ދަރިފުޅު ފިލްމު ކުޅުމަކީ ސައިފް ހިތްހަމަޖެހޭ ކަމެއް ނޫން
ދަރިފުޅު ފިލްމު ކުޅުމަކީ ސައިފް ހިތްހަމަޖެހޭ ކަމެއް ނޫން

ފިލްމީ ތަރިން ކަމަށްވާ ސައިފް އަލީ ޚާން އާއި އަމްރިތާ ސިންގަށް ލިބިފައިވާ ދެ ދަރިންގެ ތެރެއިން ދޮށީ އަންހެން ދަރިފުޅު ސާރާ އަލީ ޚާން ފިލްމީ ދުނިޔެއަށް ވަނުމަށް ނިންމި ނިންމުމަކީ ބައްޕައެއްގެ ހައިސިއްޔަތުން ސައިފް އެހާ ހިތްހަމަޖެހޭ ނިންމުމެއް ނޫން ކަމަށް އޭނާ ބުނެފި އެވެ. ނަމަވެސް ފިލްމު ކުޅުމަކީ ކުޑައިރުއްސުރެ ސާރާ ދެކެމުން އައި ހުވަފެނަކަށް ވާތީ އެކަމުގައި ވެސް ވެވުނު އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށް ސައިފް ބުންޏެވެ.

ސައިފް ބުނި ގޮތުގައި ސާރާ އަކީ ކިޔެވުމަށް ވަރަށް މޮޅު ކުއްޖެކެވެ. އެހެންވެ ފިލްމީ ދާއިރާ ފަދަ ކުރިމަގާ މެދު އެއްވެސް ޔަގީންކަމެއް ނޯންނަ ކެރިއަރެއް ޚިޔާރު ކުރުމަކީ ސައިފް އެހާ ގަބޫލު ކަމެއް ނޫނެވެ. އަދި އެއަށް ވުރެ ހަމަޖެހިގެން މަސައްކަތް ކުރެވޭ ކަހަލަ ޕްރޮފެޝަނެއް ޚިޔާރުކުރި ނަމަ އޭނާ މާ ހިތްހަމަޖެހުނީސް ކަމަށް ބުންޏެވެ.

ސާރާގެ ފުރަތަމަ ފިލްމު "ކެދާރްނާތު" މިހާރު ވަނީ އިއުލާންކޮށްފަ އެވެ. ސުޝާންތު ސިންގް ރާޖްޕޫތާ އެކު އޭނާ ކުޅޭ މި ފިލްމުގެ ޝޫޓިން ފެށުމަށްޓަކައި ވާން ޖެހޭ ތައްޔާރީތައް ސާރާ މިހާރު އަންނަނީ ވަމުންނެވެ. މި ފިލްމުގެ ކަންތަކުގައި ސާރާއަށް އެހީތެރިވަނިކޮށް ފެނިފައިވަނީ އޭނާގެ މަންމަ އަމްރިތާ އެވެ.

ޑީއެންއޭ ނޫހަށް ދީފައިވާ އިންޓަވިއުއެއްގައި ސައިފް، 46، ބުނީ ސާރާއަކީ މޮޅަށް ކިޔަވައިގެން ހުރި ކުއްޖެއް ކަމަށެވެ. އަދި ނިއު ޔޯކް ފަދަ ތަނެއްގައި ވެސް ރަނގަޅު ވަޒީފާއެއް އަދާކޮށްގެން ދިރިއުޅުމުގެ ފުރުސަތު އޭނާއަށް އެބައޮތް ކަމަށް ބުންޏެވެ. އެހެންކަމުން ފިލްމު ކުޅެން އޭނާ ބޭނުންވާ ސަބަބާ މެދު ސައިފް ސުވާލު އުފެއްދި އެވެ.

އެކްޓްކުރުމަކީ ގޯސްކަމެކޭ ނުބުނާނެ ކަމަށާއި ނަމަވެސް ފިލްމު ކުޅުމަކީ ކެރިއަރެއްގެ ގޮތުން މީހަކު ޚިޔާރު ކުރާ ވަރުގެ ކަމެއް ނޫންކަމަށް ސައިފް ގަބޫލު ކުރެ އެވެ. ސަބަބަކީ ފިލްމުތައް ކާމިޔާބު ނުވާން ފަށައިފި ނަމަ އެކްޓަރަށް މާ ގިނަ ދުވަހު އެ މައިދާނުގައި ކުރިޔަށް ނުދެވޭތީ އެވެ.

"ފިލްމީ މައިދާނުގައި އުޅޭ މީހުން ކިތަންމެ ބުރަކޮށް ކިތަންމެ ރަނގަޅު މަސައްކަތެއް ކުރިޔަސް އެ މަސައްކަތް ބެލުންތެރިން ބަލައިނުގަނެފާނެކަމުގެ ބިރު ފިލްމީ ތަރިންގެ ހިތުގައި އަބަދުހެން އޮވޭ. އެހެންވެ މިއީ އެއްވެސް ބައްޕައަކު އޭނާގެ ދަރިންނަށް ހޯދަދޭން ބޭނުންވާނެ ދިރިއުޅުމެއް ނޫން،" ސައިފް ބުންޏެވެ.

ނަމަވެސް ސާރާ އަބަދުވެސް އެކްޓަރަކަށް ވާން ބޭނުންކަން ސައިފަށް އެނގެ އެވެ. އެންމެ ކުޑައިރުވެސް އޭނާ ޕާފޯމްކުރާ އެކި ސްޓޭޖް ޝޯތަކަށް ގޮސް ވެސް ސްކްރީންގެ ފަހަތުގައި އެމީހުން ޕާފޯމްކުރާތަން ބަލަން ސާރާ ހުންނަ ކަމަށް ސައިފް ބުންޏެވެ.

އަބީޝެކް ކަޕޫރު ޑައިރެކްޓްކުރާ، ސާރާ ބޮލީވުޑަށް ތައާރަފްވާ ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރު ފަހުކޮޅު އެވެ.