ކުރު ވާހަކަ: ފަޅި ސިކުންތު
ކުރު ވާހަކަ: ފަޅި ސިކުންތު

ނިދިން ހޭލެވުމާއެކު ނޭފަތުގައި ޖެހުނީ ކޮފީގެ މީރު ވަހެވެ. އިތުރަށް އެނދަކު ނޯވެވުނެވެ. ތެދުވެ މޯޅިއަކަށް ދެމިލާފައި ނިކުންނަން ޖެހީމެވެ. ކޮފީ ޖޯޑު ހުރީ ފެންޑާގައި ހުރި ކުޑަ މޭޒެއްގެ މަތީ ބަހައްޓައިފިއެވެ. އަންހެނުން ކޮބައިތޯ ދެކޮޅު ބަލާލީމެވެ. ފެންނާކަށް ނެތެވެ. މޭޒު ކައިރިއަށް ޖެހިލައި ކޮފީ ޖޯޑު ނެގިތަނާ ޒީނާ ނިކުތީ ބަދިގެއިންނެވެ. ތެތް އިސްތަށިގަނޑުގައި ތުވާލި އޮޅައިފައެވެ. މޫނުގައި ހެނދުނުފަދަ ތާޒާ ކަމެވެ. އަހަރެން ފެނުމުން ޒީނާ ހިނިތުންވެފައި ކައިރިއަށް އައެވެ.

"ހަނދާން އެބަހުރި ދޯ މިއަދު ކޮން ދުވަހެއްކަން؟" ޒީނާ އެހިއެވެ.

ޖޯޑުން ފުރަތަމަ ކޯވަރު ރަހަ ބަލަން ހުރެފައި ބުމަ އަރުވައިލެވުނެވެ. ޖޯޑު ތުނބުން ނައްޓައިލި ގޮތަށް ޒީނާއާ ސުވާލު ކުރަން ތައްޔާރުވެލީމެވެ. އެވަގުތު ފަހަތުން ފެންނަން ހުރި ކަލަންޑަރުގައި އަޅައިގަތެވެ. ހަނދާންވީ ދެނެވެ.

"ކީއްވެ ހަނދާން ނެތެންވީ. މިއަދު މީ ކައިވެންޏަށް އަހަރު ފުރޭ ދުވަސް." ފަޚުރުވެރި ކަމާއެކު އަހަރެން ބުނެލީމެވެ. ޒީނާގެ ހިނިތުންވުން ފުންވެގެން އައެވެ. އަހަންނަށް ލިބުނު ހިތްހަމަޖެހުން އެއަށްވުރެ ބޮޑެވެ. އިމްތިހާނަކުން ފާސްވިއަސް އުފާވާނީ މިވަރަކަށެވެ.

އަހަރެން ފެންވަރައިގެން ނިކުންނަން ވާއިރަށް ޒީނާ ހުރީ ލާންވީ އެއްޗެހި ނަގާފައެވެ. އިސްތިރިކޮށްފައި އޮތް މުށި ފަޓްލޫނާއި ފެހި ގަމީހާއެކު ވަޅުފެހި ކުލައިގެ ޓައީ އެކެވެ. ގަމީހުގެ ގޮށް އަޅުވަން ހުއްޓާ ޒީނާ ކޮޓަރިއަށް ވަނެވެ. އަހަރެން ޓައީ ނަގަން ގުދުވެލިއިރަށް ޒީނާ އެއަށްވުރެ ކުރިން ޓައީ ޖަހައިގެންފައި ބޮލަށް މަހައިދިނެވެ. އޭނާ ޓައީ ކަރަށް ހެއުވަރު ކޮށްދިނެވެ. އަހަރެން ހުރީ ބަލާށެވެ. އެހެން ހުރިހާ ދުވަހަށްވުރެ ޒީނާގެ އެމޫނު މިއަދު އުޖާލާކަމަށް ދައްކައެވެ.

"ހަނދާންކޮށް ގަޑިއަށް އަންނާތި!" ނިކުންނަން ދިޔައިރު ޒީނާ ތަކުރާރުކޮށްލިއެވެ. އަހަރެން ބޯޖަހައިލީމެވެ. ނިކުތުމުގެ ކުރީން ޒީނާގެ ކޯތާފަތުގައި ފިރުމާލައިފައި ހިނިތުންވެލީމެވެ.

އޮފީހަށް ގޮސް އަމިއްލަ ކެބިންއަށް ވަދެވުމުން އަހަރެން ގޮވީ ނަދާއަށެވެ. އެއީ އަހަރެންގެ ޕާސަނަލް އެސިސްޓެންޓެވެ.

"ހެޕީ އެނިވަރސަރީ." ނަދާގެ އަތުގައި އޮތް މާބޮނޑި އަހަރެން މޭޒުމަތީ ބާއްވަމުން ބުނެލިއެވެ. އަހަރެން ހައިރާންވިކަން ނަދާއަށް އެނގުނެވެ. ޖަވާބުގައި އޭނަ އިޝާރާތުން ދެއްކީ މޭޒުމަތީ ހުރި ކަލަންޑަރެވެ. މިއަދުގެ ތާރީހުގައި އޮތީ ބޮޅު އަޅައިފައެވެ. އެހެންނޫނަސް މީގެ މަހެއްހާ ދުވަސް ކުރިން އަހަރެން އޮންނާނީ އެވާހަކަ ދައްކައިފައެވެ. ނަދާގެ ލަފާ އަހަރެން ހޯދީ އަންހެން ކުދިންގެ ކަންތައްތައް އެންމެ ރަނގަޅަށް އެނގޭނީވެސް އަންހެން ކުއްޖަކަށް ކަމަށް ވާތީއެވެ. ނަދާ ހުރީ އަހަރެންނަށް އެހީވާން ލޮލުން ބޮލުން އެދިގެންނެވެ. އަހަރުމެން ދެމީހުން ތިބެގެން ޒީނާއަށް ހަދިޔާ ކުރަން ހޮވި ހުރިހާ އެއްޗެއް ނަދާއަށް ލިބުނީ އިއްޔެ ކަމުގައި ބުންޏެވެ. އަހަރެން އިތުރަށް ހިތްހަމަޖެހުނީ އެވާހަކަ އަހައިފައެވެ. ބާކީ ދެން އޮތީ އެންމެ ކަމެކެވެ. އޭރުން ހުރިހާ ކަމެއް ފުރިހަމަ ވާނެއެވެ. ޒީނާ އުންމީދުވެސް ނުކުރާވަރުގެ އުފާވެރި ދުވަހަކަށް މިއަދު ވެގެން ދާނެއެވެ. ހިތުން ނުފިލާވަރުގެ ހަދިޔާއެއް އޭނައަށް ލިބިގެން ދާނެއެވެ.

ބްރޭކް ގަޑީގައި ގުޅާލިއިރު ޒީނާ ފޯނެއް ނުނަގައެވެ. ނަދާ އާއި އަހަރެން ތިބީ އެންމެ ކައިރިން ދެވެން ހުންނަ ރެސްޓޯރެންޓުން މޭޒެއް ހޯދައިގެން އެތާގައެވެ. އަހަރެމެން ކާން ފެށިތަނާ ޒީނާ ގުޅިއެވެ. ބުނީ ފޯނު ނުނެގުނީ ފާޚާނާގައި އުޅުމުން ކަމަށެވެ. އެވަގުތުވެސް އޭނަ ހަނދާންކޮށްދިނީ އޮފީސް ނިމުނުހާ އަވަހަކަށް ގެއަށް ދިއުމަށެވެ.

ނިމެން ކައިރިވެފައި ހުއްޓާ ނަދާ އައެވެ. އޭނަ ހަނދާންކޮށްދިނެވެ. އަހަރެން އެއާޕޯޓަށް ދާން ވީ ވަގުތު އަތުވެއްޖެއެވެ. ނަދާއަށް ޝުކުރު އަދާކުރުމަށްފަހު އަވަހަށް ނިކުމެ ސައިކަލުގައި ނައްޓާލައިފީމެވެ. ހުޅުލެއަށް ގޮސް ހުއްޓާ ޒީނާ ގުޅިއެވެ. އަހަރެން ފުރަތަމަ އުޅުނީ ފޯނު ނުނަގާށެވެ. އެކަމަކު ފަހުން ހިޔާލު ބަދަލުވިއެވެ. ނެގިއިރު ޒީނާގެ އަޑު ހުރީ ކުރެހިފައެވެ. އޭނާ ކޮންމެވެސް ކަމަކާއި ރުއީކަން އަހަރެންނަށް އެނގުނެވެ. ޒީނާ ދެއްކީ އޭނަގެ މަންމަމެންގެ ވާހަކައެވެ. ނުރުހުމުގައި ކުރި ކައިވެންޏަށް އަހަރެއް ފުރުނުއިރު އެމީހުންނާއި ގުޅާވެސް ނުލެވުނު ވާހަކައެވެ. އެމީހުން ނުގުޅިއަސް އޭނަ އަމިއްލައަށް ގުޅައިގެން މަޢާފަށް އެދެން ބޭނުންވާ ވާހަކައެވެ. އަހަރެން އެވާހަކަތައް އަހަން ހުރިއިރު ޒީނާގެ މަންމަ އާއި ބައްޕަ "އެރައިވަލް" އިން ނިކުމެގެން އަންނަނީއެވެ. އަހަރެން ޒީނާއަށް ލަފާ ދިނީ އަހަރެން ގޮސް، ދެމީހުން ތިބެގެން ގުޅުމަށެވެ. ޒީނާ އެއްބަސްވިއެވެ.

ފޯނު ބާއްވާފައި ބަފާބެއާއި މައިދައިތައަށް މަރުހަބާ ކީމެވެ. ޒީނާ ފެންނާތީ އެމީހުން ތިބީ ހިތްހަމަޖެހިފައެވެ. އެމީހުންނާ ހަމައަށް އަހަރެން ދިޔައީ ހުސްވި މަހު މެދުތެރޭގައެވެ. އޮފީސް ދަތުރެއްގައި އެއަތޮޅަށް ކުރި ދަތުރެއްގެ ތެރެއިން ހޯދި ފުރުސަތެކެވެ. އަހަރެން ހީކުރި ގޮތާއި ޚިލާފަށް އެދެމީހުންވެސް ތިބީ ވެދިޔަ ކަންތަކާއި ދެރަވެފައެވެ. ޒީނާ ފަދައިން ބައްދަލު ކުރަން ނުކެރިފައެވެ. އަހަރެން އެމީހުން ކައިރީ އެދުނީ އަންގާލުމުން އައުމަށެވެ. އޭގެ ކުރިން ޒީނާއަށް ނުގުޅުމަށެވެ. އަދި މިއަދު އަހަރެން ޒީނާއަށް ދުނިޔޭގެ ހުރިހާ އުފަލެއް ދޭން މިހުރީ ރާވައިގެންނެވެ. ހަޔާތުން އުނިވެފައިވާ މައިންބަފައިންގެ ލޯތްބާއެކު ޒީނާގެ ދުނިޔެ ފުރިހަމަވެގެން ދާނެއެވެ.

މާލެ ގޮސް ޓެކްސީއަކަށް އެމީހުން އަރުވާފައި އަހަރެން ނައްޓާލީ ސައިކަލުގައެވެ. ކުރިން އާދެވުނީ އަހަންނަށެވެ. ކުޑައިރުކޮޅަކު އިންތިޒާރު ކުރިފަހުން ޒީނާގެ މައިންބަފައިން އައެވެ. އެދެމީހުންގެ ކުރީގައި ހުރެ ބެލް ޖެހިއިރު ހޮތް އޮތީ ތެޅިތެޅިއެވެ. ޒީނާ ދޮރު ނުހުޅުވުމުން އަހަރެން ޖީބުން ތަޅުދަނޑި ނެގީމެވެ. ގެއަށް ވަންއިރު ޒީނާގެ ހިލަމެއް ނުވެއެވެ. އަހަރެން ގޮވާލީމެވެ. އެތެރެއިން ޖަވާބެއް ނާދެއެވެ ފަހަތުގައި ތިބި މުސްކުޅި ދެމަފިރީންގެ ނިތަށް ރޫގިނަ ވިތަން އަހަރެންނަށް ފެނުނެވެ. އެމީހުންނަށް ވަންނަން އިޝާރާތްކޮށްފައި އަހަރެން ފޯނު ނެގީމެވެ. ގުޅާލިތަނާ ޒީނާ ނެގިއެވެ. ދުއްވާ އެއްޗެހީގެ އަޑުން އަހަރެންނަށް އެނގުނެވެ. ޒީނާ ހުރީ މަގުމަތީގައެވެ. އަހަރެން ސުވާލު ކުރުމުން އޭނަ ޖަވާބުދިނެވެ. އެންމެ ފަހު ވަގުތު ނުގަނެ ހުރި އެއްޗެއް ހަނދާންވެގެން ފިހާރައަކަށް ދިޔައީއެވެ. އަވަހަށް އަންނަން ބުނެފައި އަހަރެން ފޯނު ބޭއްވީމެވެ. ޒީނާގެ މައިންބަފައިން ފެންޑާގައި ހުރި ސޯފާތަކުގައި ބައިންދައިފައި އެތެރެއަށް ވަނީމެވެ. ކޮޓަރިތެރެ އޮތީ އުއްބައްތީގެ މީރުވަހުން ހުވަނދުލެވިފައެވެ. އެތަން ޒީނަތްތެރިކޮށްފައި އޮތީ އައު ކައިވެނީގެ ރޭ ފަދައިންނެވެ. އަހަރެން ނިކުމެ ބަދިގެއަށް ވަންއިރު މީރު ކާއެއްޗެހި ތަކުން މޭޒުމަތި ފަޅުފިލުވާލެވިފައެވެ.

އިންތިޒާރުގައި މަޑުކޮށްލީ ސިޓިންރޫމްގައެވެ. އަހަރެންނަށް އިށީނދެ ނީނދެވިގެން ދެކޮޅަށް ހިނގާލަ ހިނގާލަ ހުރީމެވެ. ހީކުރި ވަރަށްވުރެ ޒީނާ ލަސްވާން ފެށުމުން ފިކުރު ބޮޑުވާން ފެށިއެވެ. ކެތްނުވެގެން އަނެއްކާ ގުޅައިފީމެވެ. ދެފަހަރަކު ރިންގް ވީތަނާ އެކޮޅުން ފޯނު ނެގިއެވެ. އަހަރެން ފުރަތަމަވެސް އެހީ އަންނަނީ ކޮންއިރަކު ތޯއެވެ. އެވަގުތު އަހަރެން ހައިރާންކޮށްލީ އެކޮޅުން ވާހަކަދެއްކި އެހެން އަންހެނެކެވެ. އެމީހާ ދިން ޚަބަރަކުން ތެޅިގަނެވުނެވެ. ހީވީ ފައިދަށުން ބިންގަނޑު ދެމިގަތް ހެންނެވެ. ޒީނާ އެކްސިޑެންޓްވީއެވެ.
އަހަރެމެންނަށް ދެވުނުއިރު ޒީނާ އެމްބިއުލާންސަށް އަރުވަނީއެވެ. އޭރު އެތާ ހުރި މަންޒަރު ދުށް މީހަކު ވީގޮތް ކިޔައިދޭ އަޑު ކަންފަތުގައި ހަރުލިއެވެ. އެކަމެއް ހިނގީ ޒީނާ މަގު ހުރަސްކުރަނިކޮށެވެ. ޓްރެފިކް ފޫ އަޅުވާލައިފައި އައި ޒުވާނާ މަސައްކަތް ކުރީ ފުލުހުންނާއި ފިލަންވެގެންނެވެ. ޝިކާރައަކަށް ވީ އަހަރެންގެ ނިކަމެތި ޒީނާއެވެ.

ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި ޒީނާގެ ފުރާނަ ދިޔައެވެ. އޭނަގެ މައިންބަފައިން ޒީނާއަށް މަޢާފުކުރި ވާހަކަ ބުނެލާނެ ފުރުސަތުވެސް ނުލިބުނެވެ. އެތައް ދުވަހެއް ކުރިން އަހަރެން ރޭވި ހުރިހާ ރޭވުން ފެނަށްވިއެވެ. ދުނިޔޭގެ ހުރިހާ އުފަލެއް އެ އުނގުތެރެއަށް ލައިދޭން އަހަރެން ކުރި އުންމީދުތައް ވިއްސިވިހާލިވިއެވެ. އެންމެ މީހެއްގެ ސަބަބުން އަގު ބޮޑު ފުރާނައެއް ގެއްލިގެން ދިޔައީއެވެ. ފަޅި ސިކުންތެއްގެ ތެރޭގައި އަހަރެން އުފާވެރި ދުނިޔެ ވަޅުޖެހީއެވެ. --ނިމުނީ--