18 ޖޫން 2017 - 11:52

ޔޮކޮސޫކާ (ޖޫން 18) - އެމެރިކާގެ ހަނގުރާމަމަތީ މަނަވަރު ޔޫއެސްއެސް ފިޒްޖެރަލްޑް، ކާގޯ ބޯޓެއްގައި ޖެހި އިއްޔެ ހިނގި އެކްސިޑެންޓުގައި ގެއްލުނު ހަތް ފަޅުވެރިން މަރުވެފައި ވަނިކޮށް ފެނިފައިވާ ކަމަށް ޖަޕާނުގެ މީޑިއާތަކުން މިއަދު ބުނެފި އެވެ.

އެކްސިޑެންޓުގައި ހަތް ފަޅުވެރިން ގެއްލުމާ އެކު އެ މީހުން ހޯދުމަށް ވަނީ ބޮޑު އޮޕަރޭޝަނެއް ހިންގައިފަ އެވެ. ގެއްލުނު މީހުން ފެނުނީ މަނަވަރުގެ ހަލާކުވެފައިވާ ބައެއްގެ ތެރޭގައި ތިއްބަ އެވެ. އެ މީހުން ޖަޕާނުގެ ހޮސްޕިޓަލަކަށް ގެންދަން ވަނީ ނިންމައިފަ އެވެ.

މި އެކްސިޑެންޓުގައި ޒަޚަމްވި މީހުންގެ ތެރޭގައި އެމެރިކާ މަނަވަރުގެ ކޮމާންޑިން އޮފިސަރު ވެސް ހިމެނެ އެވެ. އޭނާ ވަނީ ހެލިކޮޕްޓަރުގައި ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފަ އެވެ.

ކޮންޓެއިނާ ބޯޓުގައި އެމެރިކާގެ މަނަވަރު ޖެހުނީ ޖަޕާނުގެ ޔޮކޮސޫކާގެ އައްސޭރިން 56 މޭލު ބޭރުން، ދަންވަރު 2.30 ގަ އެވެ. ޖަޕާނުގެ ބަނދަރުމަތީ ސިޓީއެއް ކަމަށްވާ ޔޮކޮސޫކާ އަކީ އެމެރިކާގެ ހަތް ވަނަ ފްލީޓް ގާއިމްވެ ތިބޭ ސިޓީ އެވެ. އެކްސިޑެންޓްވި މަނަވަރާ އެކު 80 ސަބްމެރިން އެ ފްލީޓުގައި ހިމެނެ އެވެ. އެކްސިޑެންޓުގައި އެމެރިކާ މަނަވަރުގެ ކަނާތް ފަޅިއަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފަ އެވެ. މަނަވަރު ވަނީ އެމެރިކާގެ ކަނޑުގެ ސިފައިންގެ ޓަގު ބޯޓުތަކުގެ އެހީގައި ޔޮކޮސޫކާގެ ބަނދަރަށް ގެންގޮސްފަ އެވެ.
އެކްސިޑެންޓްވި އިރު 154 މީޓަރު (505 ފޫޓު) ދިގު މިސައިލް ގައިޑެޑް މަނަވަރު ދަތުރު ކުރަމުންދިޔައީ ކޮންދިމާލަކަށް ކަމެއް ނޭނގެ އެވެ. އެމެރިކާގެ މަނަވަރު ޖެހުނު 222 މީޓަރު (730 ފޫޓު) ދިގު ފިލިޕީންސްގެ ދިދަ ނަގާފައިވާ ކާގޯ ބޯޓު، އޭސީއެކްސް ކްރިސްޓަލް ދަތުރުކުރީ ޖަޕާނުގެ ނަގޯޔާ އާއި ޓޯކިޔޯއާ ދެމެދު އެވެ. މެރިން ޓްރެފިކް ރެކޯޑް ދައްކާ ގޮތުން އެކްސިޑެންޓް ހިނގުމުގެ 25 މިނިޓް ކުރިން އޭސީއެކްސް ކްރިސްޓަލް ވަނީ ކުއްލިއަކަށް ޔޫ-ޓާނެއް ނަގައިފަ އެވެ. ކޮންޓެއިނާ ބޯޓުގެ ކޯސް ބަދަލުކުރީ ކީއްވެ ކަމެއް އަދި ނޭނގެ އެވެ. އެކްސިޑެންޓްވި އިރު ކޮންޓެއިނާ ބޯޓު ދަތުރުކުރީ ގަޑިއަކު 14.6 ނޮޓްސް (ގަޑިއަކު 27 ކިލޯމީޓަރު) ބާރު މިނުގަ އެވެ. އެއީ 30،000 ޓަނުގެ ބޯޓެކެވެ. ބޯޓުގައި ތިބި ފިލިޕީންސްގެ 20 ފަޅުވެރިންނަށް މާބޮޑު ގެއްލުމެއް ނުބެ އެވެ.
ޖަޕާނުގެ ބްރޯޑްކާސްޓާ އެންއެޗްކޭ އިން ބުނީ ދަންވަރުގެ ވަގުތުގައި އެކްސިޑެންޓް ހިނގުމާ އެކު ކްރޫން ނިދަން ތިބޭ ކުއާޓަރު ފޫގޮސް ލޮނުގަނޑު ވައްދާލި ކަމަށެވެ.
އެމެރިކާގެ މަނަވަރުގައި ވަނީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ރާޑާ ސިސްޓަމް ގާއިމްކޮށްފަ އެވެ. އެހެންވެ މިފަދަ އެކްސިޑެންޓެއް ހިނގަން މެދުވެރިވި ސަބަބާ ބެހޭ ގޮތުން ދަނީ ސުވާލު އުފައްދަމުންނެވެ.