ކުރު ވާހަކަ: ކުށްވެރިޔަކީ ކާކު؟
ކުރު ވާހަކަ: ކުށްވެރިޔަކީ ކާކު؟

ރައްޒާޤު މަރާލައިފައި އޮއްވައި ފުރަތަމަ ފެނުނީ ރަޒީނާއަށެވެ. ރަޒީނާއަކީ ރައްޒާޤުގެ އަނބިމީހާއެވެ. އާދައިގެ މަތިން ފަތިސް ނަމާދަށް ތެދުވެ ބަލާލިއިރު ރައްޒާޤު އޮތީ ގަދަ ނިދީގައެވެ. ރައްޒާޤު ދަރިފުޅު އިރުފާމެން ދެމަފިރިން އައިސްގެން އުޅޭތީ އެމީހުންނަށް ކޮޓަރި ދީފައި ރައްޒާޤު އޮތީ ފެންޑާގައެވެ. އަންނައިރު ރައްޒާޤު އިންނާނީ ތެދުވެ ކަމަށް ހީވިއެވެ. އެ އުންމީދުގައި ހުރެގެން ރަޒީނާ ވަނީ ފާޚާނާއަށެވެ. ނިކުމެ މުސައްލަ ފަތުރަން ހުރެފައި ރައްޒާޤު ތެދުވެއްޖެތޯ ބަލައިލަން ހިތަށް އެރިއެވެ. ކުރަން ހުރި މަސައްކަތް މެދުކަނޑާލައިފައި ރަޒީނާ އެދިމާއަށް ދިޔައެވެ. ރައްޒާޤަކީ އެހާ ނިދިގަދަ މީހެއް ނޫނެވެ. އެކަމަކު މިރޭ އެހެން ރޭރެއާއި ތަފާތެވެ. ކޮނޑުގައި ހިފާ ތަޅުވައިލީމާ ވެސް ޖަވާބެއް ނައެވެ. ރަޒީނާ ޖެހިލުންވީ ދެނެވެ. ރައްޒާޤުގެ މޫނު ދުށުމަށްޓަކައި ކޮނޑުގައި ހިފާ މަގަތަށް އަނބުރާލައިފިއެވެ. ދެވަނަ ސިކުންތުގައި އޭނާގެ އަނގައިން ނިކުތީ ބިރުވެރި ހަޅޭކެއްގެ އަޑެވެ. ރައްޒާޤުގެ މެއަށް ޖެހި ވަޅި ހުރީ ވަކިވެސް ނުކޮށް އެހުރި ގޮތަށެވެ. ލައިގެން އޮތް ގަމީސް ވަނީ ލެއިން ފޯވެފައެވެ.

ރަޒީނާގެ ހަޅޭކުގެ އަޑު އަހާފައި އިރުފާ ދުވަމުން އައެވެ. ބަދިގޭގައި ކުނާ ފަތުރައިގެން އޮންނަ ލަންކާ ކުއްޖާ ވެސް އަތުވެއްޖެއެވެ. ބައްޕަ އޮތް ހާލު ފެނުމުން އިރުފާގެ ރުއިމެއް ނުހުއްޓުނެވެ. ދެމައިން އެކަކު އަނެކަކުގެ ގައިގައި ހިފައިގަނެގެން ރޯއިރު ހީވަނީ ރޫޅިދާނެ ހެންނެވެ. އިތުރު މީހެއްގެ އެހީ ހޯދަން ދިޔައީ ސުހާނީއެވެ. ސުހާނީ އިރުކޮޅަކުން އެނބުރި އައީ އަވަށްޓެރިއެއް ކަމަށްވާ އާދަނު ގޮވައިގެންނެވެ. އާދަނު ފުރަތަމަ ކަމަކަށް ބެލީ ރައްޒާޤުގެ ފުރާނަ ހުރިތޯއެވެ. ފުރާނަ ނެތްކަން ޔަޤީންވުމުން ތެދުވެ މާޔޫސް ކަމާއެކު ބޯ ހޫރައިލިއެވެ.

މަދު ވަގުތުކޮޅެއްގެ ތެރޭގައި ޕޮލިހުން އައިސް އެސަރަހައްދު ބަންދު ކުރިއެވެ. މަރުވެފައި އޮތް ރައްޒާޤުގެ ހަށިގަނޑު ގެންދިޔައީ އައިޖީއެމްއެޗަށެވެ. އެހިސާބުން ތަހުޤީޤު ފެށިގެން ކުރިއަށް ދާން ފެށިއެވެ. އިރުފާގެ ފިރިމީހާ އީވާން މަތިން ރަޒީނާ ހަނދާންވީ އެހިސާބުންނެވެ. އީވާން ކޮބައިތޯ އެހުމުން އިރުފާވެސް ބަލައިލީ ހައިރާންވެފައެވެ. ގޭތެރޭ އެވަރަށް ރޮއި ހަޅޭއްލެވިއިރު އީވާންއެއް ނުނިކުތެވެ. އެމީހުން ކޮޓަރިއާއި ދިމާއަށް ދާން ފެށުމުން ފުލުހުންގެ މީހަކު އެމީހުން ހުއްޓުވިއެވެ. ބުނީ ގޭތެރެ ބަލައި ފާސްކޮށް ނުނިމެނީސް ހުރިތަނުން ގުޑުވައިލުމުގެ ހުއްދައެއް ނެތް ކަމުގައެވެ.

އީވާން ކޮޓަރީގައި ނެތްކަން އެނގުނީ ފުލުހުންގެ މީހަކު ބުނީމައެވެ. ރަޒީނާ ހަނދާންވީ ރޭގައި އެމީހުން އެގެއަށް އައި ވަގުތެވެ. ގޭގެ ބެލްޖަހާ އަޑު އިވުމުން ރަޒީނާ ކުރަން ހުރި މަސައްކަތް ހުއްޓާލައިފައި ދިޔައެވެ. ދޮރު ހުޅުވާލިއިރު ކުރިމަތީގައި ހުރީ އިރުފާއެވެ. ރަޒީނާގެ ބޮލުގައި ރިއްސައިލިއެވެ. ދުވަސްގަނޑެއް ވަންދެން ނައިސް ހުރެފައި އިރުފާ ކުއްލިއަކަށް މިއައީ ކީއްވެ ހެއްޔެވެ؟

"ބައްޕަ ކޮބާ؟" ރަޒީނާ ތަން ދެއްކުމުން އިރުފާ ވަދެގެން އައިއިރު އެހިއެވެ. ފަހަތުގައި ހުރި އިރުފާގެ ބައިވެރިޔާ އީވާން ފެނުނީ ދެނެވެ. އިހަށް ފެނުނު އިރަށްވުރެވެސް އީވާންގެ އިސްތަށިގަނޑު ދިގެވެ. އެއާ ޚިލާފަށް އިރުފާ މިހާރު ހުރީ ފިރިހެނެއްހެން އިސްތަށިގަނޑު ކޮށާލައިފައެވެ. އިރުފާގެ ކަންފަތުގެ ފޫޅުގަނޑުން ފެށިގެން މައްޗާއި ހަމައަށް ފަސްތަނުން ތޮރުފައި މުދި ލައިފައެވެ. ބުމައިގެ މަތިންވެސް ތަންކޮޅެއް ތޮރުފައި ބޮޅެއް ހަރުކޮށްފައެވެ. އެސޫރަ ފެނިގެން ވެސް ރަޒީނާ ހުރީ ނޭވައަށް އުދަނގޫވާ ގޮތް ވެފައެވެ. ބައްޕަ ކޮޓަރީގައޭ ބުނެފައި އޭނާ ބެލީ އަވަހަށް އެތަނުން ދެވޭތޯއެވެ.

ބަދިގޭގައި މަސައްކަތުގައި އުޅުނުއިރު ރަޒީނާ ހުރީ އެތެރެ އެތެރެއިން ކުދި ކިޔާލަ ކިޔާލައެވެ. އިރުފާ އެހެން އުޅޭތީ އޭނާ އަނގައިން ބުނާހިތެއް ވެސް ނުވެއެވެ. އެކަމަކު އިރުފާގެ ބައްޕަ ރައްޒާޤު އަކަށް އިރުފާ ދެރައެއް ނުވެއެވެ. ކޮންމެ ގޮތަކަށް އުޅެފައިވެސް ގެއަށް އައުމުން އުފަލާއެކު މަރުހަބާ ކިޔައެވެ. އިރުފާ އުޅޭ ވިޔާނުދާ އުޅުން އެނގިހުރެވެސް ބުނެލާއިރަށް ފައިސާދެއެވެ. އަމިއްލައަށް ދެކޮޅު ނުޖެހިގެން އުޅުނަސް ހެވެވެ. ރަޒީނާ އެތަކެއް ފަހަރު ރައްޒާޤުއަށް ވިސްނައިދޭން މަސައްކަތް ކޮށްފިއެވެ. އެހެން ރައްޒާޤު ކަންތައް ކުރާހާ ހިނދަކު އިރުފާ އިސްލާހު ނުވާނެކަން ހަނދާން ކޮށްދެއެވެ. އެކަމަކު ރައްޒާޤުގެ ހިޔާލު ހުރީ އިދިކޮޅަށެވެ. އަބަދު ނަޞޭހަތް ދެންޏާ ކުދިން ފޫހިވާނެއެވެ. ތަކުރާރުކޮށް ކުރަން ބުނާ ކަންކަން ކުރުމުގެ ޝައުޤު ނެތޭނެއެވެ. އެހާ ގޯސްކޮށް އުޅޭއިރު ވެސް ބައްޕަ ކަންތައް ކުރާ ގޮތުން އިރުފާ އަދި ހިތާމަ ކުރާނެ ދުވަސް އަންނާނެއެވެ. ވިސްނިގެން މަޢާފަށްވެސް އެދޭނެއެވެ.

ރައްޒާޤު ނިކުފައި ބުނީ އެރޭގެ ކެއުމުގައި އިރުފާމެނަށް ވެސް ބައި އެޅުމަށެވެ. ރަޒީނާ ކިޔަމަންކަމާއެކު ބޯ ޖަހައިލިއެވެ. އެރޭގެ ކެއުން ނިންމާފައި ރައްޒާޤު އިރުފާމެން ދެމަފިރިންނާއެކު ވަރަށް ގިނައިރު ވާހަކަދައްކަން އެކޮޓަރީ އިނެވެ. ރަޒީނާ ބޮލެއްގައި ރިއްސާތީ ކުރިން އަރާ އޮށޯވެ ނިދީއެވެ. ގޭގެ އުތުރު ފަރާތުގައި ހުންނަ ކުޑަ ކޮޓަރިގަނޑުގައި ހުންނަނީ އެންމެ އެނދަކާއި އަލަމާރިއެއް އެކަންޏެވެ.

ރޭ ވީ ކަންތައްތައް ހަނދާންވުމުން ރަޒީނާގެ ކަރުނަތައް ވީ އިތުރެވެ. އޭނާ ރައްޒާޤުދެކެ އައިސް ހުރި ރުޅީގައި ކުރީގައި އަރާ އޮށޯވެ ނިދުމުން ވީ ގޮތެވެ. ދަންވަރު ހޭލެވުނު ގަޑިއެއްގައި އެންމެ ފަހަރަކު ނަމަވެސް ހޭލައިގެން ނިކުމެވުނު ނަމައެވެ. އެ ހަމަލާއެއް ލިބިފައި ވަނީ ކޮން ވަގުތަކު ކަމެއް ނޭނގުނަސް މަރުނުވަނީސް ސަލާމަތް ކުރެވޭހާ މޫސުމުގައި ފެނުނު ނަމައެވެ. އެތައް ދުވަހެއް ވަންދެން ގެއާއި ދުރުގައި އުޅެފައިވާ ޒުވާން ދެކުދިންގެ އަތްމައްޗަށް ފިރިމީހާގެ ފުރާނަ ދޫކޮށްލާފައި ނިދީ އޭނައެވެ. ހެޔޮވާނީ ކިހިނެއް ހެއްޔެވެ؟

ފުލުހުން އިރުފާ އާއި ސުވާލު ކުރުމުން އިރުފާ ފުރަތަމަ އިނީ ހިމޭނުންނެވެ. ބައްޕަގެ ޤާތިލަށް ހައްޤު އަދަބު ދޭން ބޭނުން ނަމަ ވާހަކަ ދައްކަން އެތަނުން މީހަކު ލަފާ ދިނެވެ. އިރުފާ ކަރުނަ ފުހެލާފައި ފެށިއެވެ. ރޭގައި އޭނަ އިނީ ބައްޕަ އާއި ފިރިމީހާގެ މެދުގައި ކޮޓަރީގައެވެ. ބައްޕަ ނިދަން ދިޔައީ ނުހަނު ލަސްކޮށްފައެވެ. ފައިސާގެ ވާހަކަ އީވާން ދެއްކީ ދެމީހުން ނިދަން އޮވެފައެވެ. އީވާން އެގެއަށް އައިން ސުރެ ނިންމައިގެން ހުރީ އެގޮތަށެވެ. ބައްޕަ އަތުން ފައިސާ ނަގަން ދެކޮޅު ހެދީ އިރުފާއެވެ. އޭނަގެ ހިޔާލު ބަދަލުވީ ކުއްލިއަކަށެވެ. ބައްޕަ ގެންގުޅޭ ބޭސްކޮތަޅާއި ރިއްސާ ކަކޫ ފެނުނީ މިރެއެވެ. އެކަންކަމަށް ބައްޕަ އަބަދު ބޭސްކުރާއިރު ލިބޭ ފައިސާކޮޅު އޭނައަށް އަތުލަން ކެރޭނީ ކިހިނަކުން ހެއްޔެވެ؟

އެމައްސަލައިގައި އީވާން އޭނަދެކެ ރުޅިއައެވެ. އީވާން ނިދީ އޭނައާ އަނގައިން ނުބުނެ ބިތްދޮށަށް އެނބުރި އޮވެއެވެ. ދެން އޭނައަށް ހޭލެވުނީ މަންމަ ރޯ އަޑަށެވެ. ފައިސާކޮޅު ބޭނުންވިއަސް ބައްޕަގެ ފުރާނައާއި ކުޅެލަފާނެކަން އޭނައަށް އެނގޭނީ ކިހިނެއް ހެއްޔެވެ؟

ފުލުހުން ކުރި ތަހްޤީޤުން، އީވާން ގެއިން ނިކުތްތަން މީހަކަށް ފެނުނުކަން އެނގުނެވެ. އެމީހާ ބުނީ އެގޭ މީހުން ހޭލާނީ އޭގެ ގަޑިއެއްހާއިރު ފަހުން ކަމުގައެވެ. އިތުރަށް ގޭގެ އެތަން މިތަން ވެސް ފުލުހުން ބަލާ ފާސްކުރިއެވެ. އީވާން ހޯދަން ކުރި މަސައްކަތުން އޭނަ އަތުލައިގަނެވުނެވެ. އަތުގައި ހުރި ފައިސާތަކާ އެކު އޭނާ ގޮސް ފިލާ އޮތީ ހުޅުމާލޭގައި ހުރި ގެއެއްގައެވެ.

އީވާން ހައްޔަރުކުރި ވާހަކަ އިވުމުން އިރުފާގެ ކުލަ ބަދަލުވިއެވެ. އެކަމަކު ބައްޕަގެ މަރުގެ ބަދަލު އީވާންއަށް ލިބެން އޭނާ ވެސް ބޭނުންވިއެވެ. އެ ޚަބަރު ދިނުމުން ރަޒީނާ ވެސް ހިތްހަމަޖެހުނެވެ. ދެމައިން ހަމަޖެހިފައި ތިއްބާ ފުލުހުން އައިސް ބިޑިއެޅުވީ ރަޒީނާގެ އަތުގައެވެ. އިރުފާއަށް ލިބުނީ ޝޮކެކެވެ.

އީވާން، ރައްޒާޤު މަރާލި ކަމަކަށް އެއްބަހެއް ނުވިއެވެ. އޭނާ ބުނީ އޭނަ ގެއިން ނިކުތްއިރު ރައްޒާޤު އޮތީ ފުން ނިދީގައި ކަމުގައެވެ. އޭނާ އަދި ވަރަށް ބިރުން ހުރެގެން ނިކުމެގެން އައިއިރު ރައްޒާޤަށް ހިލަމެއް ނުވީތީ ކުޑަކޮށް ހައިރާންވި ކަމުގައެވެ. އިރުފާ ކިޔައިދީފައިވާ ގޮތުން އޭނަގެ ބައްޕަ އަކީ ނިދި މަޑު މީހެކެވެ. މެޑިކަލް ޓީމުން ގުޅާފައި، ރައްޒާޤަށް ނިދާބޭސް ދީފައިވާކަން ކަށަވަރުކޮށްދިނީ އެދަނޑިވަޅުގައެވެ. ގޭގައި ގެންގުޅޭ ސުހާނީ ގެނެސް ސުވާލު ކުރުމުން ޖޫސް ގިރީ ރަޒީނާކަން އެނގުނެވެ. ރަޒީނާ އައިސް ވަޅި ހެރިއިރު ރައްޒާޤަށް ހޭލެވުނެވެ. އޭނާ ސަލާމަތްވާންވެގެން ރަޒީނާގެ ކަރުގައި ހިފިތަން ހުރީ ރަތްވެފައެވެ. ބަންދުކޮށްގެން ގެންދިޔަ ހިސާބުން ސަލަމާތްވާނެ މަގެއް ރަޒީނާއަކަށް ނުފެނުނެވެ. އެއްބަސްވީ ދެނެވެ. އަންގިއާއި އެހެން އެއްޗެހި ބޭނުންކޮށްގެން ކިތަންމެ ސާފުކޮށްފައި ހުއްޓަސް ވިއަސް ފަޅާއަރާނެ މަގު އޮތީ ހުޅުވިފައެވެ. ކުށްވެރިން ކުށްކުރާއިރު އަބަދުވެސް އޭގެ ނިޝާންތައް ދޫކޮށްފައި ހުރެއެވެ.

ރައްޒާޤުގެ ކިބައިން ރަޒީނާ ހިފީ ދުވަސްވީ ބަދަލެކެވެ. ޅައިރު ރަޒީނާ އެންމެ ބޭނުންވި މީހާއާ ކައިވެނިނުކޮށް ރައްޒާޤާ ކައިވެނި ކުރަން މަޖުބޫރުވިއެވެ. އެ ދުވަހުއްސުރެ ނަފްރަތުގެ އަލިފާންގަނޑު ހިތުގައި ކެކިކެކި ވިއެވެ. އޭނާ އިންތިޒާރުކޮށްގެން ހުރީ ރަނގަޅު ފުރުސަތަކަށެވެ. -- ނިމުނީ --