18 ޖޫން 2017 - 16:24

ކުރިއަށް އޮތް ފިތުރު އީދު ދުވަހު ހުޅުމާލޭގައި ޒުވާނުންނަށް އަމާޒުކޮށްގެން ފެންކުޅި މުބާރާތެއް ކުރިއަށް ގެންދަން، ޒުވާނުންތަކެއް އިސްކޮށް ތިބެ ހިންގާ ހުޅުމާލޭ ކެފޭ ލަޔާ އިން ތައްޔާރުވެއްޖެ އެވެ.
އީދު ދުވަހު ހެނދުނު 9:00 އިން އިރުއޮއްސި 6:00 އަށް ކުރިއަށްގެންދާ "ލަޔާ އީދު ކުޅިވަރު" ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ އާއްމުކޮށް ހުޅުވާލައިފަ އެވެ. ކޮންމެ ޓީމެއްގައި 18 އަހަރުން މަތީގެ މަދުވެގެން 10 މެމްބަރުން ތިބެން ޖެހޭނެ އެވެ.
މި މުބާރާތް ކުރިއަށްގެންދަނީ ތަފާތު ގޮތަކަށެވެ. އެގޮތުން ދިވެހިން އާއްމުކޮށް ދަތުރުގޮސް އުޅޭއިރު ކުޅޭ ފައިގަތަޅާ ނުވަތަ ޑޮޖްބޯލް ކުޅޭ އުސޫލުން ބޭރުގައި ޓީމެއް އޮވެފައި އެތެރޭގައި އަނެއް ޓީމު އޮވެ ކުލަ ޖަހާނީ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000ރ. ގެ އިނާމަކާއި ޓްރޮފީއެއް ދޭނެ އެވެ. އަދި ދެ ވަނަ ޓީމަށް 5000ރ. ދޭން ވަނީ ހަމަޖައްސައިފަ އެވެ.
"ބޭނުންވަނީ އީދުގައި ރަށުން ބޭރަށް ނުދެވި މާލެ އާއި ހުޅުމާލެ އަދި ވިލިނގިލީގައި އުޅޭ މީހުންނަށް ވެސް އީދުގެ މަޖަލުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުން،" ކެފޭ ލަޔާ އިން ވާހަކަދެއްކި އޮފިޝަލަކު ބުންޏެވެ.
ހުޅުމާލޭ ހުޅަނގު ފަރާތު އަތިރިމައްޗަށްވާ ގޮތަށް ހުންނަ ކެފޭ ލަޔާގެ ކުރިމަތީގައި އޮންނަ ވޯޓާ ސްޕޯޓްސް ބީޗުގައި ބާއްވާ މި ހަރަކާތް ކުރިއަށްދާއިރު މިއުޒިކާއި ބާބަކިއު ވެސް ކުރިއަށްދާނެ އެވެ. މީގެ އިތުރުން ވެސް ތަފާތު މަޖާ އެކު ހަރަކާތްތައް އޮންނާނެ އެވެ.
"އެކުވެރިންނާ އެކު އީދު ފާހަގަކޮށްލައި މަޖާކޮށްލަން ވަރަށް ރަނގަޅު ހަރަކާތެއް މިއީ."
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަންގާރަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. އެގޮތުން ކެފޭ ލަޔާގެ ފޭސްބުކް ޕޭޖުން ނުވަތަ އެ ކެފޭ އިން ދޫކުރާ ފޯމް ފުރުމަށް ފަހު 1000ރ. ގެ ޗަންދާއަކާ އެކު ހުށަހެޅުމުން ބައިވެރިވެވޭނެ އެވެ. ފުރުސަތު ދޭނީ އެންމެ ކުރިން ހުށަހަޅާ 20 ޓީމަށެވެ. މި އިވެންޓުގެ ހައިޑްރޭޝަން ޕާޓްނަރަކީ 100 ޕްލަސް އެވެ.
ކެފޭ ލަޔާ އިން މިދިޔަ އަހަރު ވެސް މި ހަރަކާތް ކުރިއަށް ގެންދިޔައިރު ފުރިހަމަ ތަރުހީބެއް ވަނީ ލިބިފަ އެވެ.