16 ޖޫން 2017 - 22:34

މަޖީދީމަގުގައި މަރާމާތުކޮށް ނިިމިފައިވާ ސަރަހައްދުގައި ފެން ހިންދަން ހަދާފައި ހުރި ބައެއް ކާނުތަކުގެ މަތިގަނޑު ހަލާކުވެފައި ހުއްޓާ އޭގެ ކާނެއްގެ ތެރެއަށް މާބަނޑު އަންހެނެއްގެ ފައި ގެނބިގެން ގޮސް، އޭނާއަށް އެކިވަރުގެ އަނިޔާވެއްޖެ އެވެ.
މަޖީދީމަގު މަރާމާތު ކުރަން ހިންގާ މަޝްރޫއުގެ ދަށުން މިހާރު މަސައްކަތް ނިމިފައިވާ ސަރަހައްދުތަކުގައި ހުންނަ ބައެއް ކާނުތައް ވަގުތީ ގޮތުން ބަންދުކޮށްފައި ހުންނަނީ ދަގަނޑުތަކެއް ފްރޭމެއް އެޅުމަށް ފަހު އޭގެ މަތީގައި ފިލާގަނޑެއް ބާއްވައިގެންނެވެ. އޭގެ ބައެއް ފިލާތައް ފީވެ، ހަލާކުވެފައި ހުންނާތީ ދެން ހުންނަނީ ދަގަނޑު ފްރޭމް އެކަންޏެވެ.
އެގޮތަށް ހުރި ކާނެއްގެ ތެރެއަށް ފައި ގެނބިގެން ގޮސް އަނިޔާވީ މަޖީދީމަގު އަގޯރާ ސަރަހައްދުން ހިނގާފައި ދިޔަ މާބަނޑު އަންހެނަކަށެވެ. ބަނޑަށް ފަސް މަސް ވެފައިވާ އެ މީހާ އެތަނަށް ގެނބިގެން ގޮސް، ފައިގެ އެކި ތަންތަން މަށައިގެން ގޮސް، އަނިޔާވެފައިވާ ކަމަށް އެ އަންހެން މީހާގެ އާއިލާގެ މެމްބަރަކު ބުންޏެވެ.
"ގަންބައިގެން ގޮސް ފައިގެ އުކުޅުވަޅު ގޮސް ދަގަނޑުގައި ޖެހިފައި ހުއްޓުނީ. އެކަމަކު ވެއްޓިގެން ދިޔަ ގޮތުން ތަނެއްގައި އަތް އެޅި އެކަހަލަ ކަމެއްވީމަ ކަން ނޭނގެ ނަސީބަކުން ތަނެއް ބިންދައިގެނެއް ނުދޭ. އެކަމަކު ފައި މަށައިގެން ގޮސްފައި ހުރީ. ގެއަށް ގޮސް އައިސް އަޅާ އެކަހަލަ ކަންތައްތަކެއް ކުރަން ޖެހުނު. އޭނާ ބުނި ކޮންމެވެސް ބަނޑަށް ވެސް ތަދުވިއޭ،" އާއިލާގެ މެމްބަރު ބުންޏެވެ.
އެ ހާދިސާ ދިމާވުމުން ހައުސިން މިިނިސްޓްރީ އާއި ފުލުހުންގެ ސަމާލު ކަމަށް ވެސް އެކަން ގެނައި ކަމަށާއި އެކަން ރަނގަޅު ކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނި ކަމަށް އޭނާ ބުންޏެވެ.
"އަޅުގަނޑު ފުލުހުންނަށް ގުޅާފައި ބުނިން މިކަން މިހެން ދިމާވެއްޖެއޭ. އެކަމަކު ކޮންމެހެން މައްސަލައެއް ފައިލް ކުރާކަށް ނޫނޭ މި ގުޅީ. އެހެން މީހަކު ވެސް އެތަނަށް ވެއްޓި ކަމެއް ދިމާވެދާނެތީ ބުނެލީއޭ،" އޭނާ ބުންޏެވެ.
ހައުސިން މިނިސްޓްރީންގެ ބުނީ އާންމު ގޮތެއްގައި ކާނުތައް ހުންނާނީ މީހުންނަށް ގެއްލުން ނުވާނެ ފަދަ ގޮތަކަށް ބަންދު ކޮށްފައި ކަމަށާއި މިއަދު އެ ހާދިސާ ދިމާވުމާ އެކު އެ ކާނު ރަނގަޅު ކޮށްފައިވާ ކަމަށެވެ.
"އެ ވާހަކަ ތަންކޮޅެއް ބޮޑުކޮށްގެން އަސްލު މި ދެކެވެނީ. ކާނުތައް ހުންނާނީ ދަގަނޑު ފްރޭމް އަޅާފައި. އޭގެ ތެރެއަށް މީހެއްގެ ފައި ގެނބިގެން ދިއުމުގެ ފުރުސަތެއް އަސްލު ވަރަށް ނޯންނާނެ." ހައުސިން މިނިސްޓްރީގެ މީޑިއާ ކޮންސަލްޓަންޓް އަހުމަދު ފަޒާލް ވިދާޅުވި އެވެ.
ފަޒާލް ވިދާޅުވި ގޮތުގައި ކާނުތައް މިހާރު ބަންދު ކޮށްފައި ހުންނަނީ އޭގެ މަތީގައި އަޅަން ހަމަޖެހިފައިވާ އަސްލު ފްރޭމްތައް ލިބެންދެން ވަގުތީ ގޮތުންނެވެ. އެކަމަކު މީހުންނަށް ގެއްލުންވާ ގޮތަށް ހުރި އެފަދަ ތަންތަން މިހާރު ވެސް ރަނގަޅު ކުރަމުންދާ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.
"ކާނުތަކުގެ މަތިތައް ލިބެންދެން ވަގުތީ ގޮތުން ބަންދު ކޮށްފައި މިހާރު އެ ހުންނަނީ. އެކަމަކު މިހާރު ވެސް މީހުންނަށް ގެއްލުންވާނެ ފަދަ ގޮތަކަށް ހުރި ތަންތަން މިނިސްޓްރީން މި ރޯދަ މަހު ވެސް މިދަނީ ބަލައި، ރަނގަޅު ކުރަމުން،" ފަޒާލް ވިދާޅުވި އެވެ.
މަޖީދީމަގު މަރާމާތު ކުރަން ހިންގާ މަޝްރޫއުގައި، ކުރިން ހުރި ބަހައްޓާފައި ހުރި ކާނުތައް ނެގުމަށް ފަހު ބަހައްޓާފައިވަނީ އާ ކާނުތަކެކެވެ. އެ ކާނުތަކުން ފެން ހިންދަން ހަމަޖައްސާފައިވަނީ އެކަމަށް ޚާއްސަ ޑްރެއިނޭޖް ސިސްޓަމް ބޭނުން ކޮށްގެން ކަމަށް ހައުސިން މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ.