އާ އުސޫލުގެ ސަބަބުން ގިނަ ފަސޭހަތަކެއް ރައްޔިތުންނަށް ލިބޭނެ: ޕޮލިސް
އާ އުސޫލުގެ ސަބަބުން ގިނަ ފަސޭހަތަކެއް ރައްޔިތުންނަށް ލިބޭނެ: ޕޮލިސް

ފުލުހުންގެ ތަހުގީގުތަކަށާއި އެ ނޫން ބޭނުންތަކަށް މީހުން ހާޒިރު ކުރުމުގައި އަމަލުކުރަން އަލަށް ހެދި އުސޫލުގެ ސަބަބުން އާންމު ރައްޔިތުންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ފުލުހުން ބުނެފި އެވެ.

އެ އުސޫލު ހަދައި، އިއްޔެ އާންމުކޮށްފައިވާއިރު އެ އުސޫލު ބުނާގޮތުން ވަގުތުން ހާޒިރު ކުރަންޖެހޭ މީހުން ފިޔަވައި އެހެން މީހުން ފުލުހަށް ހާޒިރު ކުރެވޭނީ ތިން ގޮތަކުން ކުރެ ގޮތަކަށް އަންގައިގެންނެވެ. އެއީ ޗިޓް ފޮނުވައިގެން ނުވަތަ ފޯނުން އަންގައިގެން ނުވަތަ ބައްދަލުކޮށް، އެކަން އަންގައިގެންނެވެ. ޗިޓް ފޮނުވައިގެން ހާޒިރު ކުރާ ނަމަ ސޯޝަލް މީޑިއާ މެދުވެރިކޮށް ވެސް ޗިޓް ފޮނުވޭ ގޮތަށް އުސޫލުގައި ވަނީ ހިމަނައިފަ އެވެ.

ފުލުހުން ބުނީ އެ އުސޫލުގައި ބަޔާންކޮށްފައިވާ ޗިޓުގެ ސަބަބުން، ހާޒިރު ކުރެވޭ މީހާއަށް ދުރާލާ ގިނަ މައުލޫމާތުތަކެއް ލިބޭނެ ކަމަށެވެ. އެގޮތުން ހާޒިރު ކުރެވޭ ބޭނުމާއި މައްސަލައިގެ ތަފްސީލާއި ކުރެވޭ ތުހުމަތުގެ ޚުލާސާ އާއި ފުލުހުންގެ އިދާރާގައި ހޭދަވާނެ ކަމަށް ލަފާ ކުރެވޭ ވަގުތު ފަދަ މައުލޫމާތުތައް އެ ޗިޓްގެ ސަބަބުން ކުރިއާލައި އެނގޭނެ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި އެ ޗިޓަކީ އަންނަ މަހުގެ ދެވަނަ ދުވަހު އަމަލު ކުރަން ފަށާ ޖިނާއީ އިޖްރައާތުގެ ގާނޫނާ އެއްގޮތަށް ފަރުމާ ކޮށްފައިވާ ޗިޓެކެވެ. އެގޮތަށް ޗިޓް ތައްޔާރު ކުރަން ހަމަޖެއްސުމުގެ މަގްސަދުތަކުގެ ތެރޭގައި ޖިނާއީ އިޖްރައާތުގެ ގާނޫނަށް ރައްޔިތުން ހޭލުންތެރި ކުރުން ވެސް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ހެދި އުސޫލު ބުނާގޮތުން ސޯޝަލް މީޑިއާ މެދުވެރިކޮށް މީހަކަށް ޗިޓް ފޮނުވުމުން އެ ވަސީލަތަކުން ޗިޓް "ޑެލިވާ" ވެއްޖެ ކަމަށް ނުވަތަ "ސީން" ކަމަށް އޮޓަމެޓިކުން ޖަވާބު ލިބޭ ހާލަތްތަކުގައި ޗިޓް ރައްދުވީ ކަމަށް ބެލެވޭނެ އެވެ.