19 ޖޫން 2017 - 10:36

އޭޝިއަން ކަޕް ކޮލިފައިންގައި އޮމާނަށް ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި އޭގެ ތެރޭގައި ރާއްޖެއާ ދެކޮޅަށް އުނދަގޫ ދަނޑެއްގައި ކުޅެން ޖެހުން ހިމެނޭ ކަމަށް އޮމާންގެ ކޯޗު ޕިމް ވާބީކް ބުނެފި އެވެ.

އޮމާން ކުޅުނު ފުރަތަމަ މެޗުން ވަނީ އަމިއްލަ ދަނޑުގައި ބޫޓާން އަތުން 14-0 އިން މޮޅުވެފަ އެވެ. އެކަމަކު ދެ ވަނަ މެޗުގައި ފަލަސްތީނާ ދެކޮޅަށް އެ ގައުމުގައި ކުޅުނު މެޗުން އޮމާން ވަނީ 2-1 އިން ބަލިވެފަ އެވެ. އެ މެޗަށް ފަހު އޮމާން ކޯޗު ވާބީކް ބުނީ އެ ދަނޑުގެ ހާލަތުގެ ގޮތުން އެ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދައްކަން އުނދަގޫވި ކަމަށެވެ.
"މިއީ އަހަރެމެން އާއް-މުކޮށް ބައިނަލްއަގްވާމީ މެޗުތައް ކުޅޭ ދަނޑެއް ނޫން. އެ އުނދަގޫ އޮމާން ޓީމަށް ކުރިމަތިވި. އާޓިފިޝަލް ޓާފެއްގައި އެންމެ ރަނގަޅު ކުޅުމެއް އޮމާން ކުޅުންތެރިންނަށް ނުދެއްކޭ،" ވާބީކް ބުންޏެވެ.
އޮމާންގެ ކޯޗު ވާބީކް އަކީ 2007 ވަނަ އަހަރުގެ އޭޝިއަން ކަޕްގައި ދެކުނު ކޮރެއާ އަށް ތިން ވަނަ ހޯދައިދިން ކޯޗެވެ. އޭގެ ފަހުން އޭނާ ވަނީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕަށް އޮސްޓްރޭލިއާ ކޮލިފައިކޮށްދީ އެ މުބާރާތުގައި އެ ޓީމަށް އިރުޝާދުދީފަ އެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި ދެން އޮމާން ރަށުންބޭރުގައި ކުޅެން ޖެހޭ ދެ މެޗަކީ އަންނަ އޮކްޓޫބަރު 10 ވަނަ ދުވަހު މާލޭގައި ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗާއި ތިމްޕޫގައި ބޫޓާނާ ދެކޮޅަށް ކުޅޭ ނޮވެމްބަރު 14 ވަނަ ދުވަހު ކުޅޭ މެޗެވެ.
"އަހަރެން ޓީވީން ބެލިން ފަލަސްތީނާއި ރާއްޖެ ކުޅުނު މެޗު. ރާއްޖޭގައި އޮތީ އެންމެ ރަނގަޅު ދަނޑެއް ނޫން. އޮމާންގެ ކުޅުންތެރިންނަށް ފަސޭހައީ ތިރިން ޕާސް ޖަހައިގެން ކުޅޭ ގޭމް. އެކަމަކު ރާއްޖެއާ ދެކޮޅަށް މާލޭގައި އެ ގޮތަށް ނުކުޅެވޭނެ. އެހެން ގޮތެއް ހޯދަން ޖެހޭނީ،" ވާބީކް ބުންޏެވެ.
އޭނާ ބުނީ ބޫޓާނާ ދެކޮޅަށް ކުޅެން ޖެހޭ މެޗަކީ ވެސް އޮމާން ކުޅުންތެރިންނަށް ކުރިމަތިވާނެ ޗެލެންޖެއް ކަމަށެވެ.
"ބޫޓާނާ ދެކޮޅަށް އަހަރެމެން ކުޅޭ މެޗު ކުޅެން ޖެހެނީ ކަނޑަށް ވުރެން 2400 މީޓަރު އުހުގައި. ގާތްގަނޑަކަށް ހަތެއް ނޫނީ އަށެއް ޑިގްރީގައި. މި ހާލަތުގައި މެޗެއް ކުޅުމަކީ އޮމާން ކުޅުންތެރިންނަށް ކުރިމަތިވާނެ ޗެލެންޖެއް،" ވާބީކް ބުންޏެވެ.
އޭނާ ބުނީ ހުނަރަށް ބަލާއިރު މި ގްރޫޕުގެ ފޭވަރިޓުންނަކީ އޮމާން ކަމަށާއި އެހެން ނަމަވެސް މެޗުތައް ކުޅެން ޖެހޭ ހާލަތްތަކާއި އެހެނިހެން ތަފާތުތަކުގެ ސަބަބުން ހީނުކުރާ ނަތީޖާ ނިކުތުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
ޔޫއޭއީގައި 2019 ވަނަ އަހަރު އޮންނަ އޭޝިއަން ކަޕުން ޖާގަ ލިބޭނީ ކޮންމެ ގްރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމަކަށެވެ.