ސަލްމާނަށް ބުނެވުނު އެއްޗަކުން ގިނަ ބަޔަކު ރުޅިގަދަވެއްޖެ
ސަލްމާނަށް ބުނެވުނު އެއްޗަކުން ގިނަ ބަޔަކު ރުޅިގަދަވެއްޖެ

ސަލްމާން ޚާންގެ "ސުލްތާން" ރިލީޒްވުމުގެ މާކުރިއްސުރެ އެ ފިލްމަށް ލިބެމުންދާ ތަރުހީބު ފެނި އޭނާ ހުރީ ވަރަށް އުފަލުންނެވެ. އިންޑިއާގެ ނޫހަކަށް ސަލްމާން ދީފައިވާ އިންޓަވިއުއެއްގައި އޭނާ ބުނެފައި ވަނީ މިހާރު އޭނާ އަކީ "ރޭޕްކޮށްފައިވާ އަންހެނެއް" ފަދަ ކަމަށެވެ.

"ޝޫޓިންގްގައި ހޭދަވާ ހައެއްކަ ގަޑިއިރު އަހަންނަށް 120 ކިލޯގެ ބޮޑެތި މީހުން އުފުލައި ބިންމައްޗަށް ޖަހާ ހަދަން ޖެހޭ. އަދި އެވެސް އެންމެ ފަހަރަކު ނޫން. އެކި އެންގަލްތަކުން 10 ވަރަކަށް ފަހަރު. ... އަސްލު ރެސްލިން ތަޅާ ރިންގް ގައި ވެސް މިގޮތަށް މި ހަރަކާތް މިހާ ގިނަފަހަރު ތަކުރާރެއް ނުވާނެ. އަހަރެން ޝޫޓިން ނިންމާފައި ރިންގުން ބޭރަށް ނުކުންނައިރު އަހަރެންނަށް ހިނގެނީ ރޭޕް ކޮށްފައިވާ އަންހެނަކު ހިނގާ ގޮތަށް. ސީދަލަކަށް ނުވެސް ހިނގޭ،" ސަލްމާން ބުނެފައިވެ އެވެ.

އޭނާ ބުނެފައި ވަނީ އަނެއްކާވެސް ކައިގެން ޓްރެއިނިން އަށް ދާން ޖެހޭ ކަމަށާއި އެއީ ހުއްޓުމެއްވެސް އޮތް ކަމެއް ނޫން ކަމަށެވެ.

ނަމަވެސް ސަލްމާން އިންޓަވިއު ދިން އިރު އެ ވާހަކަ ބުނެވުމާ އެކު އެ ބުނެވުނީ ރަނގަޅު އެއްޗެއް ނޫންކަން އެނގިގެން އެ ވާހަކަ ނުޖެހުމަށް ނޫސްވެރިޔާ ކިބައިން އެދުނު ކަމަށް ވެ އެވެ.

ކޮންމެއަކަސް ސަލްމާންގެ މި ވާހަކަތައް އިންޓަވިއުގައި ހިމަނާފައި އޮތުމުން ރުޅިގަދަވެގެން ސޯޝަލް މީޑިއާގައި މީހުންތައް އުތުރި އަރައިގަތެވެ.

ސަލްމާން ދެކެ ރުޅިއައިސްގެން ކޮމެންޓްކުރާ މީހުންނާ ސަލްމާންގެ ފޭނުންނާ ދެމެދު އަރާރުން ހޫނުވެގެން ދިޔަ އެވެ. ފޭނުން ބުނަނީ ސަލްމާނަށް އެހެން ބުނެވުނަސް އެ ވާހަކަ އޭނާ އަނބުރާ ގެންގޮސްފައި ވާތީ އެކަމާ އޭނާ ދެކެ ރުޅި އަންނަން ނުޖެހޭ ކަމަށެވެ.

އިންޑިއާގެ ވެރިކަންކުރާ ޕާޓީ ބީޖޭޕީގެ ސްޕޯކްސްޕާސަން ޝައިނާ އެންސީ ވެސް ވިދާޅުވެފައި ވަނީ ސަލްމާން ބުނެގެން ވާނެ ވާހަކައެއް ނޫންކަމަށާއި ސަލްމާން މާފަށް އެދެން ޖެހޭނެ ކަމަށެވެ. ރޭޕަކީ ވަރަށް ހުތުރު އަންހެނުންގެ ހުރުމަތް ކެނޑޭ އަމަލެއް ކަމަށާއި ސަލްމާން ދެއްކި ވާހަކަ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ޝައިނާ ވިދާޅުވެފައިވެ އެވެ.

ސަލްމާންގެ ބައްޕަ ސަލީމް ޚާން ވެސް ވަނީ ސަލްމާނަށް ބުނެވުނު ވާހަކައަށް ސަލްމާންގެ ފަރާތުން މައާފަށް އެދިފަ އެވެ.

ނެޝަނަލް ކޮމިޝަން ފޯ ވިމެން (އެންސީޑަބްލިޔު) އިން ވެސް މިހާރު ވަނީ ހަތް ދުވަހުގެ ތެރޭގައި މައާފަށް އެދުމަށް ސަލްމާނަށް ގޮވާލާފަ އެވެ.