20 ޖޫން 2017 - 08:19

އައިފޯން 8 ވަޔަލެސްކޮށް ޗާޖުކުރެވޭކަން ކަށަވަރުކުރެވޭ ހިސާބަށް އަތުވެއްޖެ އެވެ. އިންޓަނެޓްގައި މި ވާހަކަތައް ޔަގީންކަމެއް ނެތި ދެކެވުނު ނަމަވެސް، މީހުންގެ އަތުން ކައްސާލައިގެން ގޮސްފައި ހުރި މައުލޫމާތުތައް އެއްކޮށްލުމުން، ފުރިހަމަ ޖަވާބެއް ލިބެ އެވެ.
އައިފޯނުތައް ރާވަން ހަވާލުކުރި ޓައިވާން ކުންފުނި، "ވިސްޓްރަން" އިން ވަނީ އައިފޯން 8 ގައި ހިމެނޭ އާ ފީޗާތަކާ ބެހޭ ގޮތުން ވާހަކަދައްކާފަ އެވެ. ސީއީއޯ ރޮބާޓް ހްވާންގް ވިދާޅުވި ގޮތުގައި، އެހެން ފަހަރުތަކާ ޚިލާފަށް މި ފަހަރު އާ ކަމަކަށް ޖެހިފައި ވަނީ "ވަޔަލެސް ޗާޖިން" އަދި "ވޯޓާޕްރޫފް" ކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކަމަށެވެ. އެއީ ގިނަ ޓެސްޓްތައް ކުރަން ޖެހޭ "ފީޗާ"ތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އައިފޯން 8 ގައި ހުރި ފީޗާތަކާ ބެހޭ ގޮތުން އެޕަލް އަދި ވާހަކައެއް ނުދައްކަ އެވެ. އެއީ އެޕަލް އިން ކުރާ ކަމެއް ވެސް ނޫނެވެ. ކުރިއާލައި މޮޅު ވާހަކަތަކެއް ދެއްކުމަށް ވުރެ ބޮޑަށް އެޕަލް އިޚުތިޔާރުކުރަނީ، ފޯނު ނެރޭ ވަގުތު ސްޓޭޗްމަތީގައި މޮޅަށް ކުޅުމަށެވެ.
އެޕަލް އައިފޯން 8އާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކުގައި ބުދަދަނެއް ހުރި ނަމަ، އައިފޯން 8ގެ ދެ ސައިޒެއް ނެރެ އެވެ. އެއީ ސްކްރީން ސައިޒް 5.5 އިންޗި އަދި 5.8 އިންޗި އެވެ. ވިސްޓްރަން އަށް ހަވާލުކޮށްފައި ވަނީ އޭގެ ތެރެއިން ކުޑަ ފޯނެވެ. ބާކީ ހުރި މަސައްކަތްތައް ކުރަނީ ފޮކްސްކޮން އެވެ.
އައިފޯން 8ގެ 5.8 މޮޑެލް ގައި "އެމޯލެޑް" ޑިސްޕްލޭއެއް އިންނާނެ ކަމަށް ބުނެވެ އެވެ. އައދި އައިފޯން 8ގެ ބައެއް މޮޑެލް އިންޑިޔާގައި އުފައްދާނެ ކަމަށް ވެސް ބުނެވެ އެވެ.