އިހަވަންދޫގައި ބިދޭސީންނާ މެދު ތަފާތުކޮށް، ހައްގުތައް ހިފަހައްޓާފައި!
އިހަވަންދޫގައި ބިދޭސީންނާ މެދު ތަފާތުކޮށް، ހައްގުތައް ހިފަހައްޓާފައި!

ހއ. އިހަވަންދޫގައި މަސައްކަތް ކުރާ ބިދޭސީންގެ ހައްގުތައް އެ ރަށު ކައުންސިލުން ހިފަހައްޓައި، އެ މީހުންނާ މެދު އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާ މެދު ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

އިހަވަންދޫ ރަށު ކައުންސިލުން ބިދޭސީންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅީ، އެ ރަށުގައި ހުންނަ މިފްކޯގެ އައިސް ޕްލާންޓްގެ މެކޭނިކެއްގެ ވަޒީފާގައި އުޅުނު އިސްމާއިލް އުމަރު (އިއްސެ)ގެ މަރާ ގުޅިގެންނެވެ. އޭނާ މަރައިލީ އައިސް ޕްލާންޓުގައި މަސައްކަތް ކުރާ ބިދޭސީއަކު އޭނާގެ ރަހުމަތްތެރި އެހެން ބިދޭސީންތަކާ ބައިވެރިވެގެން ކަމަށް ފުލުހުން ބުނެ އެވެ.

ކައުންސިލުން ބުނި ގޮތުގައި ބިދޭސީންނާ ދެކޮޅަށް ފިޔަވަޅުތަކެއް އެޅީ އެ ރަށުގައި ބިދޭސީންގެ ފަރާތުން ރަހުމް ކުޑަ ދެ މަރު ކުރިމަތިވުމާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުން އިންތިހާ އަށް އޮތުމުންނެވެ.

- ރޭގަނޑު 10 ގެ ފަހުން ބޭރުގައި އުޅުން މަނާ

- ހުކުރު ދުވަހު 2:00-5:30 އާ ދެމެދު ފިޔަވައި ރަށުގެ އެއްވެސް ތަނެއްގައި ގްރޫޕް ހަދައިގެން ނުތިބެވުން

- ކައުންސިލްގެ އިހްތިސާސް ތެރޭގައި ހިމެނޭ އެއްވެސް ސަރަހައްދަކުން މަސްވެރިކަން ކުރުން މަނާ

- ރަށުގެ ވަލަށް ވަދެ ކާށި، ދަރު ފަދަ އެއްވެސް އެއްޗެއް ހޮވުން މަނާ

- ކުނި އުކާލަން ނޫން ގޮތަކަށް ކުނި ގޮނޑު ސަރަހައްދަށް ނުދެވުން.

- ރަށުގައި ބާއްވާ ހަފުލާތަކުގައި ދައުވަތު ލިބިގެން ނޫނީ ބައިވެރިނުވެވުން.

މިއީ، ކަނޑައެޅިގެން ގާނޫނުއަސާސީއާ ހިލާފަށް އިހަވަންދޫ ކައުންސިލުން އަޅާފައިވާ ފިޔަވަޅުތަކެކެވެ. މި މައްސަލާގައި، ލޯކަލް ގަވަރްމެންޓް އޮތޯރިޓީން މިހާރު އަންނަނީ އެޓާނީ ޖެނެރަލްގެ ލަފާ ވެސް ހޯދަމުންނެވެ.

ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އިންސާނީ ހައްގުތައް ހިފެހެއްޓޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުންނެވެ. އެ ގާނޫނު ހެދޭނީ ވެސް މިނިވަން ޑިމޮކްރެޓިކް ވެއްޓަކާ އެކަށީގެންވާ މިންވަރަށް ކަން ފާހަގަކުރައްވަމުން، އިހަވަންދޫގައި ބިދޭސީންނާ ދޭތެރޭ އެޅި ފިޔަވަޅުތައް ހިއުމަން ރައިޓްސް ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް އަހުމަދު ތޮލާލް ކުށްވެރި ކުރެއްވި އެވެ.

"އަޅުގަނޑަށް ސިފަކުރެވެނީ ވަކި ބަޔަކަށް ވީމަ ތަފާތުކުރުން ގެންގުޅެފައި އޮތީ ކަމަށް. އެ މީހުންގެ ބާރުގެ ދަށުގައި ތިބި ބައެއް ވީމަ ބޭނުން ގޮތެއް ހަދައި، ކުޑައިމީސް ކުރީ. އެއީ އިންސާނުންނާ ދޭތެރޭ އަމަލުކުރާ އުސޫލެއް ނޫން،" ތޮލާލް ވިދާޅުވި އެވެ.

އިހަވަންދޫ ކައުންސިލުގެ ނިންމުމަށް ފާޑުކިޔަމުން، އެންމެ ބިދޭސީއަކު ނުވަތަ ބިދޭސީންތަކެއް ކުރި ކަމެއްގެ އަދަބުު އެހެން ހުރިހާ ބިދޭސީންނަށް ދިނުމަކީ އިންސާފުތޯ ވެސް އެތައް ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ސުވާލު ކުރަމުންނެވެ.

ތޮލާލް ވިދާޅުވި ގޮތުގައި ރަށުގެ ރައްޔިތުންގެ ސަލާމަތާއި ރައްކަލަކަށްޓަކައި ކަމަށް ބުނެ އިހަވަންދޫ ކައުންސިލުން ނިންމި ނިންމުމުގެ އަސަރު ރައްޔިތުންނަށް ކުރަނީ ކިހާ މިންވަރަކަށްތޯ ވެސް ސުވާލު އުފެދެ އެވެ.

މި ނިންމުމުގެ ސަބަބުން، ރާއްޖޭގެ އެކި ސަރަހައްދުގައި ތިބި ބިދޭސީ މަސައްކަތްތެރިންނާ މެދު ވަރަށް ނުބައި ތަސައްވަރެއް އުފެދި އެ މީހުންގެ ހައްގުތައް ނިގުޅައިގަންނަން ބައެއް ފަރާތްތަކުން ހިތްވަރު ދެމުން އަންނަ ކަމުގެ ކަންބޮޑުވުން ވެސް އޭނާ ފާޅުކުރެއްވި އެވެ.

ބިދޭސީ މަސައްކަތްތެރިންނަކީ ގައުމަށް ބޮޑު މައްސަލައެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ދެކެވަޑައިގަންނަވާ ކަމަށް ތޮލާލް ވިދާޅުވި އެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި ޖިނާއީ ބޮޑެތި ކުށްތައް ގިނައިން ކޮށްފައި ވަނީ ދިވެހިންނެވެ.

"ކޮފީ ތައްޓެއް ނުދީގެން މަރާމާރީ ހިންގައި ދިވެހިންތަކެއް ބިދޭސީއަކު މަރާލާފައިވާ އިރު، އެ މައްސަލާގައި ބިދޭސީންނާ މެދު މިހާރު ފިޔަވަޅު އެޅިގޮތަށްތޯ އަމަލުކޮށްފައި ވަނީ؟ އިހަވަންދޫގައި މިއީ، ވަކި ނަސްލަކަށް ވީތީ އެޅި ފިޔަވަޅެއް. މިއީ ކަނޑައެޅިގެން ގާނޫނުއަސާސީއާ ހިލާފު ނިންމުމެއް،" އޭނާ ވިދާޅުވި އެވެ.

ތޮލާލް ދެކެވަޑައިގަންނަވާ ގޮތުގައި އިހަވަންދޫގައި ބިދޭސީންގެ ހައްގުތައް ނިގުޅައިގަތް މައްސަލައިގައި ކަމާ ބެހޭ ފަރާތްތަކުން ވަގުތުން ފިޔަވަޅު އަޅަން ޖެހެ އެވެ. އިންސާނީ ހައްގުތަކާ ގުޅޭ މުއައްސަސާ، އެޗްއާރުސީއެމުން މި މައްސަލަ ބަލަން ތޮލާލް ގޮވައިލެއްވި އެވެ.