23 ޖޫން 2016 - 08:01

"ދިޝޫމް" އަށް ފަހު ވަރުން ދަވަން ކުޅޭ ފިލްމު މިހާރު ވަނީ އިއުލާން ކޮށްފަ އެވެ. އަބީޝެކް ވަރުމާ ޑައިރެކްޓްކުރާ "ޝިއްދަތު" އެވެ. މި ފިލްމަކީ ވަރުން އާއި އާލިއާ އަދި އަރްޖުން ކަޕޫރު ލީޑްރޯލު ކުޅޭ ލަވް ޓްރައިންގަލް އެކެވެ. ނަމަވެސް އަރްޖުން އަދި މި ރޯލު ކުޅެދޭން އެއްބަސް ނުވާތީ ފިލްމު އުފައްދާ ފަރާތުން އަދިވެސް އޭނާގެ ބަހަކަށް ދަނީ އިންތިޒާރު ކުރަމުންނެވެ.
ޓައިމްސް އޮފް އިންޑިއާގައިވާ ރިޕޯޓެއް ބުނާ ގޮތުން މި ފިލްމު ޕްރޮޑިއުސްކުރާ ދަރްމާ ޕްރޮޑަކްޝަނުން މިހާރު ވަނީ މި ފިލްމުގައި އާލިއާ ބަޓްގެ މަންމަގެ ބައި ކުޅެން މަޝްހޫރު ބަތަލާ މާދުރީ ޑިކްސިޓް ލައްވާ އެއްބަސްކުރުވާފަ އެވެ.
މިއީ މިހާ ބޮޑު އަންހެންކުއްޖެއްގެ މަންމަގެ ބައި މާދުރީ ކުޅޭ ފުރަތަމަ ފަހަރެވެ.
މީގެ ކުރިން ސޯނަމް ކަޕޫރުގެ މަންމަގެ ބައި ކުޅެދޭން ވެސް މާދުރީއަށް ހުށަހެޅުމުން އޭނާ ވަނީ އެ ރޯލު ގަބޫލު ނުކޮށްފަ އެވެ. އަދި އެ ފިލްމު މިހާރު ވަނީ ހުއްޓިފަ އެވެ. އެހެންކަމުން "ޝިއްދަތު" ވެގެން ދާނީ މާދުރީ މަންމަގެ ރޯލުތަކުން ފެންނަ ފުރަތަމަ ފިލްމަށެވެ.