22 ޖޫން 2016 - 14:20

މޯލްޑިވްސް ރިޓަޔާމަންޓް ޕެންޝަން ސްކީމުން 65 އަހަރު ވުމުން ދޫކުރާ ފައިސާ އިންޝުއަރެންސް ކުންފުންޏެއް މެދުވެރިކޮށް މުޅި އުމުރަށް ލިބޭ ގޮތް ހަދަން ގަވައިދެއް އެކުލަވާލުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން މިއަދު ބުނެފި އެވެ.
ޑިރެކްޓަރު އިސްމާއިލް ޝުޖާއު ވިދާޅުވީ ޕެންޝަނަރުންނަށް 65 އަހަރު ވުމުން ދޫކުރާ ފައިސާ އެންމެ ގިނަވެގެން މިހާރު ލިބެނީ 14 އަހަރު ވަންދެން ކަމަށެވެ.
"އަޅުގަނޑުމެން މި މަސައްކަތްކުރަނީ އެ ފައިސާ އުމުރު ދުވަހު ލިބޭނެ ގޮތެއް އިންޝުއަރެންސްގެ ތެރެއިން ހަމަޖައްސަން. އެކަން ކުރުމަށް މަނިޓަރީ އޮތޯރިޓީން ގަވައިދެއް އެކުލަވާލައި އާއްމުކުރާނެ،" ޝުޖާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕެންޝަނަރުންނަށް އުމުރު ދުވަހަށް ފައިސާ ލިބޭނެ އުސޫލް ހަމަޖެއްސުމަށް ފަހު އިންޝުއަރެންސް ކުންފުނިތަކަށް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.
"މިހާރު އެންމެ ގިނަވެގެން ވެސް މިދެވެނީ 79 އަހަރު ވަންދެން. އެކަމަކު އިންޝުއަރެންސް ކުންފުނިން އެ މީހާ ދިރިހުރި ހުރިހާ ދުވަހަކު އެ ފައިސާ ލިބޭނެ،" އޭނާ ވިދާޅުވި އެވެ.
ޕެންޝަނަރުންނަށް ދާއިމީކޮށް އެ ފައިސާ ލިބޭނެ ގޮތެއް ހަދަން، ޕެންޝަނާ ބެހޭ ގާނޫނަށް އަމަލުކުރަން ފެށުމާ އެކު ހެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޝުޖާއު ވިދާޅުވި އެވެ.
ރިޓަޔާމަންޓް ޕެންޝަން ސްކީމަކީ ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާކުރާ މީހާގެ އަތުން އަސާސީ މުސާރައިގެ ޖުމްލަ 14 ޕަސެންޓް ފައިސާ ނެގުމަށް ފަހު، 65 އަހަރު ވުމުން ފައިސާ ދޫކުރާ ސްކީމެވެ. އުމުރުން 65 އަހަރު ވުމުން މަހަކު 5،000ރ. ދޭ ސްކީމަކީ އަދި ވަކި ނިޒާމެކެވެ.