ފާޑު ކިޔައިގެން ފިލްމުތައް ހަލާކުކޮށްގެން ނުވާނެ: ސަލްމާން
ފާޑު ކިޔައިގެން ފިލްމުތައް ހަލާކުކޮށްގެން ނުވާނެ: ސަލްމާން

އަންނަ ހުކުރު ދުވަހު ރިލިޒްކުރާ ސަލްމާން ޚާންގެ "ޓިއުބުލައިޓް"ގެ ޕްރޮމޯޓްކުރުމުގެ މަަސައްކަތް ރެއާއި ދުވާލު ސަލްމާން މިހާރު އަންނަނީ ކުރަމުންނެވެ.

ސަލްމާންގެ ފިލްމެއް ވެއްޖިއްޔާ ފާޑުކިޔުންތެރިން ބުނަނީ ކީކޭތޯ ފިލްމުގެ ރިވިއުތަކުގައި ލިޔެފައިވަނީ ކީކޭތޯ ބަލާކަށް ފޭނުން ބޭނުމެއް ނުވެ އެވެ. އެހެންކަމުން އޭނާގެ ކޮންމެ ފިލްމެއް ކަނޑައެޅިފައިވާ ބެންޗްމާކަށް ވުރެ ކުރިއަރައިގެން ދެ އެވެ.

ދާދިފަހުން ސަލްމާން ދީފައިވާ އިންޓަވިއުއެއްގައި ފިލްމު ކްރިޓިކްސް އޭނާގެ ފިލްމުތަކަށް ފާޑުކިޔައި ލިޔާ ލިޔުންތަކާ ބެހޭ ގޮތުން ވާހަކަ ދެއްކި އެވެ. އޭނާ ބުނި ގޮތުގައި ކްރިޓިކްސް ކޮންމެ އެއްޗެކޭ ލިޔުނަސް މައްސަލައެއް ނެތެވެ. އަދި އެއްވެސް ބަޔަކު ބުރަކޮށް ކުރާ މަސައްކަތަކަށް ފާޑުކިޔައި އެ ފިލްމެއްގެ އަގު ވައްޓާލުމުގެ ހައްގު ކްރިޓިކްސް އަކަށް ވެސް ނޯންނާނެ ކަމަށް ސަލްމާން ގަބޫލުކުރެ އެވެ.

ސަލްމާން ބުނި ގޮތުގައި ފިލްމުތައް ކަމުދޭތޯ ނުދޭތޯ ނިންމާނީ ފިލްމު ބަލާ މީހުންނެވެ. އަދި އެ ފިލްމަކީ ކާމިޔާބު ފިލްމެއްތޯ ނިންމާނީ ބޮކްސް އޮފީހުންނެވެ. ފާޑުކިޔުންތެރިންނަށް ފިލްމެއް އިރާލައި ފުނޑުފުނޑުކޮށްލުމުގެ ހައްގު ނޯންނާނެ ކަމަށާއި ފިލްމު ރިލީޒްކުރާ ދުވަހު ފާޑުކިޔުންތެރިން ފާޑުފާޑުގެ ހަމަނުޖެހޭ ވާހަކަތައް އެ ފިލްމަކާ ބެހޭ ގޮތުން ލިޔާ ކަމަށް ސަލްމާން ބުންޏެވެ. އެގޮތަށް ލިޔުމުން، އެތައް ބަޔަކު ބުރަ މަސައްކަތުން އުފައްދާ ފިލްމެއްގެ ދުވަސް އެއްފަހަރުން ދާ ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް އޭނާގެ ފިލްމުތަކަށް ފާޑުކިޔުންތެރިންނަށް ވެސް ގޮތެއް ނެހެދޭ ކަމަށާއި އެހެންވެ ކިތަންމެ ވަރަކަށް ފާޑުކިޔަސް އޭނާގެ މައްސަލައެއް ނެތް ކަމަށް ސަލްމާން ބުންޏެވެ.

"އަހަންނަށް ހީވަނީ ފާޑުކިޔުންތެރިންނަށް ވެސް އެނގޭހެން އަހަންނާ ނުކުޅެވޭނެކަން. ސަބަބަކީ އަހަރެންގެ ފިލްމުތަކަކީ ކްރިޓިކްސް-ޕްރޫފް ފިލްމުތަކަށް ވާތީ. މިހާރުވެސް އަހަރެން މި ބުނަނީ އެމީހުން ކައިރީގައި އަހަރެންގެ ފިލްމަށް ކީއްކުރަންހޭ އެންމެ ސުމެއް ދޭންވީ. 100 މައިނަސް ތަރި ނިކަން ދީބަލާށޭ. އަދި ދެން ވާ ގޮތް ބަލަން ތިބެބަލާށޭ. ކޮންމެ ގޮތެއް ވިޔަސް އަހަރެންގެ ފޭނުން އަހަރެންގެ ފިލްމުތައް ބަލާނޭ. އޭރުން ފާޑުކީ މީހުންނޭ މޮޔައިންނަށް ވާނީ،" ސަލްމާން ބުންޏެވެ.

ސަލްމާންގެ ގިނަ ފިލްމުތައް ވަނީ ބްލޮކްބަސްޓާ ވެފަ އެވެ. އެހެންވެ "ޓިއުބުލައިޓް"ވެސް ބްލޮކްބަސްޓާއަކަށް ވާނެ ކަމަށް މިހާރުއްސުރެ ގިނަ ބަޔަކު ވަނީ ލަފާ ކޮށްފަ އެވެ.