17 ޖޫން 2017 - 17:36

ލަންޑަން (ޖޫން 17) - ލަންޑަންގެ ގްރެންފެލް ޓަވަރުގައި މިދިޔަ ހަފުތާގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ޒުވާން އަންހެން ކުއްޖަކު މަރުވީ އިޓަލީގައި ހުރި އޭނާގެ މަންމައާ ފޯނުން ވާހަކަ ދައްކަން ހުއްޓާ ކަމަށް އާއިލާގެ ވަކީލް ބުނެފި އެވެ.
އާކިޓެކްޓެއް ކަމަށްވާ ގްލޯރިއާ ޓްރެވިސަން، 26، ލަންޑަނަށް ބަދަލުވީ ވަޒީފާ ލިބުމުންނެވެ. އެއީ އިޓަލީގައި ދިރިއުޅޭ އޭނާގެ އާއިލާ އަށް މާލީ މައްސަލަތަކެއް ކުރިމަތިވުމުންނެވެ.
"އަލިފާނުގެ ހާދިސާގައި ގްލޯރިއާ މަރުވީ އިޓަލީގައި ހުރި އޭނާގެ މަންމައާ ފޯނުން ވާހަކަ ދައްކަން ހުއްޓާ،" އާއިލާގެ ވަކީލް މާރިއާ ކްރިސްޓިނާ ސަންޑްރިން ބުންޏެވެ. "އޭނާ ލަންޑަނުގައި މަސައްކަތް ކުރަން ފެށިތާ އަދި މިއީ ތިން މަސް."
ވަކީލް ބުނީ އަލިފާނުގެ ހާދިސާ ހިނގި ދުވަހު ގްލޯރިއާ ވަނީ އޭނާގެ މަންމަ އާއި އަދި ބައްޕައާ ވެސް ފޯނުން ވާހަކަ ދައްކާފައި ކަމަށެވެ. އަދި އެ ދުވަހު ދެއްކި ބައެއް ވާހަކަތައް ބައްޕަގެ ފޯނުން ރެކޯޑްކޮށްފައިވާ ކަމަށް ވެސް ވަކީލް ބުންޏެވެ. އަލިފާނުގެ ހާދިސާގެ ތަހުގީގަށް ކޯޓު އަމުރެއްގެ ދަށުން މެނުވީ އެ ފޯނު ރެކޯޑިން އާއްމު ނުކުރާނެ ކަމަށް ވެސް ބުންޏެވެ.
އަލިފާނުގެ ހާދިސާގައި ގްލޯރިއާގެ ލޯބިވެރިޔާ ވެސް ވަނީ ގެއްލިފަ އެވެ. އިޓަލީގެ ބައެއް ނޫސްތަކުން ބުނި ގޮތުގައި އަލިފާނުގެ ހާދިސާ ހިނގިއިރު އޭނާ ވެސް ހުރީ އާއިލާގެ މެންބަރަކާ އެކު ފޯނެއްގަ އެވެ.
ލަންޑަން ޓަވާ ބްލޮކުގައި ބުދަ ދުވަހު ރޯވި އަލިފާނުގައި މިހާތަނަށް ވަނީ 30 މީހުން މަރުވެފަ އެވެ. އަދި 70 އަށް ވުރެ ގިނަ މީހުންނަށް ވީނުވީއެއް ނޭނގި އެވެ. އަލިފާނުގެ ހާދިސާގެ ތަހުގީގު ފުލުހުން މިހާރު ވަނީ ފަށައިފަ އެވެ. އަދި އެއީ ގަސްދުގައި ކޮށްފައިވާ ކަމެއް ކަމަށް ނުބެލެވޭ ކަމަށް ފުލުހުން ބުނެ އެވެ.