18 ޖޫން 2017 - 08:29

"ޑަަަބަންގް" ފްރެންޗައިސްގެ ފުރަތަމަ ދެ ފިލްމު ޑައިރެކްޓްކުރި އަރްބާޒް ޚާން "ދަބަންގް 3" ޑައިރެކްޓްކުރަން ބޭނުން ނޫން ކަމަށް އަރްބާޒްގެ ބޭބެ އަދި "ދަބަންގް"ގެ ކުރީގެ ދެ ފިލްމުގެ ބަތަލު ސަލްމާން ޚާން ބުނެފި އެވެ. އެހެންވެ ސަލްމާން ބުނީ އެ ފިލްމު ޑައިރެކްޓްކުރުމަށް ރަނގަޅު މީހަކު ހޯދާނެ ކަމަށެވެ.
އެންމެ ހަގު ފިރިހެން ކޮއްކޮ ސުހައިލް ޚާނާ އެކު ސަލްމާން ކުޅުނު "ޓިއުބުލައިޓް" އަންނަ ހުކުރު ދުވަހު ރިލީޒްކުރަން ހަމަޖެހިފައި ވާއިރު ސަލްމާން މިހާރު އުޅެނީ މިފިލްމު ޕްރޮމޯޓްކުރުމުގެ މަސައްކަތުގަ އެވެ. ސަލްމާން ކުޅެފައިވާ "އައުޒާރް"، "ޖެއި ހޯ"، "ހެލޯ ބްރަދާ" އަދި "ޕިޔާރް ކިޔާ ތޯ ޑަރް ނާ ކިޔާ" ޑައިރެކްޓްކުރީ ސުހައިލް އެވެ.
"ޓިއުބުލައިޓް" ޕްރޮމޯޝަނަލް އިވެންޓެއްގައި ސުހައިލް އާއި އަރްބާޒާ، ޑައިރެކްޓްކުރުމުގެ ރޮނގުން މަގްބޫލީ ކާކުތޯ ނޫސްވެރިއަކު ސުވާލުކުރުމުން ސަލްމާން ބުނީ އަރްބާޒް އިތުރަށް ފިލްމު ޑައިރެކްޓްކުރުމުގެ މަސައްކަތް ކުރަން ބޭނުން ނުވާތީ މިހާރު އޭނާއަށް ބުނެވޭނީ އަރްބާޒަށް ވުރެ މޮޅީ ސުހައިލް ކަމަށެވެ.
"ސުހައިލް އަކީ އަރްބާޒަށް ވުރެ މާ ކެތްތެރި މީހެއް. ފިލްމު އުފައްދަމުން އަންނައިރި ބައެއް މަންޒަރުތައް އިތުރަށް ރަނގަޅުކުރުމުގެ ފުރުސަތު ސުހައިލްގެ ފިލްމުތަކުން ލިބޭ. ނަމަވެސް އަރްބާޒް ގާތު އިތުރަށް ރަނގަޅުކުރަން ޚިޔާލެއް ދީފި ނަމަ އޭނާއަށް ހަދާނެގޮތް ހުސް އެންމެ ފަހުން ލޭ މައްޗަށް ދޭ،" ސަލްމާން ބުންޏެވެ
ސަލްމާން ބުނި ގޮތުގައި "ދަބަންގް 3" ފަށާ ހިސާބަށް ދިއުމުން އެ ފިލްމު ޑައިރެކްޓްނުކުރާނެ ކަމަށާއި އޭނާ ހަމައެކަނި އެ ފިލްމު ޕްރޮޑިއުސްކުރާނީ ކަމަށް އަރްބާޒް ބުނެފައިވާ ކަމަށެވެ. އެހެންވެ އެ ފިލްމަށް އެހެން ޑައިރެކްޓަރަކު ހޯދާނީ ކަމަށް ސަލްމާން ބުނެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.