެހެއްޓުން ވީ ހެލަން އަށް ވަރަށް ހިތްދަތި ކަމަށެވެ.
ޖެކް އާއި ހެލަން އަކީ ވެސް ކުރިން ކައިވެނިކޮށް ވަރިވެފައި ތިބި ދެ މީހުންނެވެ. އެފަދަ ވަރަށް ގިނަ އެއްގޮތް ކަންތައްތަކެއް އެ ދެ މީހުންގެ ހުއްޓެވެ. ހެލަންގެ 21 އަހަރުގެ ފިރިހެން ދަރިފުޅަކު ހުރިއިރު ޖެކްގެ 22 އަހަރުގެ އަންހެންދަރިއެއް ހުއްޓެވެ.
ކިތަންމެ ދުރު ހިސާބެއްގައި ދެމީހުން ދިރިއުޅެމުން ދިޔަ ނަމަވެސް އެމީހުންގެ އޮތް ލޯބީގެ ގުޅުމާ ދޭތެރޭ ހެލަން ކުޑަކޮށް ވެސް ޝައްކެއް ނުކުރެ އެވެ. އަދި މާ ގިނަ ދުވަހެއް ނުވެ ދެމީހުން ބައްދަލުވެ އެކުގައި މުޅި އުމުރަށް ދިރިއުޅެވޭނެގޮތް ވާނެކަމުގެ ޔަގީންކަން ހެލަން އަށް އޮތެވެ.
މިދިޔަ މަހު ތިން ހަފުތާގެ މުއްދަތަކަށް ސަންޑަލޭންޑަށް ހެލަން ކައިރިއަށް އައުމަށް ޖެކް އޮތީ ރާވާފަ އެވެ. އަދި އެނބުރި ދާއިރު ޖެކާ އެކު ހެލަން އެމެރިކާއަށް ދާން ވެސް ދެ މީހުން އޮތީ ރާވާފަ އެވެ. ޖެކްގެ އާއިލާގެ މީހުންނާ ބައްދަލުކޮށް އެކުގައި ތަންތަން ބަލާލަން ދާން އެމީހުން ވަރަށް ގިނަ ރޭވުންތައް ދުރާލާ ރޭވި އެވެ.
އެންމެ ފަހުން ހެލަންއާ ވާހަކަ ދައްކަމުން ޖެކް ބުނީ އޭނާއަށް ލިބެން ޖެހޭ ޗެކްތަކެއް ނަގަން ދަނީ ކަމަށާއި އެއަށްފަހު ހެލަން ކައިރިއަށް ދާން ފުރާނެ ކަމަށެވެ. އަދި ހެލަންއާ ބައްދަލުކުރާހިތުން ކެތްމަދުވެފައިވާ ކަމަށް ޖެކް ބުނެފައިވެ އެވެ.
ހެލަންގެ މެސެޖަކަށް ޖެކް ޖަވާބެއް ނުދިން ފުރަތަމަ ދުވަހަކީ މިދިޔަ މަހުގެ 7 ވަނަ ދުވަހެވެ. އެހެންވެ ކޮންމެވެސް ކަމެއް ދިމާވެއްޖެކަމަށް ހެލަންގެ ހިތް ބުނަން ފެށި އެވެ.
އޭގެ މަދު ގަޑިއެއް ފަހުން ހެލަން އަށް ލިބުނީ ޖެކްގެ ކޮއްކޮ ވިކީގެ މެސެޖެކެވެ. ބޭސްބޯލް މެޗެއް ބަލަން ޓީވީ ކައިރީ އިންދާ ހާޓް އެޓޭކެއް ޖެހިގެން ޖެކް މަރުވި ވާހަކަ އެވެ. ކުއްލި ހިތާމައިން ހެލަންގެ ހާލު ދެރަވި އެވެ. އެކަމަކު ލޯބިވެރިޔާގެ ޖަނާޒާއަށް ދާން ނިންމައި އެކަމަށް ބޭނުންވާ 1000 ޑޮލަރު އޮންލައިން ކެމްޕޭނަކުން ހޯދި އެވެ.
މުޅި ދަތުރުމަތީ ވެސް ހެލަން އިނީ ޖެކް ފޮނުވި ޓީޝާޓެއްގައި ބައްދާލައިގެންނެވެ.
އާކަންސޯގެ އެެއާޕޯޓުން ހެލަން އާ ބައްދަލުކުރަން ގޮސް ހުރީ ޖެކްގެ ދަރިފުޅު ނިކޯލް އެވެ. އަދި އާއިލާގެ އެންމެންނަށް ވެސް ހެލަން އެނގޭ ކަމަށް ނިކޯލް ބުންޏެވެ. އަދި އޭނާގެ ބައްޕަ އާއި ހެލަން އެކަކު އަނެކަކު ދެކެ ލޯބިވާ މިންވަރު ވެސް އެނގޭ ކަމަށް ނިކޯލް ބުންޏެވެ.
ޖެކްގެ އެކުވެރިންނާއި އާއިލާގެ މީހުން ފަހުން ހެލަން ގާތު ބުނި ގޮތުގައި ޖެކް އަބަދުވެސް ދައްކަނީ ހެލަންގެ ވާހަކަ އެެވެ. އަދި އޭނާއާއެކު އުފާވެރި ދިރިއުޅުމެއް އުޅުމުގެ އުންމީދުގައި ޖެކް ހުރި ކަމަށް އެމީހުން ބުނެފައި ވެއެވެ.
ހެލަންއަށް އޭނާ އެންމެ ލޯބިވި މީހާ ޖެކް އާ ފުރަތަމަ ފަހަރަށް ބައްދަލުވީ އޭނާގެ ޖަނާޒާ ބޭއްވި ދުވަހުގެ ކުރީ ދުވަހު އެވެ.
"އޭނާއާ ދިމާލަށް ބަލާލުމުން ހީވަނީ އަހަންނާ ދިމާލަށް ހެވިފައި އޮތްހެން. އަހަރެން އޭނާގެ އަތުގައި ހިފާލައި ކޮލުގައި ފިރުމާލިން. އޭނާއާ ބައްދަލުނުކޮށް އެހާ ގިނަ ދުވަހު މަޑު ނުކުރެވުނު ނަމައޭ އަހަރެން ހިތަށް އެރި. އަހަރެމެން ދެ މީހުންނަށް އެކުގައި ދިރިއުޅެވޭނެ ފުރުސަތު ނުލިބުުމުން އަހަރެންނަށް ވަރަށް ހިތްދަތި އިހްސާސްތަކެއް ކުރެވުނު. ސަބަބަކީ އެކުގައި ދިރިއުޅެން އަހަރެމެން ވަރަށް ގިނަ ރޭވުންތަކެއް ރާވާފައިވާތީ،" ހެލަން ބުންޏެވެ.
އެންމެ ފަހުން "ހެލޯ އެންޑް ގުޑްބައި" ލިޔެފައިވާ ނޯޓެއް ޖެކްގެ ސަންދޯއް ތެރޭގައި ބޭއްވުމަށްފަހު ހެލަން އަށް ޖެހުނީ އޭނާގެ އެންމެ ލޯބިވާ މީހާއަށް މުޅި އުމުރަށް އަލްވަދާއު ކިޔާށެވެ.