19 ޖޫން 2017 - 08:13

ނިއު ދިއްލީގެ ހައި ކޯޓުގައި، އުމުރުން ފަސް އަހަރުގެ ކުއްޖަކު، އޭނާއަށް ކޮށްފައިވާ ޖިންސީ ގޯނާތައް ކިޔައިދޭން ބާބީ ޑޯލެއް ކޯޓަށް ގެންގޮސްފި އެވެ.
ދިފާއީ ވަކީލުންގެ ސުވާލުތަކަށް ޖަވާބު ދޭން ކުއްޖާއަށް އެންމެ ފުރަތަމަ ނޭނގުނެވެ. ނަމަވެސް ފަހުން ވަނީ ބާބީ ޑޯލްގެ އެކި ތަންތަނަށް އިޝާރާތްކޮށް، ކުރިމަތިވި އަނިޔާތައް ބަޔާންކޮށްދީފަ އެވެ.
މިއީ ކޯޓުގެ ފަނޑިޔާރުގެ އިސް ނެންގެވުމަކަށް ކޯޓަށް މައުލޫމާތު ހޯދަން ބޭނުންކުރި ގޮތެކެވެ. މިއީ ކުއްޖާއަށް ދިމާވި ކަންތައްތައް ފަސޭހައިން ކިޔައިދެވުނު ވަރަށް ކާމިޔާބު ގޮތެއް ކަމުގައި ވަނީ ބެލެވިފަ އެވެ.
ކިޔައިދޭން ނުކެރޭ ކަހަލަ ބައެއް ވާހަކަތައް މި ކުއްޖާ ވަނީ ވަރަށް ފަސޭހަ ކަމާއެކު ބާބީ ޑޯލް މެދުވެރިކޮށް ފަނޑިޔާރުންނަށް ކިޔައިދީފަ އެވެ. އަދި މި ތުހުމަތުކުރެވޭ 23 އަހަރުގެ ފިރިހެންމީހާއާ ދެކޮޅަށް ބޮޑު ހުކުމެއް އިއްވުމުގެ މަގު ފަހިވާ ވަރަށް ކުއްޖާ ކިޔައިދިނެވެ.
މި މައްސަލައިގައި ދިފާއީ ހެކިން ދެއްކި އެއްވެސް ވާހަކައެއް ފަނޑިޔާރު އެސް.ޕީ. ގަރްގް ގަބޫލެއް ނުކުރެއްވި އެވެ. އޭނާ ވިދާޅުވީ ކުޑަކުޑަ އަންހެންކުއްޖާ ތަހައްމަލުކުރި ހުރިހާ ވޭންތައް ވަރަށް ސާފުބަހުން ކިޔައިދީފައިވާ ކަމަށާއި އެކަން ކުރީ އެ ފިރިހެންމީހާ ކަމަށް ވެސް ބުނެފައިވާ ކަމަށެވެ. އަދި ކުއްޖާގެ ގުނަވަންތަކުގައި، އަނިޔާގެ ނިޝާންތައް ނެތުމަކީ އެ ކުއްޖާއަށް އެކަންކަން ދިމާނުވާ ކަމުގެ ހެއްކަކަށް ނުފުދޭ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.
މި ކުއްޖާއަށް ޖިންސީ އަނިޔާކޮށްފައި ވަނީ 2014 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. އޭނާއަށް ވުރެ 10 އަހަރު ދޮށީ ބޭބެއަކާ އެކު ސްކޫލަށް ދިޔަ މަގުމަތީގައި ކުއްޖާއަށް ޖިންސީ އަނިޔާ ކުރީ، އެ ކުއްޖާ ފިހާރައެއްގެ ބޭރުގައި ބަހައްޓާފައި ކުއްޖާގެ ބޭބެ އެއްޗެއް ގަންނަން ވަތް ވަގުތު އެހެން މީހަކު އެ ކުއްޖާ ކިޑްނެޕްކުރުމަށް ފަހު އެވެ.