ޓަވަރުގައި ރޯވީ އަޅާނުލެވި އެތައް އަހަރެއް ވީ ފަހުން: މޭޔަރު
ޓަވަރުގައި ރޯވީ އަޅާނުލެވި އެތައް އަހަރެއް ވީ ފަހުން: މޭޔަރު

ލަންޑަންގެ ގްރެންފެލް ޓަވަރުގައި އަލިފާން ރޯވީ އަޅާނުލެވި އެތައް އަހަރެއް ވެފައި ވަނިކޮށް ކަމަށާއި އެއީ ސަލާމަތްވެވެން އޮތް ހާދިސާއެއް ކަމަށް ލަންޑަނުގެ މޭޔަރު ސާދިގު ހާން އިއްޔެ ވިދާޅުވެއްޖެ އެވެ.

މަރުވި މީހުންގެ ހަނދާނުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން، ލަންޑަންގެ ފުރަތަމަ މުސްލިމް މޭޔަރު ވިދާޅުވީ އިމާރާތް ހުރި ސަރަހައްދުގެ ކައުންސިލާއި އެކި ސަރުކާރުތަކުން ވެސް އެތަނާ މެދު ފަރުވާކުޑަކޮށްފައިވާ ކަމަށެވެ.

މިދިއަ ބުދަދުވަހުގެ ދަންވަރު ރޯވި އަލިފާނުގައި 24 ބުރީގެ މުޅި އިމާރާތް ގާތްގަނޑަކަށް ވަނީ އަނދައިފަ އެވެ. މަރުވި މީހުންގެ އަދަދު 58 އަށް އެރިއިރު އެ އަދަދު 70 އަށް މައްޗަށް ދާނެ ކަމަށް، ލަފާކުރެ އެވެ.

ސާދިގު ވިދާޅުވި ގޮތުގައި މިއީ ގައުމީ ބޮޑު ހާދިސާއެކެވެ. އެކަމަށް ބޭނުންވަނީ ވެސް ގައުމީ ފެންވަރުގެ ފިޔަވަޅުތަކެއް އަޅަން ކަމަށް ވެސް ވިދާޅުވި އެވެ.

ޓަވަރު ނިސްބަތްވާ ކެންސިންޓަން އެންޑް ޗެލްސީ ކައުންސިލުން ބުނީ ހާދިސާ އަށް ފަހު އެތަނުގެ ހުރިހާ މުވައްޒަފުން ވެސް ހުއްޓުމެއް ނެތި މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެކަމަކު މިއީ އެންމެ އިދާރާއަކަށް އަތްލެވޭ ވަރަށް ވުރެ ބޮޑު ހާދިސާއެއް ކަމަށް، އެ ކައުންސިލްގެ ލީޑަރު ނިކޮލަސް ޕަގެޓް ބުރައުން ވިދާޅުވި އެވެ.

ހާދިސާގައި ހާލުގައި ޖެހިފައިވާ މީހުންނަށް ސަރުކާރުގެ އެހީތެރިކަން ލިބުން ލަސްވުމާއި ވާނުވާ ނޭނގުމުން ރުޅިގަދަވެ، މުޒާހަރާތަކެއް ވެސް ކުރި އެވެ. އެކަމަކު ސަރުކާރުން މިހާރު ވަނީ ފަސް މިލިއަން ޕައުންޑްގެ ކުއްލި ހާލަތުގެ ބަޖެޓެއް ކަނޑައަޅާފަ އެވެ.

ބޮޑުވަޒީރު ތެރޭސާ މޭ ވިދާޅުވި ގޮތުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމުގައި އޭނާގެ ސަރުކާރު ދެމި އޮންނާނެ އެވެ. އަހަރުތަކަކަށް ދެމިގެން ދިޔަސް އެ އެހީތައް ފޯރުކޮށްދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ހާދިސާގައި ސަލާމަތްވި މީހުންގެ ތެރެއިން ބަޔަކު ބޮޑުވަޒީރުގެ އޮފީހުގައި މޭއާ ވަނީ ބައްދަލުކޮށްފަ އެވެ. އެމީހުން ބުނި ގޮތުގައި ހާދިސާ އަށް ފަހު އިމާރާތުގެ މެނޭޖަރުން ވަނީ ލޯ މަތިން ގެއްލިފަ އެވެ.

"ބޮޑުވަޒީރަށް އަހަރެމެން ކިޔައިދިނިން މެނޭޖްމަންޓާ މެދު ކުރިންސުރެ ވެސް ބޮޑެތި ހިތްހަމަނުޖެހުންތަކެއް ހުއްޓޭ. މި ހާދިސާ ދިމާވީ އެހެން އަޅާނުލެވި ގޮސްގެންނޭ،" ބޮޑުވަޒީރާ ބައްދަލުކުރި މީހުން ބުންޏެވެ.

ޚާން ވެސް ވިދާޅުވީ ކައުންސިލްގެ އަޅާލުމެއް ނެތި އެތައް އަހަރެއް މާޒީ ވެއްޖެ ކަމަށެވެ. އެއީ ގްރެންފެލް ޓަވަރުގައި ދިރިއުޅޭ މީހުންގެ ރުޅި އާއި ހިތްހަމަނުޖެހުން އޮތް މައްސަލައެއް ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ހާދިސާ އަކީ ކައުންސިލާއި ސަރުކާރާއި ސިޔާސީ މީހުންނަށް ހެދުނު ގޯސްތަކެއްގެ ނަތީޖާ އެވެ.