މައިކްރޮސޮފްޓް ސާފަސް ލެޕްޓޮޕް އުފައްދާފައި ވަނީ ރޫޅޭ ގޮތަކަށް ނޫން
މައިކްރޮސޮފްޓް ސާފަސް ލެޕްޓޮޕް އުފައްދާފައި ވަނީ ރޫޅޭ ގޮތަކަށް ނޫން

މައިކްރޮސޮފްޓް ސާފަސް ލެޕްޓޮޕަކީ މަރާމާތުކުރެވޭ އާލާތެއް ނޫން ކަމަށް "އައިފިކްސްއިޓް"އިން ބުނެފި އެވެ.

"އައިފިކްސްއިޓް" އަކީ އައިފޯން، އައިޕެޑް އަދި ޕްލޭސްޓޭޝަން ފަދަ މަގުބޫލު އާލާތްތައް ރޫޅަން ބޭނުންވާ ހަތިޔާރު އުފައްދައި، މަރާމާތުކުރާނެ ގޮތްފޮތް ކިޔައިދޭ ކުންފުންޏެކެވެ. މަޝްހޫރު ޑިވައިސްތައް މަރާމާތުކުރުމަށްޓަކައި، ކުރަންޖެހޭހާ ކަމެއް ހިމަނައި ވީޑިއޯ އުފެއްދުމަކީ ވެސް އެ ކުންފުނިން ކުރާ ވިޔަފާރިއެކެވެ.

މައިކްރޮސޮފްޓުން އެންމެ ފަހުން ނެރުނު ސާފަސް ލެޕްޓޮޕް ރޫޅުމަށްޓަކައި "އައިފިކްސްއިޓް"އިން ކުރި ހުރިހާ ކަމެއް ވަނީ ފެއިލްވެފަ އެވެ. އެހެންވެ، އެ ކުންފުނިން ނިންމާފައި ވަނީ އެއީ މަރާމާތުނުކުރެވޭ ޑިވައިސްއެއް ކަމަށެވެ.

ސާފަސް ލެޕްޓޮޕްގައި އެއްވެސް އިސްކުރެއް ނުހުރެ އެވެ. މަތިގަނޑު އަދި ފޫ ވެސް ހުރީ ވަރުގަދަ ތެރަހަކުން ބައްދައި ގުޑުވައި ވެސް ނުލެވޭ ވަރު ކޮށްފަ އެވެ. އެހެންކަމުން ކަށިގަނޑެއް ޖައްސައި މަތާލެވޭ ގޮތަކުން ވެސް މޫނުމަތީގައި ބޮޑު ކޫރެއް އެޅުން ނޫން ކަމެއް ނުވެ އެވެ.

ޑިވައިސްތައް މަރާމާތުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ ބުރަކަމަށް ބަލައި "އައިފިކްސްއިޓް"އިން ދޭ މިންގަނޑުން، ސާފަސް ލެޕްޓޮޕަށް ލިބިފައި ވަނީ ސުމެކެވެ. އެއީ އެ މީހުން ބުނި ގޮތުގައި އެ ނޫން އެހެން ގޮތެއް ހަމަ ނެތުމުންނެވެ. އެންމެ ކުޑަމިނުން "އެކެއް" ދެވެން ވެސް ނެތީ އެވެ. ސާފަސް ލެޕްޓޮޕް މަރާމާތުކުރަން ރޫޅާލުމުން ވެސް ވަނީ ހަލާކު ކަމަށް އެ ކުންފުނިން ބުނެ އެވެ.

މައިކްރޮސޮފްޓް ސާފަސް ލެޕްޓޮޮޕަށް ލިބޭ ތަރުހީބު ވަރަށް ބޮޑެވެ. ޓެކްނޮލޮޖީ ވެބްސައިޓްތަކުގައި، ރިވިއުތަކަށް ބަލާ ނަމަ ހުރިހާ ދާއިރާއަކުން ވެސް މަތީ މާކްސް ހޯދަ އެވެ. އެއީ ވާދަވެރިންގެ ވިޔަފާރި އަށް ހުރަސްއަޅާނެ އާލާތަކަށް ވާނެ ކަމަށް ރިވިއުތައް ބުނެ އެވެ.