23 ޖޫން 2016 - 08:00

ބޮލީވުޑް ތަރިން ކަމަށްވާ ރަންވީރު ސިންގް އާއި ދީޕިކާ ޕަދުކޯން އަކީ ސްކްރީންގައި އަދި ޒާތީ ދިރިއުޅުމުގައި ވެސް ވަރަށް ގުޅޭ ދެ ތަރިންނެވެ.
މި ދެ ތަރިން އެކުގައި "ރާމް ލީލާ" ކުޅުނުއިރުއްސުރެ ދެ މީހުން ރައްޓެހިވެގެން އުޅޭ ކަމަށް ޚަބަރުތައް ފެތުރުނު ނަމަވެސް މި ދެ އެކްޓަރުން މީޑިއާގައި އެއީ ދޮގެކޭ ނުވަތަ ތެދެކޭ ވެސް ނުބުނެ އެވެ. ނަމަވެސް އެމީހުންގެ އަމަލުތައް ހުންނަ ގޮތުން އެއީ ދެ ލޯބިވެރިންކަން ޔަގީންވާ ކަހަލަ ކަންތައްތައް ކޮށްފައި އެބަހުއްޓެވެ.
ނަމަވެސް ފަހުން ފެތުރެން ފެށި ޚަބަރުތަކަކީ މި ދެ ތަރިންގެ މެދުގައި މައްސަލަތައް ޖެހި ދެ މީހުން މާ ދުރު ތަންތަނުގައި އުޅެން ޖެހިފައި ވާތީ އެ މައްސަލަތައް ހައްލު ނުކުރެވިގެން އުޅޭ ވާހަކަ އެވެ. އަދި ދެ މީހުން ރުޅިވެއްޖެ ކަމަށް ބުނެ ވެސް ޚަބަރުތައް ފެތުރުނެވެ.
ދާދިފަހުން އިންޑިއާ ޓައިމްސް އަށް ދީޕިކާ ދީފައިވާ އިންޓަވިއުއެއްގައި ރަންވީރު އާ ބެހޭ ގޮތުން ސުވާލުކުރުމުން ބުނެފައި ވަނީ އެވާހަކަތަކަށް އޭނާ ދޭނެ ޖަވާބެއް ނެތް ކަމަށާއި މިފަދަ ވާހަކަތަކަށް ކުރިން ވެސް ޖަވާބު ނުދޭ ކަމަށާއި އަދި މާ އަވަހަށް ދޭން ގަސްތު ވެސް ނުކުރާ ކަމަށެވެ.
ދީޕިކާ ބުނީ ރަންވީރަކީ ކުރިން ވެސް އަދި އަބަދުވެސް އޭނާގެ ހަޔާތުގެ މުހިއްމު ބައެއްގެ ގޮތުގައި ދެކޭ ކަމަށެވެ. އަދި އެގޮތް ދުވަހަކު ވެސް ބަދަލު ނުވާނެ ކަމަށެވެ.
ދީޕިކާ ވާހަކަ ދެއްކީ މާޒީ އާއި ކުރިމަގުގެ މައްޗަށް ކަމަށާއި މިހާރު ކަންތައްތައް ހުރި ގޮތް ކިޔައިނުދޭތީ ނޫސްވެރިން ލަފާކުރަނީ އެ ދެ ތަރިންގެ މެދުގައި ކޮންމެވެސް މައްސަލައެއް އުޅޭ ކަމަށާއި ނަމަވެސް އެ މައްސަލަ ވަރަށް އަވަހަށް ހައްލުކުރަން ދީޕިކާ އުޅޭ ކަމަށެވެ.