ލަންޑަންގެ މިސްކިތެއް ކައިރިއަށް ވޭނެއް ވަދެ، މީހުންގެ ގައިގައި ޖަައްސައި، އެކަކު މަރާލައިފި
ލަންޑަންގެ މިސްކިތެއް ކައިރިއަށް ވޭނެއް ވަދެ، މީހުންގެ ގައިގައި ޖަައްސައި، އެކަކު މަރާލައިފި

ލަންޑަންގައި ހުރި މިސްކިތެއްގައި އިއްޔެ މަގުރިބް ނަމާދު ނިމުނުތަނާ ވޭނެއް ބާރު ސްޕީޑްގައި ވަދެ، މީހުންގެ ގައިގައި ޖައްސައި، އެކަކު މަރާލައިފި އެވެ.

ލަންޑަންގެ މިސްކިތެއް ކައިރިއަށް ވޭނެއް ވަދެ، މީހުންގެ ގައިގައި ޖަައްސައި، އެކަކު މަރާލައިފި
ލަންޑަންގެ މިސްކިތެއް ކައިރިއަށް ވޭނެއް ވަދެ، މީހުންގެ ގައިގައި ޖަައްސައި، އެކަކު މަރާލައިފި

ފިންސްބަރީ ޕާކް މޮސްކް ހުންނަ ތަނާ ކައިރީގައި ހިންގީ ޓަރަރިސްޓް އަމަލެއް ކަމަށް ބަލައި، ތަހުގީގު ފަށާފައިވާ ކަމަށް ބޮޑުވަޒީރު ތެރޭސާ މޭ ވިދާޅުވި އެވެ. މި ހަމަލާއާ ގުޅިގެން 48 އަހަރުގެ ޑްރައިވަރު ވަނީ ހައްޔަރުކޮށްފަ އެވެ.

މުސްލިމް ކައުންސިލް އޮފް ބްރިޓަން (އެމްސީބީ) އިން ބުނި ގޮތުގައި މިއީ އަޅުކަމުގައި ތިބި ބަޔަކާ ދެކޮޅަށް ގަސްދުގައި ދިން ހަމަލާއެކެވެ.

މަންޒަރު ދުށް މީހެއް ކަމަށްވާ އަބްދުލް ރަހުމާން ބުނީ ހަމަލާގައި ބައިވެރިވި މީހުންގެ ތެރެއިން އެކަކު އޭނާ ހިފެހެއްޓި ކަމަށެވެ.

"އޭނާ ވޭނުން ނުކުމެގެން އުޅުނީ ފިލަންވެގެން. އޭނާ ގޮވަމުން ދިޔައީ 'އަަހަރެން ބޭނުންވަނީ މުސްލިމުން މަރަން، އަހަރެން ބޭނުންވަނީ މުސްލިމުން މަރަން،" ރަހުމާން ބުންޏެވެ.

"އަހަރެން އޭނާގެ މޭމަތީގައި ޖެހިން، ދެން އެހެން މީހުން ވެގެން އޭނާ ހިފެހެއްޓީ ފުލުހުން އަންނަންދެން."

މީހުންގަނޑުގެ ތެރެއަށް ވޭން ވަަދެގަތީ މަގުރިބް ނަމާދަށް ފަހު މީހުން މިސްކިތުން ފައިބަމުން ދިޔަ ވަގުތު އެވެ.

އެމްސީބީން ބުނީ މިއީ މުސްލިމުންނާ ދެކޮޅު ހިޔާލުގެ އަނިޔާވެރި އަމަލެއް ކަމަށެވެ. އެހެންކަމުން އެތަނުން ގޮވާލީ މިސްކިތްތަކުގެ ވަށައިގެން ސަލާމަތީ ކަންކަން ވަރުގަދަކޮށްދިނުމަށެވެ.

ލަންޑަންގެ މުސްލިމް މޭޔަރު ސާދިގު ޚާން ވިދާޅުވި ގޮތުގައި އެކި މުޖުތަމައުތަކަށް ސަލާމަތީ ކަންކަން ކަށަވަރުކޮށްދިނުމުގެ ގޮތުން އިތުރު ފުލުހުން މިހާރު ވާނީ ނެރެފަ އެވެ. ޚާއްސަކޮށް ރޯދަ ހިފަމުން އަންނަ މުސްލިމުން އުޅޭ ސަރަހައްދުތަކުގައި އެކަން ރަނގަޅުކޮށްފައި ވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އެންމެން ވެސް ހަމަޖެހިގެން ތިބުން އެދެން،" ޚާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިކަހަލަ ހަމަލާތައް ދެނީ ވަކި ބަޔަކަށް އަމާޒުކޮށްގެން ނަމަވެސް އެއީ އެންމެން ހިއްސާކުރަމުން އަންނަ މިނިވަންކަމާއި ކެތްތެރިކަމާއި އިހުތިރާމަށް ދޭ ހަމަލާއެކެވެ.

މި ހަމަލާގައި އިތުރު ފަސް މީހަކު ޒަހަމްވި އެވެ.