17 ޖޫން 2017 - 08:37

އޮފީހުން ޗުއްޓީ ނަގައިގެން ރާއްޖެ ތެރެއަށް ކުރި ދަތުރެކެވެ. ކައިވެންޏަށް އަހަރު ފުރޭ ދުވަސްވަރު އޮތީ ކުރިމަތީގައެވެ. އަހަރެން ގަސްތުކޮށްގެން ހުރީ އެކަންވެސް އެރަށުގައި ފާހަގަ ކުރުމަށެވެ. ސަމަދުއަށް ގުޅާލުމުން ދާދި ފަސޭހައިން ހުރިހާކަމެއް ހަމަޖެހުނެވެ. އަހަރެމެން ދަތުރު ކުރި ލޯންޗް ރަށުގެ ބަނދަރަށް ވަންއިރު ސަމަދު ހުރީ އިންތިޒާރުގައެވެ.
އަވަށާއި ދުރުގައި ގަސްތަކުތެރޭ އިމާރާތް ކޮށްފައިވާ "އަލިހުރަސް" ކިޔާ ގެ ހުރީ ދެބުރިއަށެވެ. ދެފަރާތުގައި ބޯކޮށް ހުއި ފަޅާފައިވާ ހިމަ މަގާއި ހަމައިން ކާރަށް ވެސް ޖެހުނީ މަޑުކުރާށެވެ. ސަމަދު އެއް ފޮށި ނެގިއެވެ. އަނެއް ފޮށި ނެގީ އަހަރެންނެވެ. ޞާއިޤާ ކުރީގައި ހުރީ އަތް ދަބަސް ކޮނޑުގައި އަޅުވާލައިގެންނެވެ.
ގޭގެ ތިރި ގޭޓު ހުޅުވާލުމުން ތޫލި އަޑެއް ކިއެވެ. ޞާއިޤާ ސިހިފައި ހިފަހައްޓައިލީ އަހަރެންގެ އަތުގައެވެ. އެތެރެއަށް ފައި އެޅިއިރު ތިރީގައި ހުސް ހިކި ފަތެވެ. އަހަރެމެން ގެއާއި ދިމާއަށް ހިނގަން ފެށުމުން ފަތްތައް މުރުމުރު ލަމުން ދިޔައެވެ. ސަމަދު ޖީބުން ނެގި ތަޅުދަނޑިން މައިދޮރު ހުޅުވިއެވެ. ތިން މީހުން ވަދެގެން ދިޔައިރު ފާހަގަވީ ތަނުގެ ފަޅުކަމެވެ. އަހަރެންނަށް ނުހުރެވިގެން ސުވާލު ކުރީމެވެ. ސަމަދު ކިޔައިދިނެވެ. އަލިހުރަސް އަކީ އަހަރުތަކެއް ވަންދެން ފަޅަށް ހުރި ގެއެކެވެ. ގެ އަޅައި ދެއަހަރެއްހާ ދުވަސް އުޅުމަށްފަހު އެއާއިލާ މާލެ ބަދަލުވީއެވެ. އެފަހުން ޗުއްޓީއަކަށްވެސް ރަށަށް އައި ކަމަކަށް ނުވެއެވެ.
ފަރުނީޗަރުތައް މަތީ އަޅައިފައިވާ ފޮތިތައް ނެގިއިރު އެއެއްޗެހި ހުރީ ސާފުކޮށެވެ. އެކަމަކު ފައިދަށުގައި ކޮންމެވެސް ވަރަކަށް ހިރަފުސް ހުއްޓެވެ. ސަމަދު ހުރީ ކުރިންވެސް މީހަކު ލައްވައި ކޮންމެވެސް ސާފުކޮށްފައެވެ.
ހަވީރު ސައިގަޑިއަށް އަހަރުމެން ބަލައި އަންނާނެ ކަމަށް ބުނެފައި ސަމަދު ދިޔައެވެ. އަހަރުމެން ތިބީ ދަތުރު ވަރުބަލި ފިލުވަން ނިކުމެ ސިޓިންރޫމް ސޯފާތަކުގައެވެ. އެހެން އޮތްވާ އަހަރެންނަށް ނިދުނެވެ. ދެން ހޭލެވުނުއިރު ސާއިޤާ ފެންނާކަށް ނެތެވެ. އަހަރެން ތެދުވެ ލޯ އުނގުޅަމުން އެރީ މައްޗަށެވެ. ކޮޓަރިތެރޭ ނެތުމުން ފާޚާނާގައި ފެންވަރަނީ ކަމަށް ހީކުރެވުނެވެ. ލޮލުގައި އޭރުވެސް ނިދީގެ އަސަރު ހުރުމުން އެނދަށް ވެއްޓިގަނެގެން އޮތްވާ ބެލްކަނީ ދޮރު ހުޅުވުނު އަޑު އިވުނެވެ. އަހަރެން ހީކުރީ ސާއިޤާ އައީ ކަމަށެވެ.
ބިތްދޮށަށް އެނބުރި އޮވެގެން އަހަރެން އެހީ ނުގޮވީ ކީއްވެތޯއެވެ. ޞާއިޤާ ޖަވާބެއް ނުދެއެވެ. އަހަރެން އިރުކޮޅަކު އޮތީމެވެ. އެނބުރި ބަލައިލެވުނީ ޞާއިޤާ ޖަވާބު ނުދިނީމައެވެ. އަހަރެންނަށް ލިބުނީ ހައިރާން ކަމެކެވެ. ކޮޓަރީގައި އަދިވެސް ޞާއިޤާއެއް ނެތެވެ. އެވީގޮތެއް ނޭނގިގެން ބޯ ކަހައިލެވުނެވެ. ތެދުވެ ދެކޮޅު ހޯދަމުން އަންހެނުންގެ ނަމުން ގޮވަން ފެށީމެވެ. ޞާއިޤާ ފެނުނީ ތިރިއަށް ދާންވެގެން ސިޑިއަށް ފޭބިފަހުންނެވެ. އޭނާ އައީ މައިދޮރުން ވަދެގެންނެވެ.
އަހަރެން ސުވާލު ކުރުމުން ޞާއިޤާ ބުނީ ބޭރުގައި ހުރި ގަސްދޮށުގައި ފޯނެއް ކުރަން ހުރީ ކަމަށެވެ. ބެލްކަންޏަށް ހުޅުވިފައި ހުރި ދޮރާއި ދިމާއަށް ބަލައިލެވުނީ އެވަގުތުއެވެ. އެދޮރު ހުޅުވުނީ ވަޔާ ބާވައެވެ؟ އަހަރެން ހިތަށް އެރިއެވެ. މަޑު މަޑުން ހިނގާފައި ގޮސް ބެލްކަނިން ތިރި ބަލައިލެވުނު ތަނާ އެދިމާ ތިރީ ހުރި ގަސްތައް ހެލުނުތަން ފެނުނެވެ. އަހަރެން ކުރިއަށްވުރެ ފަރުވާ ބެލީމެވެ. އެކަމަކު އެތަނުން އިތުރު ކަމެއް ނުފެނުނެވެ. ދިރޭ އެއްޗެއް ހަރަކާތް ކުރީ ކަމަށްވެސް ވެދާނެއޭ ހިތަށް އެރިއެވެ.
ހަވީރު ސަމަދު އަހަރެމެން ބަލާ އައެވެ. ކުޅީގައި ހަދާފައި ހުރި ރެސްޓޯރެންޓެއްގައި ސައިބޯން ތިބިއިރު އޮއްސެމުން ދިޔަ އިރުގެ ދަޅަތަކުން ފެންގަނޑު އޮރެންޖް ވެފައެވެ. އަހަރުމެން ތިބީ އެމަންޒަރަށް ހިތް ލެނބިފައެވެ. އިރު އޮއްސުނު ވަގުތަށް އުއްބައްތިތައް ދިއްލާފައި ފެންގަނޑު ތެރެއަށް ދޫކުރިއެވެ. އެއިން ކޮންމެ އުއްބައްތިއެއްވެސް ހުންނަނީ ފެނުން ސަލާމަތް ވާނެހެން އުނބުގަނޑެއްގެ ތެރޭގައެވެ. އަހަރުމެން ސައިން ނިމިގެން ރެއިލިންގައި ބަނޑު އަޅާލައިގެން ތިބީ ފެންގަނޑަށް ބަލާށެވެ.
ގެއަށް ދިޔައިރު އަނދިރިވެއްޖެއެވެ. ގެއަށް ދާން އޮތް ހިމަ ގޯޅިގަނޑުގައި އަލީގެ ކަންފުޅެއްވެސް ނެތެވެ. ސާއިޤާ ހުންނަނީ އަހަރެންގެ އަތުގައި ހިފައިގެންނެވެ. ސަމަދު ކުރީގައި ހުރެގެން ފޯނުން އަލި ކުރިއެވެ. ނަސީބަކުން ގޭގެ ގޯތިތެރެއަށް އަލިވާނެހެން ބޮއްކެއް ހުއްޓެވެ. އެކަމަކު އެބޮކީގެ އަލިވެސް ހުރިހާ ހިސާބަކަށް ފޯރާވަރެއް ނުވެއެވެ.
އިޝާކޮށްގެން އަންނާނެ ވާހަކަ ބުނެފައި ސަމަދު ދިޔައީ އަނެއްކާވެސް ގެއަށެވެ. މަންމަ އަހަންނަށް ގުޅީ ގެއަށް ވަންތަނާއެވެ. އަހަރެން މަންމައާއި ވާހަކަ ދައްކަމުން ނިކުމެ ބެލްކަނީ ހުއްޓާ ކަޅު ބުޅަލެއް ގަސްތަކު ތެރެއިން ނިކުމެ ބަލަން އޮތެވެ. އޭގެ ފެހި ދެލޯ ދިއްލައިލުމުން އަހަރެންގެ މެއަށް ފިނިވެގެން އައެވެ. ޞާއިޤާއަށް ބުޅާ ދައްކަންވެގެން ގޮވައިލިތަނާ އޭތި ފިލައިފިއެވެ.
ނިދަން އުޅެ އެރޭ އެއްގޮތަކަށްވެސް ނުނިދުނެވެ. ތަންމަތި ބަދަލުވުމުން އެއީ އަހަރެންގެ ދުވަސްވީ އާދައެކެވެ. ނުނިދިގެން ފުރޮޅެން ފެށުމުން ޞާއިޤާއަށްވެސް އުދަނގޫވިހެން ހީވިއެވެ. އެކަމަކު އެއްޗެކޭ ނުބުނެއެވެ. އަންހެނުންނަށް އުދަނގޫ ނުވާހެން އަހަރެން ތެދުވެގެން ތިރިއަށް ދިޔައީމެވެ. ޓީވީ ހުޅުވައިގެން ސޯފާގައި އޮތްވާ ނިކަން ފަސޭހައިން ނިދިއްޖެއެވެ. ދެން ހޭލެވުނީ ދޮރެއް ހުޅުވާފައި ލެއްޕި އަޑަށެވެ. އަހަރެން ހީކުރީ ޞާއިޤާ ނިކުމެ ބަލާލައިފައި ވަނީ ކަމަށެވެ. ޓީވީ ނިއްވާލައިފައި މައްޗަށް ދިޔައީމެވެ. ސާއިޤާ އޮތީ ނިދަން ބިތްދޮށަށް އެނބުރިއެވެ. އަހަރެން އަތްލުމުން އޭނައަކަށް ނޭނގުނެވެ. ކޮނޑުގައި ހިފާ ތަޅުވައިލިތަނާ ހޭލައިފިއެވެ. ވެގެން އުޅެނީ ކީއްތޯ އޭނަ އެހިއެވެ. އެމޫނާއި ނިދި ރާގުން ދޭހަކޮށްދިނީ ޞާއިޤާ އޮތީ މިއޮތް ހުރިހާއިރު ނިދާފައި ކަމެވެ. އަހަރެން އިތުރަށް ސާފު ކުރަންވެގެން އެހުމުން އޭނަ ކިޔައިދިނެވެ. އެނދުގައި އޮށޯތްފަހުން ޞާއިޤާ ބޭރަކަށް ނުނިކުމެއެވެ. އަހަރެން ކަންބޮޑުވީ އެހިސާބުންނެވެ. ޔަޤީނުންވެސް ދޮރު ހުޅުވާފައި ލެއްޕި އަޑު އަހަރެންނަށް އިވުނެވެ.
ހެނދުނު ސަމަދާއި ބައްދަލުކޮށްފައި ގެއާއި ބެހޭގޮތުން އިތުރު ތަފްޞީލު ހޯދީމެވެ. ސަމަދު ބުނީ އެގޭގައި ރޫޚާނީ ކަމެއް ހިނގާފައިވާ ކަމެއް އެނގިފައި ނުވާ ކަމަށެވެ. އަހަރެން އެގޮތަށް އެހީ ކީއްވެކަން އޮޅުންފިލުވަން އޭނަ ބޭނުންވިއެވެ. އެކަމަކު އަހަރެންނަށް ބުނާކަށް ނުކެރުނެވެ. ސަމަދަކީ ދިމާކުރަން ފިސާރި ވަރެއް ހުންނަ ފިރިހެނެކެވެ. ޔަޤީން ނުވަނީސް ނުބުނިއްޔާ މާ ރަނގަޅު ވާނެއެވެ.
ޖެހިލުންވެފައި ހުންނައިރު މެހިވެސް ފެންނާނީ ފުރޭތައެއްގެ ސިފައިގައި ކަމުގައި މީހުން ކިޔާ އުޅެއެވެ އަހަންނަށް ހީވަނީ އަހަރެންނަށްވެސް ވީ އެހެންނެވެ. ވަޔާއެކު ދޮރު ހުޅުވުނަސް އަހަރެންނަށް އެދިމާއަކަށް ބަލައިލެވެއެވެ. ރޭގަނޑުގެ އަނދިރީގައި އެގޭ ގޯތިތެރޭ ހުންނަ ގަސްތައް ވަޔާއެކު ހޫރޭއިރު ބިރުވެރި ސޫރަތައް ސިފަވެއެވެ. ބެލްކަންޏަށް ނިކުންނައިރު ތިރިން ފެންނަ ކަޅު ބުޅާ އެއީ އާދައިގެ ބުޅަލެއް ކަމުގައި ސިކުނޑިއަށް ވިސްނަދޭން މަސައްކަތް ކުރަމެވެ.
އެހެން ރެއަކު އަހަންނަށް ހޭލެވިގެން ތިރިއަށް ފައިބަން ސިޑިއަށް އެރިތަނާ ގޭގެ މައިދޮރު ހުޅުވިފައި ހުރެ ލެއްޕެން ދަނިކޮށް ފެނުނެވެ. އަހަރެން އެދިމާއަށް ދާން ހިނގައިގަތީމެވެ. އެކަމަކު ސިޑީގެ ދެތިން ހަރުފަތް ގިރާ ނުކުރެވެނީސް ލެއްޕުނީއެވެ. މެއަށް ފިނިގަނޑު ވަދެގެން އައެވެ. އަހަރެން ވަގުތުން ގުޅީ ސަމަދަށެވެ. ސަމަދު ފޯނު ނެގީ އިރުކޮޅެއް ފަހުންނެވެ. އޭނަ ނިދިން ހޭލިކަން އަޑުން އިނގުނެވެ. ރަށުގައި ފަންޑިތައިގެ ކަންކަން އެނގޭ މީހަކު ހުރިތޯ އަހަރެން އެހީމެވެ. ޖެހިގެން އައި ދުވަހު ޞަމަދު އައީ ފަންޑިތަވެރިއަކު ގޮވައިގެންނެވެ. ޒަރީރު ތުންބައްދައިގެން ހުރެ ގޭގެ އެތަން މިތާ ހިނގައި ބެލިއެވެ. ދެން ފެންތަށްޓެއް ކިޔަވާފައި ގޭގެ ކުރިމަތީ ހުރި ގަސްބުޑަށް އެޅިއެވެ. އަހަރެންނަށް އެވަރަކުން ނުފުދުނެވެ. އަހަރެން އެހީ ގޭގައި ރޫޚާނީ ކަމެއް އުޅޭތޯއެވެ. ޒަރީރު އަނގައިން ނުބުނެ އިރުކޮޅަކު ހުރެފައި އެއްބަސްވިއެވެ. ފުރަން އަހަރެން ނިންމީ އެހިސާބުންނެވެ. ފޫނުބެއްދޭވަރުގެ ގެއްލުމެއް ނުލިބެނީސް އަމިއްލަ ސަލާމަތް ހޯދަން އަހަރެން ބޭނުމެވެ.
އެރޭ ހަތެއްގެ ފްލައިޓުން އަހަރެމެން ދާން ތައްޔާރުވީމެވެ. ފޮށިތައް ކާރަށް އަރުވައިގެން ދަތުރު ފެށީމެވެ. މުހިންމު އެއްޗެއް ނުގެނެވޭކަން ހަނދާންވީ ކާރުގައި އިންދައެވެ. ސަމަދު ކައިރީ އަހަރެން ބުނީ ތަޅުދަނޑި ދިނުމަށެވެ. ގެއާއި ދިމާއަށް ދެވެން އޮންނަ ހިމަ މަގާއި ހަމައިން ސަމަދު ކާރު ހުއްޓިއެވެ. އަހަރެން އެކަނި ދާން އުޅުމުން ސާއިޤާ ޖެހިލުންވިއެވެ. އެކަމަކު އަހަރެން ބޭނުންވީ އެކަނި ދާށެވެ. ތަޅުދަނޑިން ގެ ހުޅުވާފައި ވަދެ ފެންޑާގައި އޮތް ގަޑި ނަގައި ޖީބަށް ލީމެވެ. އެނބުރި ގޮސް އަހަރެން ނެގީ ފަހަތު ސީޓުގައި ބާއްވާފައި ދިޔަ ފޯނެވެ. ޞާއިޤާއާއި ސަމަދު އިނީ ކުރީގައެވެ. ފޯނަށް އެންމެ ފަހުން ރިކޯޑްވެފަ އިން ކްލިޕް ޕްލޭ ކޮށްލުމާއެކު ފުރަތަމަ އިވުނީ އަހަރެން ކާރުގެ ދޮރު ލެއްޕި އަޑެވެ. އެވަގުތު ޞާއިޤާ ހީގަތް އަޑު އިވުނެވެ. ޞާއިޤާ އެނބުރި ބަލައިލީ އެއަޑަށެވެ. ބިރުގެންފައިވާ ދެލޮލުން އޭނަ އަހަންނަށް ބަލައިލިއެވެ. ސަމަދު ހުރީ ބަލައިލަންވެސް ނުކެރިފައެވެ. ދެމީހުންގެ ސިއްރު ބައްދަލުވުންތައް އަހަރެންނަށް ސިއްރުވެފައި އޮވެގެން އެނބުރި ދެވޭގޮތް ވީކަމަށްޓަކައި ޞާއިޤާ އުފާ ކުރާ ވާހަކަ ކިޔައި ދެމީހުން އެއްބައިގައި ހުނެވެ. އަހަރެންގެ މޮޔަ ކަމަށް މަލާމާތް ކުރިއެވެ. ދެމީހުން އެކަކު އަނެކަކުދެކެ ވާ ލޯބި ހާމަ ކުރިއެވެ. އަހަރެން ހަމަޖެހިލައިގެން އިންއިރު ޞާއިޤާގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. އޭނަ އަހަންނާއި ވާހަކަދައްކަން އުޅުމުން އަހަރެން ދެކޮޅު ހެދީމެވެ. އަތުގެ އިޝާރާތުން އެންގީ ހުއްޓާލުނަށެވެ. ސަމަދަށް ގޮވާފައި އެންގުމުން ސަމަދު ކާރު ދުއްވިއެވެ. ބަނދަރާއި ހަމައިން ސަމަދު ކާރު މަޑުކުރިއެވެ. އަހަރެން ފޭބުމުން ޞާއިޤާ އަވަހަށް އަހަރެންގެ އަތުގައި ހިފަން މަސައްކަތް ކުރިއެވެ. އަހަރެން ބުނީ އަހަރުމެން އެކީ ކުރާ ދަތުރު އެހިސާބުން ނިމުނީ ކަމަށެވެ. އަދި ދެން އަހަރުމެން ބައްދަލުވާނީ ވަރިވާން ކޯޓުން ކަމުގައެވެ. ޞާއިޤާ ރޮއިރޮއި ހުއްޓާ އަހަރެން އޭނަ ބަހައްޓާފައި ލޯންޗްގައި ނައްޓާލީމެވެ.
އަހަރެންނަށް އެދެމީހުންގެ ކަންތައް ފަޅާއެރީ ސަމަދު ގެއިން ނިކުތްތަން ފެނުނު ރޭގައެވެ. އެތެރެ އަނދިރިކޮށް އޮންނައިރު ބޭރުން ހިނގާފައި ދާ މީހާ ރީތިކޮށް ފެނެއެވެ. އަހަންނަށް ސަމަދު ފެނުނެވެ. އޭނަ ދިޔައީ ޞާއިޤާ އާއި ސިއްރުން ބައްދަލު ކޮށްފައެވެ. ފޯނު ކުރުމުން ނިދީގެ އަސަރު އަޑަށް ގެނެސްގެން ކުޅުނީ ޑްރާމާއެވެ. އެނބުރި ކޮޓަރިއަށް ވަދެފައި ނޫންކަމަށް ހެދިގެން ޞާއިޤާގެ ގައިގައި އަހަރެން ބައްދާލީ އިތުރަށް ޔަޤީންކުރާށެވެ. އެހަށިގަނޑުގައި ހަރުލާފައި ހުރީ ސަމަދު ޖަހާ ސެންޓްގެ ވަހެވެ. ފުރަތަމަ ދުވަހު ގަސްތަކު ތެރެއަށް ވަނީވެސް ސަމަދެވެ. ޞާއިޤާ އެދުވަހު ކުރި ކަމަށް ބުނާ ފޯނަކީ އެއީއެވެ. ފުރަތަމަ ރޭ ދޮރު ހުޅުވީ ޞާއިޤާއެވެ. އެރޭ އަހަރެން ނިކުތުމުން އޭނަ އޮތީ ސަމަދަށް ގުޅައިގެންނެވެ. ދެން ގެއަށް ގެނަ ޒަރީރަކީ ސަމަދުގެ އެކުވެރިއެކެވެ.
އަހަރު ފުރޭ ދުވަސް ފާހަގަ ކުރަން ރާވައިގެން އަހަންނަށް އާދެވުނީ އެދިރިއުޅުން ހަލާކުގެ ތެރެއަށް ވައްޓާލާށެވެ. ސަމަދާއި ހަތަރުކަޅި ބައްދަލުވީ ވަގުތުން ފެށިގެން ޞާއިޤާ ހުރީ އަޅައިގަނެފައެވެ. އަލި ހުރަސްގައި އަހަރުމެން ތިބި މަދު ދުވަސްކޮޅަކީ ޞާއިޤާ އާއި ސަމަދުގެ ލޯބި ފައްކާކުރަން ދެވުނު ރަނުގެ ފުރުސަތެކެވެ. --ނިމުނީ--