ތުރުކީގެ އަސްކަރީ މަރުކަޒެއް ބޭނުން ނުވާ ކަމަށް ސައުދީން ބުނެފި
ތުރުކީގެ އަސްކަރީ މަރުކަޒެއް ބޭނުން ނުވާ ކަމަށް ސައުދީން ބުނެފި

ރިޔާޒް (ޖޫން 18) - ގަތަރުގައި ގާއިމްކޮށްފައިވާ ފަދަ އަސްކަރީ މަރުކަޒެއް ސައުދީ އަރަބިއާގައި ތުރުކީން ގާއިމް ކުރުމަށް މަރުހަބާ ނުކިޔާނެ ކަމަށް ރިޔާޒުން ބުނެފި އެވެ.

ސައުދީ ސަރުކާރުން މިފަދަ ބަޔާނެއް ނެރެފައި މި ވަނީ ސައުދީގައި ތުރުކީގެ އަސްކަރީ މަރުކަޒެއް ގާއިމްކުރަން ހުށަހަޅާފައިވާނެ ކަމަށް ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެފައި ވަނިކޮށެވެ. ތުރުކީ ޕާލަމެންޓުން ފާސްކުރުމާ އެކު މިހާރު ވަނީ ގަތަރުގައި ހުރި އަސްކަރީ މަރުކަޒަށް ތުރުކީ ސިފައިން ފޮނުވަން ނިންމައިފަ އެވެ.

"ތުރުކީގެ އަސްކަރީ މަރުކަޒެއް ސައުދީގައި ގާއިމް ކުރުމުގެ ހުއްދައެއް ނުދެވޭނެ،" ރަސްމީ ނޫސް އެޖެންސީގައި އާއްމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވެ އެވެ.

ސައުދީ އޮފިޝަލުން ނުރަސްމީކޮށް ބުނެފައި ވަނީ ތުރުކީގެ އަސްކަރީ މަރުކަޒެއް ސައުދީ އަށް ބޭނުން ނުވަނީ އެ ގައުމުގެ ސިފައިންނާއި އަސްކަރީ ފެސިލިޓީޒް ހުރީ އެންމެ ފުރިހަމަ ފެންވަރުގައި ކަމަށްވާތީ އެވެ. އަދި ސައުދީ ސިފައިން ބޭރު ގައުމުތަކުގެ އަސްކަރީ މަޒުކަޒުތަކުގައި ހަރަކާތްތެރިވާ ކަމަށް ވެސް އޮފިޝަލުން ވަނީ ފާހަގަކޮށްފަ އެވެ.

ސައުދީ އާއި ޔޫއޭއީ އަދި ބަހުރޭން ފަދަ ގައުމުތަކުން ގަތަރާ ގުޅުން ކަނޑާލުމުން އެ މައްސަލަ ހައްލު ކުރުމުގައި ތުރުކީން ދަނީ އިސް ރޯލެއް އަދާކުރަމުންނެވެ. ތުރުކީގެ ޚާރިޖީ ވަޒީރު ހުކުރު ދުވަހު ވަނީ ސައުދީ ރަސްގެފާނާ ބައްދަލު ކުރައްވައިފަ އެވެ.