ދަރި ކަމަށް ހީކޮށް 30 އަހަރު ވަންދެން ގެންގުޅުނީ އެހެން ކުއްޖެއް
ދަރި ކަމަށް ހީކޮށް 30 އަހަރު ވަންދެން ގެންގުޅުނީ އެހެން ކުއްޖެއް

މަންމައަކު އޭނާގެ އަމިއްލަ ދަރިކަމަށް ހީކޮށް 30 އަހަރު ވަންދެން އެހެން މީހެއްގެ ދަރިއެއް ގެންގުޅެވުނު މައްސަަލައެއް ރަޝިޔާގައި ފެންމަތިވެއްޖެ އެވެ.

ދަރި ކަމަށް ހީކޮށް 30 އަހަރު ވަންދެން ގެންގުޅުނީ އެހެން ކުއްޖެއް
ދަރި ކަމަށް ހީކޮށް 30 އަހަރު ވަންދެން ގެންގުޅުނީ އެހެން ކުއްޖެއް

އަންހެންމީހާ އަށް ލިބުނު ދަރި އެހެން މީހެއްގެ ބެލުމުގެ ދަށަށް ގޮސް، ފަގީރު ހާލުގައި ވަނީ އުޅެން ޖެހިފަ އެވެ. މިހެން ދިމާވީ ހޮސްޕިޓަލުން ހެދި ގޯސްތަކެއްގެ ސަބަބުންކަން ވަނީ ހާމަވެފަ އެވެ. އެހެންވެ މިހާރު އެ އަންހެންމީހާ ވަނީ ހޮސްޕިޓަލުން ބަދަލު ހޯދުމަށް ދައުވާ ވެސް ކޮށްފަ އެވެ.

ރަޝިޔާގެ ދެކުނުގައި އޮންނަ ޗެލްޔަބިންސްކް އޮބްލާސްޓް ސަރަހައްދަށް ނިސްބަތްވާ ޒޯޔާ ޓުގަނޯވާ، 70، ޗެލްޔަބިންސްކްގެ ހޮސްޕިޓަލެއްގައި 1987 ވަނަ އަހަރު އަންހެން ކުއްޖަކު ވިހެ އެވެ. ނަމަވެސް ހޮސްޕިޓަލުން ކުއްޖާ އޭނާއަށް ގެނެސްދިނުމުން އެއީ އޭނާގެ ދަރިފުޅުހެން ހީނުވާ ކަމަށާއި ކުއްޖާ އޮޅިފައިވާ ކަމަށް އެ ވަގުތު ވެސް ޒޯޔާ ބުންޏެވެ. ނަމަވެސް އޭނާ ދެއްކި ވާހަކަތައް ޑޮކްޓަރުން އަޑެއް ނޭހި އެވެ. އަދި އޭނާ ޖެއްސި މައްސަލަ ތަހުގީގުކުރުމުގެ ބަދަލުގައި އޭނާ ނަފްސާނީ ޑޮކްޓަރަކަށް ދައްކަން ޑޮކްޓަރުން މަޝްވަރާ ދިނެވެ.

އެހެންކަމުން ފިރިމީހާ އާއި ދެ މީހުން ވެސް މި ކުއްޖާ ގެންގުޅެ ބޮޑުކުރީ އެވެ. އެމީހުން ކުއްޖާއަށް ދިން ނަމަކީ ކަޓްޔާ އެވެ.

ޒޯޔާ ބުނި ގޮތުގައި އޭނާގެ ދަރިފުޅު ފުރަތަަމަ ފެނުނުއިރު އޮތީ ރަތް އިސްތަށިގަނޑަކެވެ. އަދި ހަމުގެ ކުލަ އައްޔެވެ. ކުއްޖާގެ ދެ ލޯ ބޮޑެވެ. ނަމަވެސް އޭގެ އަނެއް ދުވަހު ކުއްޖާއަށް ބުއް ދޭން ނަރުހުން ކުއްޖާ ގޮވައިގެން އައިއިރު މޫނު އޮތީ ބަދަލުވެފަ އެވެ.

ނަމަވެސް ހޮސްޕިޓަލުން އޭނާ ދެއްކި ވާހަކަ ގަބޫލުނުކުރުމުން އޭނާ އާއި ފިރިމީހާ ކަޓްޔާ ގެންގުޅުނީ އެވެ. ކަޓްޔާ އަކީ ހިތުގެ މައްސަލަތައް ހުންނަ ކުއްޖެކެވެ.

ޒޯޔާގެ އަސްލު ދަރިފުޅު ގެންގުޅުނީ އެލްވީރާ ޓުލިގަނޯވާ ކިޔާ މީހެކެވެ. މި އަންހެންމީހާ އަކީ ބަނގުރާބުއިމުގައި ހައްދުފަހަނަޅާފައި ހުރި މީހެކެވެ. އަދި މި މީހާގެ ފިރިމީހާ އަކީ މީހުން މެރުމުގެ މައްސަލަތަކުގައި ހިމެނޭ މީހެކެވެ. އެމީހުން އެ ކުއްޖާއަށް ދިން ނަމަކީ ލޫސިއާ އެވެ. ލޫސިއާގެ އުމުރުން 13 އަހަރުގައި "މަންމަ" މަރުވުމުން އުޅެންޖެހުނީ ޔަތީމުޚާނާއެއްގަ އެވެ. ސަބަބަކީ މީހަކު މަރައިގެން "ބައްޕަ" އުމުރަށް ޖަލަށް ލުމުންނެވެ.

ޒޯޔާ ބުނި ގޮތުގައި ކަޓިޔާ ގެންގުޅުނު ނަމަވެސް އެއީ އޭނާގެ އަސްލު ދަރިފުޅު ނޫންކަން ވަރަށް ބޮޑަށް ޔަގީންވެ އެވެ. ނަމަވެސް އެއްވެސް މީިހަކު އެކަން ތަހުގީގުކޮށްދޭކަށް ބޭނުމެއް ނުވި އެވެ. އެއީ އޭނާގެ ފިރިމީހާ މަރުވުމާ ހަމައަކަށެވެ.

އެގޮތަށް ދެ ކުދިން ބަދަލުވި ހާދިސާއެއް ދައްކުވައިދިން ޝޯއެއް ބަލަން އިނދެފައި އޭނާއަށް ރޮވުނެވެ. އެހެންވެ ކަޓިޔާއާ ދެ މީހުން ވެގެން ވަރަށް މަސައްކަތުން ލޫސިއާ ހޯދައި އޭނާގެ ޑީއެންއޭ ޓެސްޓް ކުރުވީ އެވެ. އަދި އެ ޓެސްޓުން އެއީ އޭނާގެ ދަރިކަން ޔަގީން ކުރެވުނީ އެވެ.

މިހާރު ޒޯޔާ އަކީ މާމަ އެކެވެ. ކަޓްޔާގެ އަށް އަހަރުގެ ފިރިހެންކުއްޖެއް ހުރިއިރު ލޫސިއާގެ ތިން ދަރިން އެބަތިއްބެވެ.