18 ޖޫން 2017 - 14:22

ކޮލަމްބޯ (ޖޫން 18) - ސްރީ ލަންކާގައި ހަލުވިކަމާ އެކު ޑެންގީ ފެތުރޭތީ އެކަމުން ރައްކާތެރިވުމަށް ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ނިންމައިފި އެވެ.
ޑެންގީން ރައްކާތެރިވުމަށް ފިޔަވަޅު އަޅަން އުފައްދާފައިވާ ޕްރެޒިޑެންޝަލް ޓާސްކް ފޯހާއި ހެލްތު މިނިސްޓްރީ ގުޅިގެން މިހާރު ވަނީ ކޮންމެ ހަފުތާއަކު ވެސް އެއްގަޑިއިރު ގެތަކާއި އޮފީސްތަކާ އަދި އާއްމު ތަންތަން ސާފު ކުރަން ނިންމައިފަ އެވެ މި ގޮތުން ސާފު ކުރާ ގަޑިއަކީ ކޮންމެ ހުކުރު ދުވަހެއްގެ ހެނދުނު 9.30 އިން 10:30 އަށް ކަމަށް އިންފޮމޭޝަން ޑިޕާޓްމަންޓުން ބުންޏެވެ.
ހެލްތު މިނިސްޓަރު ރަޖީތާ ސެނަރަތުނަ ވިދާޅުވީ ސާފު ކުރާ ތަންތަން ސަރުކާރުގެ އޮފިޝަލުން އިންސްޕެކްޓް ކުރާނެ ކަމަށެވެ. ޑެންގީ ޓާސްކް ފޯހަށް 1،500 މީހުން އިތުރު ކުރަން ކެބިނެޓުން މިހާރު ވަނީ ނިންމައިފަ އެވެ. އަދި މަދިރި އުފެދޭ ގޮތަށް ހުންނަ ތަންތަނަށް ފޮގް ޖަހާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ރަނގަޅު ފެންވަރުގެ ފޮގް މެޝިން ޖަރުމަނުން އެތެރެކުރަން ނިންމައިފައިވާ ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުންޏެވެ.
ރައީސް މައިތުރިޕާލާ ސިރިސޭނާގެ އިސް ނެންގެވުމުގެ މަތިން މިހާރު ވަނީ މަދިރިން ރައްކާތެރިވުމުގެ ތިން މަސް ދުވަހުގެ ޕްރޮގްރާމެއް ފަށާފައި ކަމަށް ވެސް ރަޖީތާ ވިދާޅުވި އެވެ. ލަންކާ އިން މިހާރު ވަނީ ޑެންގީ ޓެސްޓްތަކުގެ އަގު ވެސް ހެޔޮކޮށްފަ އެވެ.
ހެލްތު މިނިސްޓްރީން ބުނީ މި އަހަރުގެ މިހާތަނަށް ލަންކާގައި 63،987 މީހުންނަށް ޑެންގީ ޖެހިފައިވާ ކަމަށެވެ. އަދި މީގެ ތެރޭން 200 ވަރަކަށް މީހުން ވަނީ މަރުވެފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލަންކާގައި ޑެންގީ ޖެހިފައި ވަނީ 23،814 މީހުންނަށެވެ.
ލަންކާ އަށް ދާދި ފަހުން ކުރި ގަދަ ވިއްސާރަ އަށް ފަހު ވެސް ވަނީ ޑެންގީ ފެތުރުން ހަލުވިވެފަ އެވެ.