19 ޖޫން 2017 - 08:19

ޕޯޗުގަލްގެ ޖަންގަލީގައި ރޯވެގެން މިހާތަނަށް ހިނގި އެންމެ ނުރައްކާތެރި އެއް ހާދިސާގައި އިއްޔެ 61 މީހުން މަރުވެ، މުޅި ގައުމުގައި ހިތާމަފާޅުކުރަން ފަށައިފި އެވެ.

މިދިއަ ހޮނިހިރު ދުވަހު ޖަންގަލީގައި ރޯވީ، ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ލަފާކުރާ ގޮތުގައި، ހޮނު އަޅައިގެންނެވެ. ޕޯޗުގަލްގައި ޖަންގަލި އެންމެ ބޮޑު ސަރަހައްދުގެ އެކި ހިސާބުތަކުގައި ރޯވެފައިވާ އަލިފާންގަނޑު ނިންވަން 1600 އަށް ވުރެ ގިނަ މީހުން ދަނީ ހަރަކާތްތެރިވަމުންނެވެ.
ސަރުކާރުން ބުނާ ގޮތުގައި ގިނަ މީހުން މަރުވެފައި ތިއްބާ ފެނުނީ އަލިފާނުން ސަލާމަތްވާން ވެގެން ދަތުރުކުރި ކާރުތަކުގެ ތެރެއިންނެވެ.
ބޮޑުވަޒީރު އެންޓޯނިއޯ ކޮސްޓާ ވިދާޅުވި ގޮތުގައި މިއީ ޖަންގަލީގައި ރޯވެގެން މި ފަހުގެ ތާރީޚެއްގައި ހިނގި އެންމެ ބޮޑު ހާދިސާ އެވެ.
ވެރިރަށް ލިޒްބަންއާ 200 ކިލޯމީޓަރު ދުރުގައި އޮންނަ ފަރުބަދަ މަތީ ހިސާބުގަނޑަށް ކުރިމަތިވި ނުރައްކަލުގައި މަރުވި މީހުންގެ އަދަދު މައްޗަށް ހިނގައިދާނެ ކަމަށް ސަރުކާރުން ބުނެ އެވެ. ސަބަބަކީ އަދިވެސް އެތައް ބައެއްގެ ޚަބަރެއް ނުވާތީ އެވެ.
ކާރުތަކުގައި މަރުވެފައި ތިއްބާ ފެނުނު މީހުންގެ އަދަދު 30 އަށް އަރަ އެވެ. ވެހިކަލްތަކުގެ ބޭރަށް މަރުވެގެން ވެއްޓިފައި ވަނިކޮށް 17 މީހަކު ފެނިފައިވެ އެވެ.
ކޮސްޓާ ވިދާޅުވި ގޮތުގައި މިހާތަނަށް އަލިފާން ނިންވާނުލެވި ވަނީ 11 ސަރަހައްދެއްގަ އެވެ. އެކަމަކު އޭގެ ތެރެއިން ކަންބޮޑުވަނީ ތިން ސަރަހައްދެއްގައި އަނދަމުން ދާ އަލިފާންގަނޑާ މެދުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
ޕޯޗުގަލްގައި ގައުމީ ހިތާމަފާޅުކުރުން މާދަމާއާ ހަމައަށް ކުރިއަށް ދާނެ ކަމަށް ސަރުކާރުން ވަނީ އިއުލާންކޮށްފަ އެވެ.
މި ބޮޑު ނުރައްކަލުން ސަލާމަތްވި އެކަކު ސިފަކުރި ގޮތުގައި އޭނާގެ ވިލެޖްގެ މަތިން ހުރަސްކޮށްފައި ދިޔައީ އަލިފާނުގެ ނަގޫރޯޅިއެކެވެ. އޭނާގެ ގޭ ކައިރިން އެ އަލިފާންގަނޑު ދިއުމުން ނުކުމެ ބަލައިލި އިރު މުޅި ވިލެޖް އޮތީ އަނދާފަ އެވެ. ސަލާމަތުން ހުރީ އޭނާގެ ގެ އާއި އެ ގެއާ ޖެހިގެން ހުރި ގެ ކަމަށް ވެސް އޭނާ ކިޔައިދިނެވެ.