ތަފާތު ބޮޑުކޮށް އިންޑިއާ އަތުން މޮޅުވެ ޕާކިސްތާނަށް ތާރީހީ ކާމިޔާބެއް
ތަފާތު ބޮޑުކޮށް އިންޑިއާ އަތުން މޮޅުވެ ޕާކިސްތާނަށް ތާރީހީ ކާމިޔާބެއް

ލަންޑަން (ޖޫން 18) – ހުރިހާ ގޮތަކުން ވެސް ވާދަވެރި، ހަތުރުވެރި އިންޑިއާގެ މައްޗަށް 180 ލަނޑުން ކުރި ހޯދައި ޕާކިސްތާނުން އައިސީސީ ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތް ފުރަތަމަ ފަހަރަށް ކާމިޔާބުކޮށްފި އެވެ.

ކްރިކެޓް ވޯލްޑް ކަޕް ނަގާފައި ދުނިޔޭގައި ބާއްވާ ދެ ވަނަ އަށް އެންމެ ބޮޑު ކްރިކެޓް މުބާރާތް ޕާކިސްތާނުން ކާމިޔާބުކުރީ ދުނިޔޭގެ ކްރިކެޓް ފައިނަލެއްގައި ނެރުނު އެންމެ ތަފާތު ބޮޑު ނަތީޖާއާ އެކު އެވެ.

ފުރަތަމަ މެޗުގައި އިންޑިއާ އަތުން 124 ލަނޑުން ޕާކިސްތާން ބަލިވެފައިވާތީއާ އެކު މިރޭގެ ފައިނަލުގައި ހުރިހާ ގޮތަކުން ވެސް ފޭވަރިޓަކަށް ވެފައި އޮތީ ދެ މުބާރާތް ކާމިޔާބުކޮށްފައިވާ އިންޑިއާ އެވެ. އެކަމަކު ޕާކިސްތާން ވަނީ ކްރިކެޓުގެ ފައިނަލެއްގައި ފެނުނު އެންމެ ހައިރާންކުރުވަނިވި އެއް ނަތީޖާ މިރޭ ނެރެފަ އެވެ.

އިންޑިއާ އަތުން ލިބުނު މި ކާމިޔާބީއާ އެކު ޕާކިސްތާނުގައި އަންނަނީ ވަރަށް ބޮޑަށް އުފާފާޅުކުރަމުންނެވެ. މުސްލިމް މެޖޯރިޓީ އޮންނަ ޕާކިސްތާނުގެ ރައްޔިތުން ރޯދަމަހަށް ފަހު ފިތުރު އީދަށް މަރުހަބާ ކިޔަން ތައްޔާރުވެފައިވަނިކޮށް ލިބުނު މި ކާމިޔާބީ އެ ގައުމުގެ ރައްޔިތުން ސިފަކޮށްފައިވަނީ ފިތުރު އީދުގެ ކުރިން އައި އީދެއްގެ ގޮތުގަ އެވެ.

ލަންޑަނުގެ ދަ އޯވަލްގައި ކުޅުނު ފައިނަލް މެޗުގައި ޓޮސް ދިމާވުމުން އިންޑިއާ އިން ގަސްދުކުރީ ހޮވާށެވެ. ޕާކިސްތާން ކުޅެން އަރައި 50 އޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން 338 ލަނޑު ހެދި އެވެ. މި އިނިންގްސްގައި ޕާކިސްތާނުގެ ފަޚަރް ޒަމާން 114 ލަނޑު ހެދިއިރު މިއީ އޭނާގެ އެއް ދުވަހުގެ ކްރިކެޓުގައި ހެދި ފުރަތަމަ ސައްތަ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް އޭނާ އެވެ.

އިންޑިއާ ކުޅެން އެރިއިރު މެޗުން މޮޅުވާން 50 އޯވަރުގެ ތެރޭގައި 339 ލަނޑު ހަދަން އޮތީ ޖެހިފަ އެވެ. އެކަމަކު 30.3 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިރު ހެދުނީ 158 ލަނޑެވެ. އިންޑިއާ އަށް ދިމާވި އެންމެ ބޮޑު މައްސަލައަކަށްވީ އިނިންގްސްގެ ކުރީކޮޅު ޕާކިސްތާނުގެ މުހައްމަދު އާމިރު، އިންޑިއާގެ ދެ ކުޅުންތެރިއަކު ނުބައިކޮށްލުމެވެ. އިންޑިއާ އިން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 43 ބޯޅައިން 76 ލަނޑު ހެދި ހަރްދީކް ޕަންޑްޔާ އެވެ.