18 ޖޫން 2017 - 22:57

މުވާސަލާތީ ހިދުމަތް ދޭ ކުންފުނި އުރީދޫގެ، ހިއްސާ ވިއްކަން ހުޅުވާލި މުއްދަތު ހަމަވި އިތު 421 މިލިއަން ރުފިޔާގެ ހިއްސާ 8،000 އަށް ވުރެ ގިނަ މީހުން ގަނެފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އުރީދޫން ބުނީ މުއްދަތު ހަމަވި އިރު، ހުށަހަޅާފައިވާ އެޕްލިކޭޝަންތައް މެދުވެރިކޮށް 8،219 މީހުން ހިއްސާ ގަނެފައިވާ އިރު އެއީ 14،044،870 ހިއްސާ ކަމަށެވެ.
ތިރީސް ރުފިޔާގެ ރޭޓުން ހިއްސާ ވިއްކި އިރު އެއީ ޖުމްލަ 421،346،100ރ. ގެ ހިއްސާ އެވެ. އަދި އެއީ ވިއްކާލަން ހުޅުވާލި 15 ޕަސަންޓްގެ ހިއްސާގެ ތެރެއިން 9.5 ޕަސެންޓް ހިއްސާ ކަމަށް ވެސް އުރީދޫން ބުންޏެވެ.
ހިއްސާ ގަތުމުގެ މުއްދަތު ހަމަވީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެެވެ. އުރީދޫން ރާއްޖެ އާއި ރާއްޖެން ބޭރުގެ މުއައްސަސާތަކާއި އަމިއްލަ އިންވެސްޓަރުންނަށް ހުޅުވާލީ އެ ކުންފުނީގެ ހިއްސާގެ 40 ޕަސެންޓާ ހަމައަށް ގަތުމުގެ ފުރުސަތެވެ.
އުރީދޫން ނެރުނު ބަޔާނެއްގައި ބުނީ ލިސްޓިން ރޫލް އިން ލާޒިމު ކުރާ ގޮތުގެ މަތިން، ހިއްސާ އެކަށައަޅާފައިވާ ލިސްޓް މިހާރު މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ އަށް ފޮނުވާފައިވާ ކަމަށެވެ. އެގޮތުން 14 ދުވަހުގެ ތެރޭގައި [ޖުލައި، 13، 2017 ގެ ނިޔަލަށް] ޑިޕޮސިޓް ރިކުއެސްޓެއް ފޮނުވަން އެދިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އަދި ޑިޕޮސިޓް ރިކުއެސްޓް ލިބޭތާ ފަސް ދުވަހުގެ ތެރޭގައި [ޖުލައި 20 ގެ ނިޔަލަށް] ހުއްދަ ދިނުމަށް ފަހު، ހުއްދަ ދީފައިވާ ލިސްޓު މޯލްޑިވްސް ސެކިއުރިޓީޒް ޑީޕޮސިޓަރީ އަށް އަނބުރާ ހުށަހެޅޭނެ އެވެ.
"ހިއްސާދާރުންގެ ޑިޕޮސިޓަރީ އެކައުންޓުތަކަށް ޙިއްޞާ ޖަމަޢުވިކަން މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ އިން ރަސްމީ ބަންދު ނޫން ފަސް ދުވަހުގެ ތެރޭގައި [ޖުލައި، 31 2017 ވާ ހޯމަ ދުވަހުގެ ނިޔަލަށް] އަޅުގަނޑުމެންނަށް އެންގެވުމާއެކު، އެކަން ރަސްމީ ބަންދު ނޫން 5 ދުވަސް ތެރޭގައި (7 އޮގަސްޓް 2017 ވާ ހޯމަ ދުވަހުގެ ނިޔަލަށް) އަޅުގަނޑުމެން ޢާންމުކޮށް އަންގާ އިޢުލާނު ކުރާނަމެވެ." އުރީދޫގެ ބަޔާނުގައި ބުންޏެވެ.
"މީގެ އިތުރުން، ޖަމަޢު ކުރެވިފައިވާ ހިއްސާގެ އަދަދާއި އެމްއެސްޑީ އެކައުންޓުގެ މައުލޫމާތު ހުރިހާ ހިއްސާދާރުންނަށް ލިޔުމުން ވެސް އެންގޭނެ ވާހަކަ ދަންނަވަމެވެ."
އެ ކުންފުނިން އަދި ބުނީ މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ އެކައުންޓުތަކަށް ހިއްސާތައް ޖަމާ ކުރެވުނުކަން އޮގަސްޓް 10، 2017 ގައި އާންމުކޮށް އަންގައި އިޢުލާނު ކުރުމުން ހިއްސާތައް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ރަސްމީކޮށް ގަނެ ވިއްކަން ފެށުމަށް ހުޅުވައި ލެވޭނެ ކަމަށެވެ.
އުރީދޫން ބުނީ މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި އެ ކުންފުނިން އަންނަނީ މޯލްޑިވްސް ސެކިއުރިޓި ޑިޕޮސިޓަރީ އަދި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖާ އެކު ވަރަށް ގާތުން މަސައްކަތް ކުރަމުން ކަމަށެވެ.
"ހިއްސާގެ ބަޔާނުގައި ބަޔާންކޮށްފައިވާ ތާރީހުތަކަށް ބަދަލު އައިސްފައި ވަނީ، ޙިއްޞާ ބަޔާން ނެރުނު ފަހުން ބައެއް ރަސްމީ ބަންދު ނޫން ދުވަސްތައް ބަންދު ކުރުމާ ގުޅިގެންނެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ރަސްމީކޮށް އިތުރު ދުވަހެއް ބަންދު ކުރެވިއްޖެ ނަމަ، ތާރީހުތަކަށް ބަދަލުއައުން އެކަށީގެންވާ ވާހަކަ ވެސް ދަންނަވާލީމެވެ." ބަޔާނުގައި ބުންޏެވެ.