ސައުދީން ހަދިޔާކުރި ކަދުރު ވިއްކާފައިވާތީ ނައިޖީރިއާ އިން މައާފަށް އެދިއްޖެ
ސައުދީން ހަދިޔާކުރި ކަދުރު ވިއްކާފައިވާތީ ނައިޖީރިއާ އިން މައާފަށް އެދިއްޖެ

އަބޫޖާ (ޖޫން 17) - ރޯދަ މަހާ ދިމާކޮށް ސައުދީ އަރަބިއާ އިން ހަދިޔާކުރި 200 ޓަނުގެ ކަދުރުގެ ތެރެއިން ބައެއް ތަކެތި ވިއްކަން ބަހައްޓާފައިވާ މައްސަލަ ފެންމަތިވުމާ އެކު ނައިޖީރިއާ އިން މައާފަށް އެދިއްޖެ އެވެ.

ރޯދަ މަހުގެ ހަދިޔާއެއްގެ ގޮތުން ސައުދީން ދިން ކަދުރު ބެހުމަށް ހަމަޖެހިފައި ވަނީ ބޯކޯ ހަރާމްގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް ގެދޮރު ދޫކޮށް ގޮސް، ހާލުގައި ޖެހިފައިވާ މީހުންނަށެވެ.

ނައިޖީރިއާގެ ފޮރިން މިނިސްޓްރީން ބުނީ ސައުދީން ހަދިޔާކުރި ކަދުރު ވިއްކީ ކޮންބައެއްތޯ ބަލަން އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. ނަަމަވެސް މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

ފޮރިން މިނިސްޓްރީން ބުނީ ކަދުރު ބަހާނެ ތަންތަން ވަނީ ނައިޖީރިއާގެ ކޮމިޝަން ފޯ ރެފިއުޖީސް، މައިގްރެންޓްސް އެންޑް އިންޓާނަލީ ޑިސްޕްލޭސްޑް ޕާސަންސް އިން ކަނޑައަޅާފައި ކަމަށެވެ. އޭގެ ތެރޭގައި ގެދޮރު ނެތް މީހުން އުޅޭ ކޭމްޕްތަކާއި ބައެއް މަޝްހޫރު މިސްކިތްތައް ވެސް ހިމެނެ އެވެ.

ސައުދީން ދިން ކަދުރު ވިއްކަން ބަހައްޓާފައި ހުއްޓާ ވަނީ ބޯނޯ ސްޓޭޓުގެ ބާޒާރުތަކުން ފެނިފަ އެވެ. މިއީ ބޯކޯ ހަރާމުގެ ހަމަނުޖެހުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އެއް ސްޓޭޓެވެ. ނައިޖިރީއާގައި ވޭތުވެދިޔަ އަށެއްކަ އަހަރު ހިންގި ހަމަނުޖެހުންތަކުގައި ވަނީ ގައުމުގެ އިރު އުތުރުގެ ހިސާބުތަކުން 8.5 މިލިއަން މީހުން ހާލުގައި ޖެހިފަ އެވެ.