18 ޖޫން 2017 - 18:22

އިސްލާމްއާބާދު (ޖޫން 18) - ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީގުގެ މެންބަރުންގެ ތެރޭން އެންމެ މުއްސަނދި ބޭފުޅަކީ ބޮޑު ވަޒީރު ނަވާޒް ޝަރީފް ކަމަށް މެންބަރުންގެ މާލީ ބަޔާންތަކުން ހާމަވެއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަންސް އިން ހާމަކުރި މެންބަރުންގެ މާލީ ހިސާބުތަކުގައިވާ ގޮތުން މިދިޔަ އަހަރާ ހަމައަށް ނަވާޒް ޝަރީފްގެ މިލްމިއްޔާތު 1.72 ބިލިއަން ޕާކިސްތާން ރުޕީސް އަށް އަރަ އެވެ. ނަވާޒް ޝަރީފް އަށް އާމްދަނީ ލިބޭ ވަސީލަތްތަކުގެ ތެރޭގައި ފިރިހެން ދަރިކަލުން ހުސައިން، ސައުދީ އަރަބިއާގައި ހިންގަވާ ވިޔަފާރިން ލިބޭ ކޮމިޝަން ހިމެނެ އެވެ. ޕެނަމާ ޕޭޕާސް އިން ލީކުކޮށްލި ލިސްޓުގައި ނަވާޒް ޝަރީފްގެ އާއިލީ ވިޔަފާރި ހިމެނުމާ އެކު އެ މައްސަލަ ވަނީ ކޯޓާ ހަމައަށް އުފުލައިފަ އެވެ.
މާލީ ބަޔާނުގައިވާ ގޮތުން 2012 ވަނަ އަހަރު ނަވާޒް ޝަރީފުގެ މިލްކިއްޔާތުގައި ހުރީ 261.6 މިލިއަން ރުޕީސް އެވެ. ނަމަވެސް 2013 ވަނަ އަހަރު އެ އަދަދު ވަނީ ހަ ގުނަ އިތުރުވެ 1.82 ބިލިއަން ރުޕީސް އަށް އަރައިފަ އެވެ. ބޮޑު ވަޒީރުކަމުގެ ތިން ވަނަ ދައުރުގެ ފުރަތަމަ އަހަރު ނަވާޒް ޝަރީފް ވަނީ ފުރަތަމަ ފަހަރަށް ބިލިއަނަރަކަށް ވެވަޑައިގެންފަ އެވެ. ދެހާސް އެގާރަ ވަނަ އަހަރު އަހަރު އެމަނިކުފާނުގެ މިލްކިއްޔާތުގެ އަގަކީ 166 މިލިއަން ރުޕީސް އެވެ.
ނަވާޒް ޝަރީފްގެ މިލްކިއްޔާތު، 2014 ވަނަ އަހަރު ވަނީ ދެ ބިލިއަނަށް ވުރެ މައްޗަށް ޖެހިފަ އެވެ. ނަމަވެސް 2015 ވަނަ އަހަރު ވަނީ ކުޑަ ތަންކޮޅެއް ދަށަށް ޖެހި 1.96 ބިލިއަން ރުޕީސް އަށް ވެއްޓިފަ އެވެ.
ބޭރުގެ އެކި ގައުމުތަކުގެ އެކައުންޓްތަކާއި ޕާކިސްތާން ރުޕީސްގެ އެތައް ބޭންކް އެކައުންޓެއް ނަވާޒް ޝަރީފް ހިންގަވަ އެވެ. ހަކުރާއި އަންނައުނާއި ކަރުދާސް އުފެއްދުމުގެ ސިނާއީ މަސައްކަތްތައް ހިންގަވަ އެވެ. ރައިވިންޑުގައި ހުރި ނަވާޒް ޝަރީފުގެ އާއިލާގެ ގެދޮރުގެ އަގު ހަތަރު މިލިއަން ރުޕީސް އަށް އަރާ އިރު ލާހޯރުގެ އަޕާ މޯލް އޭރިއާގައި ނަވާޒް ޝަރީފުގެ ގެދޮރުގެ އަގަކީ 250 މިލިއަން ރުޕީސް އެވެ.
ނަވާޒް ޝަރީފްއާ އެންމެ ވާދަވެރި ސިޔާސީ ފަރާތްް ކަމަށްވާ ކުރީގެ ކްރިކެޓް ކުޅުންތެރިޔާ އަދި ޕާކިސްތާން ތަހުރީކީ އިންސާފު ޕާޓީގެ ލީޑަރު އިމްރާން ޚާންގެ މިލްކިއްޔާތުގައި 1.4 ބިލިއަން ރުޕީސް ހުރި ކަމަށް ހިސާބުތަކުން ދައްކަ އެވެ. އިމްރާން ޚާންގެ މިލްކިއްޔާތުގައި 2015 ވަނަ އަހަރު 1.026 ބިލިއަން ރުޕީސް ހުރި ކަމަށް ވެސް ބުނެފައިވެ އެވެ. އިސްލާމްއާބާދުގައި ހުންނަ އިމްރާން ޚާންގެ ގޭގެ އަގަކީ ވެސް 750 މިލިއަން ރުޕީސް އެވެ. އަދި ލާހޯރުގެ ޒަމާން ޕާކުގައި ހުންނަ އިމްރާން ޚާންގެ އާއިލީ ގޭގެ އަގަކީ 29 މިލިއަން ރުޕީސް އެވެ.