17 ޖޫން 2017 - 12:13

މެޑްރިޑް (ޖޫން 17) – ރެއާލް މެޑްރިޑް ދޫކޮށްލަން ނިންމާފައިވާ ކަމަށް ރިޕޯޓްކުރެވިފައިވާ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ގަންނަން ބޭނުންވާ ކްލަބަކުން 400 މިލިއަން ޔޫރޯ ހޭދަކުރަން ޖެހޭނެ ކަމަށް ސްޕެއިނާއި އިޓަލީގެ ނޫސްތަކުން އަންދާޒާކޮށްފި އެވެ.
މެޑްރިޑް ދޫކޮށްލަން ރޮނާލްޑޯ ނިންމާފައިވާ ކަމަށް ޕޯޗުގަލްގެ ނޫހަކުން އިއްޔެ ރިޕޯޓްކުރީ އޭނާ ޓެކްސް އަށް މަކަރު ހެދި ކަމަށް ބުނެ މެޑްރިޑުގެ ޕްރޮސެކިއުޓަރުންގެ އޮފީހުން ދައުވާ ކުރަން މައްސަލަ ހުށަހަޅައިފަވަނިކޮށެވެ.
ޕޯޗުގަލްގެ މަޝްހޫރު ކުޅިވަރު ނޫސްވެރިއާ ނޫނޯ ލުޒް ސްޕެއިނުގެ މާސާ ރޭޑިއޯއަށް ދިން އިންޓަވިއުއެއްގައި ބުނީ ޓެކްސް މައްސަލައިގައި ރޮނާލްޑޯއާ މެދު އަމަލުކުރެވެނީ ގޯސްކޮށް ކަމަށް އޭނާ ދެކޭ ކަމަށެވެ. އަދި ރެއާލް މެޑްރިޑުން ރޮނާލްޑޯ ހިމާޔަތްކޮށްދޭ ކަމުގެ އިހުސާސް އޭނާ އަށް ނުކުރެވޭ ކަމަށާއި ކްލަބް ދޫކޮށްލަނީ އެހެންވެ ކަމަށެވެ.
"ރޮނާލްޑޯ ވަނީ ސްޕެއިނުގައި ދެން ނުކުޅެން ނިންމާފައި. އޭނާ ދެކޭ ގޮތުގައި މި މައްސަލައާ ގުޅިގެން އޭނާ އަށް ވަނީ ގެއްލުންތަކެއް ވެފައި. އަދި އެއްވެސް މީހަކު އޭނާ ދިފާއެއް ނުކުރޭ،" ލުޒް ބުންޏެވެ. "އޭނާ ހުރިހާ ކަމެއް ކުރީ ވެސް ރަނގަޅަށް. އެކަމަކު މިހާރު އޭނާ ބޭނުންވަނީ އާ ކްލަބެއް ހޯދަން."
ރެއާލް މެޑްރިޑް ދޫކޮށްލާނެ ކަމަށާއި މިއީ ފަހުގެ ނިންމުން ކަމަށް ޕޯޗުގަލްގެ ބައެއް ކުޅުންތެރިން ގާތު ރޮނާލްޑޯ ބުނެފައިވާ ކަމަށް ވެސް ނޫސްތަކުން ބުނެ އެވެ. ރޮނާލްޑޯ މިވަގުތު ހުރީ މިރޭ ފަށާ ކޮންފެޑެރޭޝަންސް ކަޕުގައި ވާދަކުރަން ޕޯޗުގަލް ޓީމާ އެކު ރަޝިއާގަ އެވެ.
ރޮނާލްޑޯ ވަނީ މިދިޔަ ނޮވެމްބަރު މަހު މެޑްރިޑުގެ ކޮންޓްރެކްޓް އާކޮށްފަ އެވެ. އެ ކޮންޓްރެކްޓުގެ މުއްދަތު ހަމަވުމުގެ ކުރިން ކޮންޓްރެކްޓް އުވާލެވޭނީ 1 ބިލިއަން ޔޫރޯ ދައްކައިގެން ކަމަށް ރިޕޯޓްތައް ބުނެ އެވެ. މިއީ މެންޗެސްޓާ ޔުނައިޓެޑުން ދުނިޔޭގެ ރެކޯޑް އަގަކަށް މިދިޔަ ސީޒަނުގައި ޕައުލް ޕޮގްބާ ގަތުމަށް ހޭދަކުރި އަދަދުގެ 10 ގުނަ އެވެ.
އެކަމަކު ރެއާލް މެޑްރިޑާ އެކު މަޝްވަރާކޮށްގެން އަދި ރޮނާލްޑޯގެ ރުހުމުގައި ކްލަބް ބަދަލުކުރާ ނަމަ މި އަދަދު ވަރަށް ބޮޑުތަން ކުޑަވާނެ އެވެ. އެގޮތުން އޭނާ ބޭނުންވާ ކްލަބަކުން ޓްރާންސްފާ ފީ އާއި މުސާރައާ އެކު، 400 މިލިއަން ޔޫރޯ ހަރަދުކުރަން ޖެހޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ރޮނާލްޑޯގެ މުސާރަ އަކީ އަހަރަކު 32 މިލިއަން ޔޫރޯ އެވެ.
މިއީ އޭނާގެ ފަހުގެ ނިންމުން ކަމަށްވާ ނަމަ ބެލެވޭ ގޮތުގައި ރޮނާލްޑޯ ބަދަލުވާނީ ކުރީގެ ކްލަބް މެންޗެސްޓާ ޔުނައިޓެޑް ނުވަތަ ފްރާންސުގެ ޕީއެސްޖީ ނުވަތަ އެމެރިކާގެ އެލްއޭ ގެލެކްސީ އަށެވެ.
މާލީ ހާލަތަށް ބަލާއިރު އޭނާ ގެންދިއުމުގެ ފުރުސަތު އެންމެ ބޮޑީ ގަތަރުގެ ކުންފުންޏަކުން ހިންގާ ފްރާންސުގެ ޕީއެސްޖީ ނުވަތަ ޗައިނާ ސުޕަ ލީގުގެ ކްލަބަކަށެވެ. ޗައިނާގެ ކްލަބަކުން ދާދި ފަހުން ވެސް ރޮނާލްޑޯ އަށް ރެކޯޑް އަގެއް ހުށަހެޅި އެވެ. އެކަމަކު އޭނާ ޗައިނާ ލީގަށް ބަދަލުވުމަށް އޮތީ ވަރަށް ވެސް ހަނި ފުރުސަތެކެވެ.
ރޮނާލްޑޯ ހުންނަ ކްލަބަކަށް ޖާޒީ ވިއްކައިގެންނާއި އެހެނިހެން ގޮތްގޮތުން މާލީ ގޮތުން ބޮޑު ފައިދާއެއްކުރާނެ އެވެ. އެހެންވެ އޭނާ ގެންދަން ކްލަބްތަލުގެ ސްޕޮންސަރުންނާއި ކިޓް ސްޕޮންސަރުންގެ އެހީ ވާނެ ކަމަށް ބެލެވެ އެވެ.
ރޮނާލްޑޯ ވަނީ 2009 ވަނަ އަހަރު ރެކޯޑް އަގަކަށް ރެއާލް މެޑްރިޑަށް ބަދަލުވުމުގެ ކުރިން މެންޗެސްޓާ ޔުނައިޓެޑަށް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އޭނާ ދެކެ ކްލަބުގެ ސަޕޯޓަރުން އިންތިހާ އަށް ލޯބިވެ އެވެ.